Roadha Mihaaru
ނަޝީދަށް މުންދު: ހިމާޔަތް އޮތްކަން ލިޔުމުން ދައްކަވާ

މުންދުގެ އިންޒާރު ނަޝީދަށް: ހިމާޔަތް އޮތްކަން ލިޔުމުން ދައްކަވާ، އެހެން ނޫނީ ދިވެހި ސަރުކާރުގެ އަމުރު ހިނގާނެ

18 ސެޕްޓެމްބަރ 2017

ތިރީގައި މިވަނީ "މިހާރު"ގެ އަހުމަދު ހަމްދޫނަށް މުންދު ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

ހައްޔަރު ކުރަން ޖެހިއްޖިއްޔާ، ލަންކާގެ މަގުމައްޗަށް އަމިއްލަ އަށް ނުކުމެގެން ވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރާނެ ކަމަށް ރާއްޖެ އިން އެ ގައުމަށް ކަނޑައެޅި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވުމާ އެކު އޭނާ އަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުވި އެވެ. ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން ނަޝީދުގެ ބޭރުގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ބަޔާން ނެރެ، މުންދު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިނުގަންނަވަނީސް ވަނީ ސިޔާސީ ޕްރެޝަރަށް ވައްޓާލައިފަ އެވެ. އޭގެ ރައްދުގައި މުންދު މިހާތަނަށް މާ ގިނަ ވާހަކަތަކެއް ނުދެއްކެވި ނަމަވެސް އިއްޔެ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަނީ ބައެއް ތަފުސީލުތަކަށް ވަޑައިގެންފަ އެވެ.

ތިރީގައި މިވަނީ "މިހާރު"ގެ އަހުމަދު ހަމްދޫނަށް މުންދު ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

ނަޝީދު ހައްޔަރުކުރާނެ ކަމަށް ވިދާޅުވި މައިގަނޑު ސަބަބަކީ ކޮބައިތޯ؟

މުހައްމަދު ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަނިކޮށް، ހުއްދައެއްގެ ތެރެއިން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ބޭފުޅެއް. ހާއްސަ ފަރުވާއެއް ނުވަތަ ސާޖަރީއެއް ހަދަން ރާއްޖެ އިން ބޭރަށް ވަޑައިގަތީ. މިގޮތަށް ރާއްޖެ އިން ބޭރަށް ކުށްވެރިން ގޮސްފައި ވަރަށް ކުރިއްސުރެ އެބަހުރި މީހުން ގެއްލިފައި. ފިލާފައި، ވީނުވީއެއް ނޭނގިފައި. އެމީހުންނާ ނަޝީދަކާ އަޅުގަނޑަށް ވަކި ތަފާތެއް ނެތް. ނަޝީދަށް ވަކި ގާނޫނެއް، އެހެން މީހަކަށް ވަކި ގާނޫނެއް ދިވެހިރާއްޖޭގައި ނުހިނގާނެ. ނަމަވެސް މުހައްމަދު ނަޝީދަކީ އެބޭފުޅުންގެ ޕާޓީގެ އެންމެ އިސް ބޭފުޅާ ކަމަށް ނުވަތަ އެމްޔޫއޯގައި މައުމޫން ނަގާފައި އެންމެ އިސް ބޭފުޅާ ކަމަށް ވަނީ ނަމަ އެއީ މުހިންމު ބޭފުޅަކަށް ވާނެ. އެކަމަކު ނަޝީދަކީ އަޅުގަނޑަށް ފިއުޖިޓިވްއަކަށް ކަމަށް ވަންޏާ ދައުލަތުގެ މުއައްސަސާއަކުން، މިސާލަކަށް ކޯޓަކުން އަމުރެއް އައިސްފިއްޔާ، އަޅުގަނޑު އެއަށް ތަބާވާނެ. އަޅުގަނޑަކީ ދައުލަތުގެ މުވައްޒަފަކަށް ވީމާ، އަޅުގަނޑަށް އަމުރެއް އައީމާ އެއަށް ތަބާވާނެ. އެ ހުކުމް އައީމާ އޭގައި އޮތް ގޮތަށް އަޅުގަނޑު އަމަލުކުރާނަން. އޭގެ އަނެއްކޮޅު ވެސް އެބަ އޮތް. މިސާލަކަށް މުހައްމަދު ނަޝީދަކީ ކޮންމެެވެސް ބޭރު ގައުމެއްގެ ރައްޔިތެކޭ، ދިވެއްސެއް ނޫނޭ. ދިވެއްސަކަށް ވުމުގެ އިތުރުން ބޭރު ގައުމެއްގެ ރައްޔިތަކަށް ނަޝީދު ވެއްޖެއޭ. ކަށަވަރުވެއްޖެއޭ އެކަން. އެހެންވީމާ އެބޭފުޅާގެ މައްޗަށް ހިނގާނީ ކޮންމެވެސް އެހެން ގައުމެއްގެ ގާނޫނޭ. އެހެންވީމާ ނަޝީދުގެ ކަންކަމާ އަޅާނުލާން އަންގައިފިއްޔާ އަޅައެއް ވެސް ނުލާނަން.

ނަޝީދަކީ އިނގިރޭސި ވިލާތުން ހިމާޔަތްދީފައިވާ ބޭފުޅެއް ނޫންތޯ؟ ދެން ކިހިނެއްތޯ ދިވެހި ސަރުކާރަށް އެމަނިކުފާނު ހައްޔަރުކޮށްގެން ރާއްޖެ ގެންނާނީ؟ ނަޝީދު އެހާ ފްރީކޮށް ބޭރު ދުނިޔޭގައި އެ އުޅުއްވަނީ ދުނިޔެ ބަލައިގަންނާތީ ނޫންތޯ؟

ކޮން ތާކުންތޯ މުހައްމަދު ނަޝީދަށް ހިމާޔަތްދިނީ؟ ލިޔުމަކުން ތިކަމެއް ފެންނާކަށް ނެތޭ. އަޅުގަނޑެއް ނުދެކެން. އަޅުގަނޑަށް މުހައްމަދު ނަޝީދު ލިޔުމުން ދެއްވާ، ތިމަންނާ އަކީ ދިވެހި ރައްޔިތެއް ނޫނޭ. ނޫނީ ތިމަންނަގެ އަތުގައި ރާއްޖޭގެ ޕާސްޕޯޓެއް ނެތޭ. ނުވަތަ ތިމަންނައަކީ ޑުއެލް ސިޓިޒަންޝިޕް އޮންނަ މީހެކޭ. ނުވަތަ ތިމަންނަ އަކީ އިނގިރޭސި ސަރުކާރުގެ ހިމާޔަތުގެ ދަށުން ތިމަންނަ ގެންގުޅެނީ އިނގިރޭސި ޕާސްޕޯޓެކޭ. އެހެންވީމާ އިނގިރޭސި ގާނޫނަށް އަޅުގަނޑު އެންމެ އަހުލުވެރި ގޮތަކަށް ބަލާފައި އެބޭފުޅާގެ ކަންކަން ގެންދާނަން އެ އޮންނަ އުސޫލުގެ ތެރެއިން.

ނަޝީދާއި އެމަނިކުފާނުގެ ވަކީލު އަމަލް ކްލޫނީ އިނގިރޭސިވިލާތުގައި.--- ފޮޓޯ: އޭއެފްޕީ

ނަޝީދާއި އެމަނިކުފާނުގެ ވަކީލު އަމަލް ކްލޫނީ އިނގިރޭސިވިލާތުގައި.--- ފޮޓޯ: އޭއެފްޕީ

ނަޝީދުގެ ވަކީލު ވެސް ވިދާޅުވި ނޫންތޯ އެމަނިކުފާނަކީ ހިމާޔަތް ދީފައިވާ ބޭފުޅެކޭ.

ވަކީލު އެހެން ވިދާޅުވިޔަކަސް ނުފުދޭ. އަޅުގަނޑުމެންނަށް ބޭނުންވާނެ މެޓީރިއަލް އެވިޑެންސް. ނޫނިއްޔާ އެ މެޓީރިއަލް މީޑިއާއަށް ދެއްވާ. އިނގިރޭސި ވިލާތުން އެބޭފުޅާ އަށް ދެއްވާފައިވާ ލިޔުން "މިހާރު" އަށް ދެއްވާ.

ތިޔަ ވިދާޅުވަނީ ނަޝީދަށް ހިމާޔަތްދިން ކަމުގެ އެއްވެސް ޑޮކިއުމަންޓެއް ސަރުކާރުގައި ނެތް ކަމަށްތޯ؟

އެކަމެއް ނޭނގޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުން ނަމަ ނަޝީދު ނުވަތަ އެބޭފުޅާގެ ވަކީލުން ނުވަތަ އިނގިރޭސި ދައުލަތަކުން ނެތް އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް ދީފައެއް. އެހެންވެއްޖިއްޔާ އަޅުގަނޑުމެން މިވަގުތު އެމަނިކުފާނާ މެދު އަމަލުކުރާނީ ދިވެހި ރައްޔިތެއްގެ ގޮތުގައި. ފިލައިގެން އުޅުނަސް އެއީ ދިވެހި ރައްޔިތެއް. ދިވެހި ރައްޔިތެއް ކަމަށް ވަންޏާ ދިވެހިރާއްޖޭގެ ގާނޫނު ހިނގާނެ. ދިވެހިރާއްޖޭގެ ގާނޫނު ހިނގާ ނަމަ އެ ގާނޫނުތަކުގެ ތެރެއިން އުފެދިފައިވާ މުއައްސަސާތަކުން ބުނާ އެއްޗަކަށް އަޅުގަނޑު ޖެހޭނެ ތަންފީޒު ކުރަން. އެކަން ނުކޮށްފިއްޔާ އަޅުގަނޑު ވާނީ ނަޝީދަކަށްނު. ނަޝީދަކީ ދިވެހިރާއްޖޭގެ ރައްޔިތެއްތޯ ނުވަތަ އަނެއް ދިވެހިރާއްޖޭގެ ރައްޔިތެއްތޯ އެބޭފުޅާ ލިޔުމުން އަޅުގަނޑަށް ސާފުކޮށްދެއްވާ. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ އެބޭފުޅާއާ ދޭތެރޭގައި ޕޮލިސީ ޑިސިޝަން ނަގަން. ހިމާޔަތް ދީފައި އޮތިއްޔާ އިނގިރޭސި ދައުލަތުގެ ކަންކަން އެބޭފުޅާ އަށް ހިނގާނީ. އެބޭފުޅާ އަކީ އިނގިރޭސި ރައްޔިތަކަށް ވެއްޖިއްޔާ އަޅުގަނޑުމެން އިނގިރޭސި ރައްޔިތުންނަށް އިހުތިރާމް ކުރާނަން.

ތިޔަ ވިދާޅުވީ ނަޝީދަށް ހިމާޔަތް ދީފައިވާ ކަމުގެ ލިޔުންތައް ނުދެއްކޭހާ ހިނދަކު ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު ވެފައިވާ މުއާހަދާތައް ނަޝީދުގެ މައްޗަށް ހިނގާނެއޭތޯ؟

ޔަގީން ހިނގާނެ. ކުށްވެރިން ބަދަލުވުމުގެ އެއްބަސްވުމަކަށް ނަޝީދު ފިޓެއް ނުވާނެ. ނަޝީދު ފިޓްވާނީ އެކްސްޓްރެޑައިން ކުރަން ޖެހޭ ހާލަތަށް. އެއީ [ދިވެހި ސަރުކާރުން] އަޅުގަނޑުމެންނަށް ރިކުއެސްޓެއް ފޮނުވަން ޖެހޭނީ މިވެނި ނަމެއް ކިޔާ މީހަކު ލަންކާގައި އެބަ އުޅެއޭ. އޭނާ ފޮނުވައިދޭށޭ. އެފަދަ ހުކުމެއް އައިސްފިއްޔާ އެއީ ކޮންމެ މީހަކަށް ވިޔަސް އަޅުގަނޑު އަމަލުކުރާނެ.

ސްރީލަންކާގެ ރައީސް ސިރިސޭނާއާ ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ސްރީލަންކާގެ ރައީސް ސިރިސޭނާއާ ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ނަޝީދު ނޫނަސް މިހާރު ވެސް ލަންކާގައި އެބަ ތިއްބެވި ނޫންތޯ ދިވެހި ޕާސްޕޯޓް ކެންސަލް ކޮށްފައި ތިއްބެވި އިދިކޮޅު ބޭފުޅުން. އެބޭފުޅުންނާ މެދު ވެސް ތިޔަ ގޮތަށް އަމަލު ކުރައްވާނަންތޯ؟

ތަފާތެއް ނުކުރާނެ. އެހެން މީހުންނާ މެދު ވެސް އަމަލުކުރާ ގޮތަށް ތިޔަ ވިދާޅުވާ ބޭފުޅުންނާ މެދު އަމަލުކުރާނީ. ދެން ނަޝީދުގެ މައްސަލާގައި ކޯޓުން ވިދާޅުވޭ ތިޔައީ ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅެކޭ. ތިޔަ މަނިކުފާނުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ވަކި ގޮތަކަށޭ. އެހިސާބުން އެގޮތަކަށް އަޅުގަނޑު އަމަލުކުރާނީ. މިއީ ވަރަށް ސިމްޕަލް ކަމެއް.

ވަރަށް ގިނަ މީހުން ބުނޭ ލަންކާ ސަރުކާރާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ވަރަށް ގުޅުން ބޮޑޭ. އެހެންވީމާ ނަޝީދު ވިޔަސް އަދި އިދިކޮޅު އެހެން ބޭފުޅެއް ވިޔަސް ރާއްޖެ ގެންދިއުމަށް ލަންކާ އިން އެހީނުވާނެ ކަމަށް ބުނޭ.

ތިޔަ ކަހަލަ ކަމެއް ހިނގީމާ އެއްޗެއް ބުނަން އެނގޭނީ. އެމްޑީޕީ އަކީ ފޮނި އަނގަ ތަޅަން މޮޅު ބައެއް. އަދި އަޅުގަނޑު ހަވާލުވި ފަހުން ތިޔަ ފަދަ ކަމެއް ނާދޭ. ސްރީ ލަންކާ ސަރުކާރުން އަމަލުކުރާ ހިސާބާ ހަމައަށް ބަސް ބުނާ ހިސާބަށް ދިޔައިމާ އެ ދަނީ އެ ގައުމުގެ ސަރުކާރުން ކުރާ ކަންކަމަށް ދަނޑިބާނާ ހިސާބަށް. އެކަމެއް އެބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ނުކުރެވޭނެ. ކޮށްގެން ނުވާނެ. އަޅުގަނޑު ދަންނަވަން އޮތީ މިހާރު ބިރު ނަގައިގެން ނަޝީދާއި ޔޫރަޕްގައި ތިބި ލޯޔަރުންތަކެއް މިއުޅެނީ ކީއްވެހޭ؟ އެމްޑީޕީން 10 ވަރަކަށް ދުވަސް ވެއްޖެ އެހެން އެއްވެސް ކަމެއް ނުކުރާތާ. އެމްޑީޕީން އަޅުގަނޑަށް ރައްދު ދިނުން ފިޔަވައި އޮއްޓަރު ހުރި ކަމެއް ކުރާތަނެއް މިދިޔަ 10 ވަރަކަށް ދުވަހު ނުފެނޭ. އެހާ ޔަގީންކަން ބޮޑިއްޔާ ކީއްވެތޯ އެހާ ބިރުން އުޅެނީ؟. އެހާ ޔަގީންކަން އޮތިއްޔާ ބުނަންވީ ނޫންތޯ ތިޔަ ފަދަ އެންގުމެއް މުންދާ ހަމައަށް އަޔަސް އެކަމެއް [ލަންކާ ސަރުކާރުން] ތަންފީޒު ނުކޮށްދޭނެއޭ. އެހިސާބުން އެކަން ނިންމާލަންވީ ނޫންތޯ؟ ކުރީގެ ތިން ފޮރިން މިނިސްޓަރުން އަވަހާރަފުޅު ނުލައްޕަވައި އެ އުޅުއްވަނީ މިކަމެއްގައި. ނަޝީދުގެ ކެބިނެޓުގައި ތިއްބެވިހާ ބޭފުޅުން މިކަމެއްގައި. އެމީހުންގެ ޓްވީޓް ކުރާ ހުރިހާ އެންމެން މިކަމެއްގައި. ހުދު ނަޝީދު މިކަމެއްގައި. ނަޝީދާއި އަން ސަންސޫޗީގެ ލޯޔަރު ޖެރެޑްހަމަ މިކަމެއްގައި. އަމާލް ކްލީނޫ މިކަމެއްގައި. ނަޝީދަށް ޔަގީންކަން އޮތިއްޔާ މިހާވަރުން އުޅެނީ ކީއްވެގެންތޯ؟ އަޅުގަނޑާއި އަޅުގަނޑުގެ މައިންބަފައިންނާ ގުޅޭ ގޮތުން ހުތުރު އެއްޗެހި ޓްވީޓް ކުރައްވާ ވަރަކަށް ދޭހަވަނީ އެހެން އެއްޗެއް. އަޅުގަނޑަކީ ތަންދޮރު ނުދަންނަ މީހެއް ނޫނޭ. އަޅުގަނޑާ ދިމާއަށް އެއްޗެކޭ ގޮވާލީމާ އަޅުގަނޑު ރަޖާލައިގެން އޮންނާނެ ކަމަށް ހީފުޅުވަންޏާ އެއީ ސިޔާސީ ގޮތުން އަޅުގަނޑަކީ ކާކުކަން ނުދަންނަ މީހުން. އަޅުގަނޑުގެ އަމަލެއް، ވިސްނުމެއް، ސިޔާސީ ފިކުރެއް ވެސް ބަދަލެއް ނުވާނެ. މަސައްކަތް ކުރާ ގޮތް ވެސް ބަދަލެއް ނުވާނެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖާފަތުގައި ލަންކާގެ ރައީސް ސިރިސޭނާ (ކ-3) ރައީސް ޔާމީންގެ ދެކަނބަލުންނާއި ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުންނާއެކު.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖާފަތުގައި ލަންކާގެ ރައީސް ސިރިސޭނާ (ކ-3) ރައީސް ޔާމީންގެ ދެކަނބަލުންނާއި ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުންނާއެކު.---ފޮޓޯ: ރައީސް އޮފީސް

މުންދު އަމަލުކުރައްވަނީ ޑިޕްލޮމެޓިކް އުސޫލުތަކާ ވެސް ޚިލާފަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައި ނޫންތޯ؟

އަބްދުﷲ ޝާހިދަކީ އަޅުގަނޑުގެ ކުރީގެ ބޮސް. އަބްދުﷲ ޝާހިދަކީ އަޅުގަނޑު ލައްވައި ޚާރިޖީ މަސައްކަތްތައް ވެސް ކުރުއްވި ބޭފުޅެއް. އަދި އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެއް. އެހާ ފުންނާބު އުސް، ޚާރިޖީ މާހިރަކު އެހެން ވިދާޅުވީމާ އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑު ޖަޕާނުގެ ސަފީރަކަށް ފޮނުވަން މަޖިލީހަށް ފޮނުއްވި ދުވަހު އެމަނިކުފާނު އަޅުގަނޑަށް ވަރަށް ހެޔޮފުޅު. ގުޅުއްވާފައި ވިދާޅުވި ތިމަންނަ އާންމުކޮށް މިކަހަލަ ވޯޓުތަކުގައި ބައިވެރިއެއް ނުވެސް ވަމޭ. އެކަމަކު މުންދުގެ ވޯޓެއް ވީމާ، ތިހާ ތިކަމަށް ކުފޫހަމަވާ، ރަނގަޅު މީހަކަށް ވީތީ، ކުޅަދާނަ މީހަކަށް ވީތީ، ތިމަންނަ އެހާވަރަށް ދެނެވަޑައިގަންނަވާ މީހަކަށް ވީތީ، މި ވޯޓު ދެއްވާފައި ނޫނިއްޔާ ގެއަކަށް ވަޑައެއް ނުގަންނަވާނަމޭ. އެހެންވީމާ އެވާހަކަ ބުނެލަންށޭ މި ގުޅާލީ. އަބްދުﷲ ޝާހިދު އެހެން ވިދާޅުވި. ދެން މިހާރު މި ވިދާޅުވަނީ އަޅުގަނޑަށް ޑިޕްލޮމެޓިކް ލެންގްއެއިޖު ނޭނގޭ ވާހަކަ. އެކަމަކު ތިޔަ ވިދާޅުވާ ފޮރިން މިނިސްޓަރު [ޝާހިދު] އިނގިރޭސި ބަހުން އެއްޗެހި ލިޔުއްވަން ޖެހުނީމާ އަޅުގަނޑު ލައްވައޭ ލިޔުއްވަނީ. ތިޔަ ވިދާޅުވާ ބޭފުޅާގެ ޚަބަރު ދިވެހި ބަހުން ވެސް ލިޔުނީ އަޅުގަނޑޭ. އެހެންވީމާ ބަސް އަޅުގަނޑަށް ކިޔަވައި ދެއްވަން ވަޑައިނުގަންނަވާ. ޑިޕްލޮމެޓިކް ވިޔަސް އާންމު މުއާމަލާތްތަކުގައި ވިޔަސް ދެބަސް ހަމަ ފަރިތަ މީހެއް އަޅުގަނޑަކީ.

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން މުންދު ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނޭ. ލަންކާގެ ރައީސަށް ފަތްކޮޅު އެރުވުން ލަސްވަނީ އެހެންވެ ކަމަށް ވެސް އެބަކިޔާ.

އަނެއްކާވެސް ނަޝީދު ދައްކަވާ ކަހަލަ ވާހަކައެއް އަޅުގަނޑެއް ނުދައްކާނަން. ފަތްކޮޅު އެރުވީމާ އެކަން އެ ދުވަހު އެނގޭނެ. ނޫނިއްޔާ ފަތްކޮޅު ނާރުވާ ހައެެއްކަ މަސް ވީމާ ރައީސުލްޖުމްހޫރިއްޔާ ވެސް އެއްޗެއް ވިދާޅުވާނެތާ.

އެކަމަކު އާންމު އުސޫލަކީ ރާއްޖެ އިން އެހެން ގައުމަކަށް ކަނޑައަޅާ ސަފީރަކަށް ރާއްޖޭގެ ރައީސް ފަތްކޮޅު އެރުވުމުގެ ކުރިން، އެ ގައުމަކުން އެ ސަފީރަކު ކުރިން ގަބޫލުކޮށް އެކަމުގެ ލިޔެކިޔުން ބަދަލުކުރުން ނޫންތޯ؟ އެހެންވީމާ ލަންކާ ސަރުކާރުން މިހާރު އޮންނަން ވާނީ މުންދުގެ ނަން ގަބޫލުކޮށްފައި ނޫންތޯ؟

އެހެންވީމާ ނޫންތޯ އެބޭފުޅުން [އިދިކޮޅު ފަރާތްތަކުން] އެ ކުރައްވާ ޓްވީޓްތަކަށް އަޅުގަނޑު އެއްޗެކޭ ނުބުނަނީ. ޑިޕްލޮމެސީ އެނގޭ ބޭފުޅުން ނުދައްކާނެ އެބޭފުޅުން މިހާރު އެ ދައްކަވާ ކަހަލަ ވާހަކައެއް. އެކަމަކު ކަންކަން ނޭނގޭ، ހަމައެކަނި ޓްވީޓް ކޮށްލަން ތިބޭ އެކްޓިވިސްޓުންނަށް ނޭނގިދާނެ. އެބޭފުޅުންނަށް މިކަން ނޭނގޭ ކަމަށް ވިސްނާފައި އަޅުގަނޑު އެއްޗެއް ނުބުނާނަން. އެކަމަކު ކުރީގެ ތިން ފޮރިން މިނިސްޓަރުން އެބަތިއްބެވިއޭ. އެއަށް އިނގިރޭސިން ކިޔާނީ ހިޕޯކްރެސީއޭ.

ޕީޕީއެމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި މުންދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ

ޕީޕީއެމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި މުންދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ

ޖަޕާނުގެ ސަފީރުގެ މަގާމަށް ވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުންދު ތި ކަނޑައެޅުއްވީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް. މިހާ ކުރު މުއްދަތެއްގައި މި ބަދަލު ގެނައި ސަބަބަކީ ކޮބައިތޯ؟

އަޅުގަނޑަށް ފެންނަ ގޮތުގައި ދެ ސަބަބެއް. އެއް ސަބަބަކީ ޖަޕާނުގައި ހުންނާތީ، އަޅުގަނޑުގެ ފަރާތުން ސިޔާސީ މަސައްކަތްތައް އެކަށީގެންވާ މިންވަރަށް ނުލިބުން. އެއީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ އިތުރުން އަޅުގަނޑަކީ ޕާޓީގެ ފޮރިން ރިލޭޝަންސް ހެޑް. އެކަމަކު އެ މަސައްކަތް ޖަޕާނުގައި ހުރެގެން ކުރަން ދަތިވަނީ. އަނެއް ސަބަބަކީ ސްރީ ލަންކާގައި އެހާ ގިނަ ދިވެހިންތަކެއް ތިބީމާ ކޮންސިއުލާ މަސައްކަތްތަކަށް ވެސް ދަތިވޭ. އެހެންވީމާ ސްރީ ލަންކާގައި އަޅުގަނޑު ކަހަލަ މީހަކު ހުރުމުގެ ފައިދާ ބޮޑުކަމަށް [ރައީސް ޔާމީނަށް] ފެނިވަޑައިގަތީ.

ލަންކާގެ އާ ބޮޑުވަޒީރަކަށް ރަނިލް ހޮވުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނށް އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޖެނުއަރީ 10، 2015 ގައި މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ލަންކާގެ އާ ބޮޑުވަޒީރަކަށް ރަނިލް ހޮވުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނށް އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ޖެނުއަރީ 10، 2015 ގައި މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މުންދުގެ ސަފީރުކަމުގައި ރާއްޖެ އާއި ލަންކާގެ ގުޅުން ކިހާވަރަކަށް ބަދަހި ކުރައްވާނެތޯ؟

އަޅުގަނޑަކީ ނަޝީދެއް ނޫން. މިވެނި ކަމެއް މިހެންނޭ އޮންނާނީ ކުރީބައިގައި ބުނެލާފައި އެ ވާހަކަ ބަދަލުކޮށްފައި އޭގެ އަނެއް ދުވަހު އެހެން އެއްޗެއް ބުނާކަށް. ހއ. ގެ ތިން ރަށަށް އެއްދުވަސް މަތިން އަރުއްވާފައި ތިން ތަނުގައި އެއާޕޯޓް އަޅުއްވަން ވިދާޅުވި ބޭފުޅެއް ނަޝީދަކީ. އެގޮތަށް އަޅުގަނޑެއް ނޫޅޭނަން. ދެ ގައުމުގެ ގުޅުން ބަދަހިކުރަން އަޅުގަނޑު މަސައްކަތް ކުރާނަން. އަޅުގަނޑަށް އޮންނަ ޔަގީން ކަމަކީ އަޅުގަނޑަކީ ވަރަށް ކުރިއްސުރެ ސްރީ ލަންކާއާ ގާތްގުޅުމެއް އޮންނަ މީހަކަށް ވުން. އަމިއްލަ ހައިސިއްޔަތުން ވެސް އަދި ސަރުކާރުގެ ހައިސިއްޔަތުން ވެސް. އަޅުގަނޑަށް ސްރީ ލަންކާ އަކީ ބީރައްޓެހި ތަނަކަށް ނުވާތީ ފަސޭހަތަކެއް ހުންނާނެ. އަޅުގަނޑަށް އެންމެ ހިނި އަންނަނީ ސްރީ ލަންކާގެ ރައީސަށް ޓެގްކޮށްފައި އިދިކޮޅު މީހުން ޓްވީޓް ކުރާތީ. މައިތުރިޕާލާ ސިރިސޭނާ މިދިޔަ ސަރުކާރުގައި ހެލްތު މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް އަޅުގަނޑާ ބައްދަލުވި. އެމަނިކުފާނު ޗެއާ ކުރެއްވި ކޮންފަރެންސަކަށް ގޮސް ވެސް ބައްދަލުވި. އެމަނިކުފާނު ރައީސަކަށް ވެގެން، ދިވެހި ސަރުކާރުގެ ފަރާތުން އެމަނިކުފާނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މަރުހަބާ ދަންނަވަން ބޭރުގެ އޮފިޝަލެއްގެ ގޮތުގައި އެންމެ ފުރަތަމަ ދިޔައީ އަޅުގަނޑު. އެ ވާހަކަ މައިތުރިޕާލާ ސިރިސޭނާ އެ ދުވަހު ވިދާޅުވި. މައިތުރިޕާލާ ސިރިސޭނާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މަރުހަބާ ދަންނަވަން ދިޔައީ އަޅުގަނޑާއި ދުންޔާއާ [އޭރުގެ ފޮރިން މިނިސްޓަރު] ދެމީހުން. އެކަމަކު މި ބޭފުޅުންނަށް [އިދިކޮޅު ފަރާތްތަކަށް] މި ހީވަނީ އަޅުގަނޑު ނުދަންނަ ބައެއްގެ ވާހަކަ ކަމަށް މި ދައްކަނީ.