Roadha Mihaaru
މެލޭޝިއާ ފުލުހުން ދެ ދިވެއްސަކު ހައްޔަރުކޮށްފި

ސީިރިއާއަށް ދާން އުޅުނު ދެ ދިވެއްސަކު މެލޭޝިއާއިން ހައްޔަރުކޮށްފި

05 ސެޕްޓެމްބަރ 2017

ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މެލޭޝިއާ ފުލުހުން ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދިވެހިންނަކީ ދޭން އުޅުނު ހަމަލާއާ ސީދާ ގުޅުންހުރި ބައެއް ނޫނެވެ.

ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެއާ ކޮންޑިޝަން މަރާމާތު ކުރުމުގެ މަސައްކަތް ކުރާ އެ ދެ ދިވެހިން ހައްޔަރުކުރީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ހަނގުރާމަ ކުރަން ދާން އުޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ ދިވެހިންގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ދެ ދިވެހިން ހައްޔަރުކުރީ ޖޯހަރު ބާރޫ އިންނެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ދޭން އުޅުނު ޓެރަރިސްޓް ހަމަލާ ނާކާމިޔާބު ކޮށްލަން ހިންގި އޮޕަރޭޝަންގައި ދެ ދިވެހިންގެ އިތުރުން އެކި ގައުމުތަކުގެ 17 މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މެލޭޝިއާ އާއި ބަންގްލަދޭޝް އާއި އިންޑޮނީޝިއާ އާއި ފަލަސްތީނާއި އިރާގާއި ފިލިޕީންސް ހިމެނެ އެވެ. އެކަމަކު މި އެންމެންނަކީ އެ ހަމަލާއާ ސީދާ ގުޅުން އޮވެގެން ހައްޔަރުކުރި މީހުންނެއް ނޫނެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ސީދާ އެ ހަމަލާއާ ގުޅުން ނެތް، އެކަމަކު ޓެރަރިޒަމް ޕްރޮމޯޓް ކުރުމާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ވެސް ހިމެނެ އެވެ.

ހައްޔަރުކުރި އެއްވެސް މީހެއްގެ މައުލޫމާތު ފުލުހުން މިހާތަނަށް އާންމުކޮށްފައި ނުވާއިރު އެ މީހުން އަތުން އެއްވެސް ހަތިޔާރެއް ފެނުނު ކަމެއް ނުވަތަ ނޫންކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުމުގެ ތުހުމަތުގައި ބައެއް ދިވެހިންގެ މައްޗަށް މިހާރު ވެސް ރާއްޖޭގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. ހަނގުރާމަތަކުގައި ބައިވެރިވުމާއި ބައިވެރިވާން އުޅުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ.