Roadha Mihaaru
ފާރިސް މިނިވަންކޮށްދޭން ކްރިމިނަލް ކޯޓުގައި އެދެފި

ފާރިސް ވަގުތުން މިނިވަންކޮށްދޭން ކްރިމިނަލް ކޯޓުގައި އެދެފި

07 ސެޕްޓެމްބަރ 2017

ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަގުތުން މިނިވަންކޮށްދޭން އޭނާގެ ވަކީލު ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަގުތުން މިނިވަންކޮށްދޭން އޭނާގެ ވަކީލު ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅިއިރު ފާރިސްގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ދިނުމުގެ ތުހުމަތު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކު ދައުވާކޮށްދޭން އެދި ހުށަހެޅިއިރު ކޮށްފައިވާ ތުހުމަތު ތަފާތު ކަމަށް އެ ސިޓީގައިވެ އެވެ.

"ފާރިސް ބަންދުގައި ބަހައްޓަން އަމުރު ނެރުއްވާފައި ވަނީ ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކަމަށްވާއިރު މިހާރު ދައުވާ އުފުލާފައިވާ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، ދައުވާ ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާކަމަށްވާއިރު މިހާރު އަހްމަދު ފާރިސް މައުމޫން ހުރީ ނުއުފުލާ ދައުވާއަކާ ގުޅިގެން ބަންދުގަ އެވެ،" އެ ސިޓީގައިވެ އެވެ.

މީހަކު ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނުނުގައި ބަޔާންކޮށްފައިވާއިރު އެ މުއްދަތު ފަހަނާޅައި ދިޔައިރު ވެސް ފަހުން ކޮށްފައިވާ ތުހުމަތުގައި ފާރިސްގެ މައްޗަށް ދައުވާ އުފުލާފައި ނުވާ ކަން ވަކީލު ފާހަގަކުރައްވާފައިވެ އެވެ.

ފާރިސް ބަންދުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގައި މައުމޫން ހަމީދު އެދިވަޑައިގަތީ، ފާރިސް ކޯޓަށް ހާޒިރުކުރައްވައި ހޭބިއަސް ކޯޕަސްގެ އެ މައްސަލަ ހިންގައި ފާރިސް ބަންދުން މިނިވަންކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ފާރިސް ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ޝަރީއަތް ނިންމައި މައްސަލައިގެ ހުކުމް ކުރުން މިދިޔަ މަހުގެ 20 ގައި ބާއްވަން ނިންމި އެވެ. އެކަމަކު ފަހު ކުއްލި ގޮތަކަށް ކެންސަލްކުރީ ޖާއިޒު އެއްވެސް ސަބަބެއް ނެތި ކަމަށް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ފާރިސް ހުށަހަޅުއްވާފައިވާ އިސްތިއުނާފްގެ މައްސަލަތަކަކީ ހުކުމެއް ކުރުމުގެ ކުރިން އޭނާ ބަންދުކޮށްފައިވާ ބަހައްޓާ މައްސަލަ ކަމަށްވާއިރު މިއީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކުގެ ނަޒަރުން ބަލާއިރު ވެސް އެންމެ ނުރައްކާތެރި އަދި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ އިންސާނީ ހައްގެއް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.