Roadha Mihaaru
ރާއްޖެ-ލަންކާގެ ނުތަނަވަސްކަމެއް ނެތް: މުންދު

ރާއްޖެ އާއި ލަންކާއާ ދެމެދު ނުތަނަވަސްކަމެއް ނެތް: މުންދު

07 ސެޕްޓެމްބަރ 2017

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށް، ސްރީ ލަންކާއަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށް، ސްރީ ލަންކާއަށް ރާއްޖެއިން ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން، ލަންކާ ސަފީރަކަށް މުންދު އައްޔަން ކުރެއްވި އިރު ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ލަންކާ ވެފައި ވަނީ މުހިންމު މަރުކަޒަކަށެވެ. ހާއްސަކޮށް، 13 އަހަރުގެ ޖަލު ހުކުމެއް އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޭތެރެ ދޭތެރެއިން ލަންކާއަށް ވަޑައިގެން އެކި ބައްދަލުވުންތައް ބާއްވަވަ އެވެ. މީގެ އިތުރުން އިދިކޮޅު އެހެން ސިޔާސީ ބައެއް ލީޑަރުން ލަންކާއަށް ވަޑައިގެން، ނަޝީދާއި ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރައްވައި، ރާއްޖޭގެ ހާލަތު ދަނީ އެބޭފުޅުންނާ ހިއްސާކުރައްވަ އެވެ.

ލަންކާ ސަފީރަކަށް މުންދު އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޔާމީން، އޭނާއާ އިއްޔެ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ލަންކާ ސަފީރަކަށް މުންދު އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޔާމީން، އޭނާއާ އިއްޔެ ހަވާލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

"މިހާރު" އާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އުފެދިފައި އޮތީ ޒަމާންވީ ގާތް ގުޅުމެކެވެ. ދެ ގައުމުގެ ދޭތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ކާމިޔާބު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަންކާ އާއި ރާއްޖެއާ ދެމެދު ހާއްސަ ގުޅުމެއް އޮވޭ. އެކަމަކު ދެ ގައުމުގެ ދެމެދު ނުތަނަވަސްކަން އުފެއްދުމަށް ޖާގައެއް ނޯންނާނެ،" މިވަގުތު ލަންކާގައި ހުންނެވި މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރާއި ލަންކާ ސަރުކާރު ޖެއްސުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރެ އެވެ. ނަމަވެސް އެ މަސައްކަތަށް ވެސް ކާމިޔާބު ނުވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ލަންކާގައި ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ވަކި އިމެއްގެ ތެރެއިން އެބައޮތް ކަމަށާއި އެބޭފުޅުން ކުރައްވާ ކަންކަމާ ބެހިވަޑައިނުގަންނަވާނެ ކަމަށް މުންދު ވިދާޅުވި އެވެ. އަދި މަގާމާ ހަވާލުވެވަޑައިގަތީ ލަންކާގައި އުޅޭ ދިވެހިންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލަންކާގައި ވިޔަސް، ޓްރިވެންޑްރަމް ވިޔަސް، ރާއްޖޭގެ ރައްޔިތަކަށްވީތީ ލިބެން ޖެހޭ ހިދުމަތްތައް ލިބެން ޖެހޭނެ ދިވެހި ޕާސްޕޯޓެއް އަތުގައި އޮތްނަމަ،" މުންދު ވިދާޅުވި އެވެ.

ސްރީ ލަންކާގެ ރައީސް ސިރިސޭނާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ސްރީ ލަންކާގެ ރައީސް ސިރިސޭނާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ނަޝީދަކީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅެއް ކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ ގާނޫނީ އިމުގެ ތެރޭގައި ހުރި ކޮންމެ މީހަކަށް އެމްބަސީން ހިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް ހިދުމަތް ދެވޭނީ ހުކުމެއް ތަންފީޒު ނުކުރައްވާ ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްބަސީ އަށް އަންނަ މީހަކީ ވަކި ޕާޓީއެއްގެ މީހެއްތޯއެއް ނުބަލާނަން. ވަކި ޕާޓީއެއްގެ މީހެއްވީމަ، ހިދުމަތް ދޭކަށް ނޫޅެން. އެންމެންނަށް ވެސް ހިދުމަތް ލިބޭނެ،" މުންދު ވިދާޅުވި އެވެ.

ލަންކާގައި 14،000 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ އެ ގައުމުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށެވެ. އެގޮތުން ސަރުކާރުގެ ބިމެއްގެ ގޮތުގައި އޮތް ސޯސަންވިލާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތަން ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

"މި ސަރުކާރު އައި ފަހުން، ރާއްޖޭގެ ރަށެއްގެ އުޅޭ ރައްޔިތުންނެކޭ އެއްފަދައިން ލަންކާގައި އުޅޭ ދިވެހިންނަށް ހިދުމަތްތަކެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރެވިގެން އެކަން މި ކުރަނީ،" މުންދު ވިދާޅުވި އެވެ.

ލަންކާގައި އުޅޭ ދިވެހިން އެންމެ ބޮޑަށް ބޭނުންވި އެއް ހިދުމަތަކީ އާސަންދަ ކަމަށާއި ހާއްސަ އިންތިޒާމެއްގެ ދަށުން ފަސޭހަ އިންތިޒާމުތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

މީގެ އިތުރުން ސޯސަންވިލާ އަކީ ތައުލީމީ ހިދުމަތްދޭ ތަނެއްގެ ގޮތުގައި ބަދަލުކޮށް، 500 އަށްވުރެ ގިނަ ދަރިވަރުން އެތަނުގައި ހިދުމަތް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސޯސަންވިލާގައި ޖާގައިގެ ދަތިކަން ކުރިމަތިވެ، އެތަން ބޮޑުކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ރުހުން ދެއްވި މުންދު އޮގަސްޓް 2016 އިން ފެށިގެން މިހާތަނަށް ހުންނެވީ ޖަޕާންގެ ސަފީރަކަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނަވައި، އެ ސަރުކާރު ދިފާއު ކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް އޭރު ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ. މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.