Roadha Mihaaru
ސަފީރު ކަމާ ހަވާލުވާން މުންދު ލަންކާ އަށް

ސަފީރު ކަމާ ހަވާލުވާން މުންދު ލަންކާ އަށް

03 އޮކްޓޯބަރ 2017

ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މަގާމާ ހަވާލުވެވަޑައިގަތުމަށް އެ ގައުމަށް މިއަދު ވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މަގާމާ ހަވާލުވެވަޑައިގަތުމަށް އެ ގައުމަށް މިއަދު ވަޑައިގެންފި އެވެ.

ނަަމަވެސް ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާއާ މުންދުގެ މަގާމުގެ ފަތްކޮޅު އަރުވަނީ ކޮން ދުވަހަކު ތޯ ސުވާލު ކުރުމުން އެއަށް މުންދު ވަކި ޖަވާބެއް ނުދެއްވި އެވެ.

ލަންކާގައި ހުންނަވާ ދިވެހި އާ ސަފީރަކަށް މުންދު ހަމަޖެއްސީ މިދިޔަ މަހު ހަ ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ މަގާމުގެ ފަތްކޮޅު ލަންކާގެ ރައީސަށް އެރުވުމުގެ ރަސްމިއްޔާތު ނުބާއްވައި ލަސްކުރަމުން ދަނީ ދިވެހި ސަރުކާރަށް ދަތިކުރުމުގެ ގޮތުން ކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މުންދު ބަލައިނުގަތުމަށް ވެސް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ އެ ގައުމުގެ ސަރުކާރަށް ވެސް ޕްރެޝަރު ކުރަމުން ކަމަށްވެ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރައްވަން ރައީސް އަބްދުﷲ ޔާމީން ނިންމެވިއިރު، އިދިކޮޅު ހަރަކާތްތައް އެ ގައުމުގައި ވަނީ ވަރުގަދަކޮށްފަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އެއް ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިހާރު ލަންކާގައި އުޅުއްވާއިރު، އިދިކޮޅު ހަރަކާތުގެ މުހިންމު ބައްދަލުވުންތައް ވެސް ދޭތެރެދޭތެރެއިން އެ ގައުމުގައި އަންނަނީ ބާއްވަމުންނެވެ.

މުންދު ވަނީ ނަޝީދު ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް ހައްޔަރު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރެއްގެ ގޮތުގައި މިދިޔަ ތިން އަހަރެއްހާ ދުވަހު ހުންނެވީ ޒާހިޔާ ޒަރީރެވެ.