Roadha Mihaaru
ބީއެމްއެލް އިން ނަގާ ބައެއް ފީތައް ބޮޑުކޮށްފި

ބީއެމްއެލް އިން ނަގާ ބައެއް ފީތައް ބޮޑުކޮށްފި

06 ސެޕްޓެމްބަރ 2017

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކި ޚިދުމަތްތަކަށް ނަގަމުން އަންނަ ބައެއް ފީތައް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކި ޚިދުމަތްތަކަށް ނަގަމުން އަންނަ ބައެއް ފީތައް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ބޭންކުން އެތަނުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިސްޓެއްގައިވާ ގޮތުން ކުރިން ކޮންމެ ޗެކަކަށް އެއް ރުފިޔާގެ ފީއެއް ނެގި ނަމަވެސް އެ އަދަދު މިހާރު ވަނީ ތިން ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. އަދި ކައުންޓަރަށް ގޮސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމަށް ޗާޖް ކުރަމުން އައި ފީ ވަނީ ފަސް ރުފިޔާ އިން 15ރ. އަށް ބޮޑުކޮށްފަ އެވެ.

އޭގެ އިތުރުން ކުރިން ހިލޭ ދޫކުރަމުން އައި ބޭންކް ސްޓޭޓްމަންޓަށް ވެސް ފީއެއް ނަގަން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ސްޓޭޓްމަންޓްގެ ކޮންމެ މަހަކަށް 30ރ. ނަގާނެ އެވެ.

ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރާއްޖޭގެ އެހެން ބޭންކެއްގެ އެކައުންޓެއް ފައިސާ ފޮނުވުމުގައި ނަގަމުން އައި ފަސް ރުފިޔާގެ ބަދަލުގައި މިހާރު ވަނީ އެ ޚިދުމަތް ހިލޭ ދޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ބީއެމްއެލް އިން ބުނީ ޚިދުމަތުގެ ބައެއް ފީތަކަށް ބަދަލު ގެނައިއިރު އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ބޭނުން ކުރުމަށް ކަސްޓަމަރުންނަށް ލަފާދެމުން އަންނަ ކަމަށެވެ.

"މިގޮތުން ރާއްޖޭގައި ހިންގާ ކޮންމެ ބޭންކަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިލޭ ކުރެވޭ ގޮތަށް މިވަނީ ބަދަލުކޮށްފައި. މި ބަދަލާއެކު 24 ގަޑި އިރު ހިދުމަތް ލިބޭ އިންޓަނެޓް ބޭންކިން، މޮބައިލް އެޕް، އަދި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ތަަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މިވަނީ މުޅިން ހިލޭ ބޭނުން ކުރެވޭ ގޮތަށް ހަމަޖެހިފައި. މިއީ ކަސްޓަމަރުންގެ މެދުގައި މަގުބޫލުވި އޭޓީއެމް އަދި އިންޓަ ބްރާންޗް ފީގެ ގޮތުގައި ނަގަމުން އައި ފީ ހުއްޓާލުމަށް ފަހު ގެނެވުނު މިފަދަ ރަނގަޅު ބަދަލެއް،" ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މިދިޔަ މޭ މަހު އާ އިންޓަނެޓް ބޭންކިން ޕްލެޓްފޯމެއް ގާއިމުކޮށް، ޚިދުމަތް ދެމުން އަންނަ ކަމަށެވެ. އެގޮތުން އެކައުންޓްގެ މައުލޫމާތު ފަސޭހައިން ފެނި، ފަސޭހައިން ޓްރާންސްފާ އަދި ޕޭމަންޓް ހެދޭ ގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

"އެ ހިދުމަތް ބޭނުންކޮށްގެން އަވަހަށް ޕާސްވޯޑް ރިސެޓްކުރެވޭ. ބޭންކުގެ ލެޓަހެޑްގައި އެކައުންޓް އަދި ކްރެޑިޓްކާޑު ސްޓޭޓްމަންޓް ޑައުންލޯޑް ކުރެވޭނެ. އެންމެ ފަހުގެ ސެކިއުރިޓީ އަދި އެންޓި ފްރޯޑް ޓެކްނޮލޮޖީ ހިމެނޭ. ފަސޭހައިން ބީއެމްއެލް އަދި އެހެނިހެން ބޭންކުތަކަށް ފައިސާ ފޮނުވޭ،" ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ވަނީ އިތުރު ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތްތައް ދިނުމުގެ ގޮތުން އިންޓަނެޓް ބޭންކިން އަށް ރަޖިސްޓަރީ ކުރަމުގެ ޚާއްސަ ކެމްޕޭނެއް މި މަހު ފަށައިފަ އެވެ.