30 މެއި 2021
އޭނާ މީގެ ނުވަ އަހަރު ކުރިން ރާއްޖެ ދޫކޮށް ދިޔައީ އޭރު ކައިވެނިކޮށްގެން އުޅުނު މީހާ އާއި ދެ ދަރިންނާ އެކުގަ އެވެ. ދަތުރުގެ މަންޒިލަކީ ދުބާއީ ކަމަށް ބުންޏަސް އަމާޒަކީ އަފްޣާނިސްތާނެވެ. އެކަމަކު އެއީ އެ ދަތުރުގެ ނިމުމެއް ނޫނެވެ.
އޭނާ މީގެ ނުވަ އަހަރު ކުރިން ރާއްޖެ ދޫކޮށް ދިޔައީ އޭރު ކައިވެނިކޮށްގެން އުޅުނު މީހާ އާއި ދެ ދަރިންނާ އެކުގަ އެވެ. ދަތުރުގެ މަންޒިލަކީ ދުބާއީ ކަމަށް ބުންޏަސް އަމާޒަކީ އަފްޣާނިސްތާނެވެ. އެކަމަކު އެއީ އެ ދަތުރުގެ ނިމުމެއް ނޫނެވެ.
އަންހެން މީހާގެ މިހާރުގެ ހާލަތު އެނގޭ، އޭނާ ދަންނަ މީހަކު ކިޔައިދިން ގޮތުގައި މި އަންހެން މީހާ އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ދަތުރުތައް ކޮށް އަދި އީރާނު ހުރަސްކޮށް އެންމެ ފަހުން ސީރިއާ އަށް ވެސް ދިޔަ އެވެ. މިއީ އެއްގަމު މަގުން 2،600 ކިލޯމީޓަރުގެ ރާސްތާ އެވެ. އަދި މި ދަތުރުކުރީ ވެސް މި އަންހެން މީހާ ޅަ ދަރިންނާ އެކު، އިންސާނުން ސްމަގުލްކުރާ މީހުންގެ ވެސް އެހީއާ އެކުގަ އެވެ.
ކުޑަކުދިންތަކެއް ބިރުވެރިކަމާއި ނުރައްލަކަށް ހުށަހެޅޭ ގޮތަށް މި މީހާ މިހާތަނަށް އުޅެފައިވާ ގޮތް އެނގުނީ ސީރިއާގެ ބޯޑަރު ކައިރިން ތުރުކީއަށް އެތެރެވުމުން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންދިއުމުންނެވެ.
"ފިރިމިހާއާ އެކު އަފްޣާނިސްތާނަށް ދިޔައިރު ދެ ކުދިން ތިބި. އެތަނުގައި އުޅެނިކޮށް ފަހުން ދަރިއަކު ލިބުނު. އަދި ފަހުން ސީރިއާ އަށް ދިޔަ ފަހުން ވެސް ދަރިއަކު ލިބުނު. މިއީ ހަނގުރާމައަށް ގޮސް އުޅުނު ދިވެހި ފިރިހެނުންނާ ކައިވެނިކޮށްގެން ލިބުނު ދަރިން ކަމަށް ބުނަނީ. އެކަމަކު ރަސްމީ އެއްވެސް ލިޔެކިޔުމެއް ނޯންނާނެތާ،" މައުލޫމާތު އެނގޭ މީހާ ކިޔައިދިނެވެ.
ދިވެހި ފުލުހުން ވެސް ކުރިން ވަނީ އެކި ގައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައިގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާ އެކު ސީރިއާ އިން ތުރުކީ އަށް ގަވައިދާ ޚިލާފަށް އެތެރެވެގެން އުޅެނިކޮށް ތުރުކީގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސް އެކަން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިއީ ފުލުހުން އެ ބުނާ އަންހެން މީހާ ކަމަށް ވަރަށް ބޮޑަށް ބެލެވުނަސް އެކަން ކަށަވަރެއް ނޫނެވެ.
މި މީހާ ހަނގުރާމައިގެ މައިދާންތަކުން އުޅެފައިވާ ކަމަށް ބުނާ ގޮތް ބައެއް މީހުންނަށް ކިޔައިދީފައިވެ އެވެ.
"އޭނާ އެބަ ބުނޭ އަފްޣާނިސްތާނުގައި އުޅެނިކޮށް ބަނޑުބޮޑުވުމުން ވިހަން ދިޔައީ ޕާކިސްތާނަށް ކަމަށް. ހަނގުރާމައަށް ގޮސް އުޅޭ އަންހެނުން ވިއެހުން ފަދަ ހާއްސަ ކަންކަމަށް ސިއްހީ ހިދުމަތް ހޯދަން ތަންކޮޅެއް ރަނގަޅު ތަންތަނަށް ގޮސް އުޅޭ. އަފްޣާނިސްތާނުން ޕާކިސްތާނަށް ވަގަށް އެތެރެވެ ބޯޑަރު ކައިރީ ހުންނަ ތަނެއްގައި ވިހައި ގަދަވެގެން އަނެއްކާވެސް ދިޔައީ އަފްޣާނިސްތާނަށް،" މި ވާހަކަ ކިޔައިދިން މީހާ ބުނި ގޮތުގައި އެ އަންހެން މީހާ އަށް އުޅެންޖެހުނީ ވަރަށް ބޮޑެތި ނުރައްކާތަކުގެ ތެރޭގަ އެވެ.
އަފްޣާނިސްތާނުގައި އުޅެނިކޮށް ހަނގުރާމައިގެ ތެރޭގައި ފިރިމީހާ މަރުވެ އަންހެން މީހާ ދަރިންނާ އެކު އެކަނިވި އެވެ. ފިރިމީހާ މަރުވުމުން އަފްޣާނިސްތާނުގައި މި އަންހެން މީހާ އިތުރު ކައިވެންޏެއް ކުރިކަން އަދި އެ ގައުމުގައި އުޅެނިކޮށް ދަރިއަކު ލިބުނީ ކުރީގެ ކައިވެންޏަށް ކަމެއް ނުވަތަ އަލުން ކުރި ކައިވެންޏަކަށް ކަމެއް، މައުލޫމާތުގެ ފުށުއެރުމެއް ހުރުމުން ޔަގީނެއް ނުކުރެވުނެވެ.
އަފްޣާނިސްތާނުގައި އުޅުމަށް ފަހު އޭނާ ސީރިއާ އަށް ކުރީ ދިގު، އުނދަގޫ އަދި އެހާމެ ނުރައްކާތެރި ދަތުރެކެވެ. އެތައް ހާސް ކިލޯމީޓަރެއް އޭނާ ތިން ދަރިންނާ އެކު އެއްގަމު މަގުން ފުރިހަމަކުރުމުގައި ގަދަ ހޫނާއި ފިނީގައި ސަހަރާތެރޭގައި ހިނގާފައިވެ އެވެ. ބައެއް ދުވަސްދުވަހާއި ރޭގަނޑު ވެސް ފައިމަގުގައި ހިނގައިފަ އެވެ. ބައެއް ފަހަރު ވެހިކަލްގަ އެވެ. މިގޮތަށް ދަތުރުކުރުމުގައި އެއްގައުމުން އަނެއް ގައުމަށް ވަގަށް ވަންނަން ޖެހޭތީ، އިންސާނުން ސްމަގުލްކުރާ މީހުންގެ އެހީތެރިކަން ވެސް ވަނީ ހޯދައިފަ އެވެ. ވެހިކަލްތަކުގެ ތެރޭގައި ދަރިންތަކާ އެކު ފޮރުވިގެން، ހާސްކަމުގެ ތެރޭގައި އެތައް ގަޑިއިރެއް ހޭދަކޮށްފައިވެ އެވެ.
ތުރުކީގައި ސީރިއާގެ ރެފިއުޖީންނަށް ހާއްސަކޮށްފައިވާ ކޭމްޕެއް
މި ނުރައްކާ ދަތުރަށް ފަހު އޭނާ ސީރިއާގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް އެތެރެވި އެވެ. އެތަނުން މީހުންނާ ވާހަކަ ދައްކައިގެން އޭނާ ހޯދީ ދިވެހި ހަނގުރާމަވެރިންނެވެ. އެތަނުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅެނިކޮށް އެ މީހާ ވެސް ހަނގުރާމައިގެ ތެރޭ މަރުވީ އެވެ. އެ ހިސާބުން އަންހެން މީހާ އަށް ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާކަން އޭނާ ދަންނަ މީހުންގެ ފަރާތުން ވަނީ އެނގިފަ އެވެ.
"ހަނގުރާމަވެރިން ފިލައި ތިބޭ ތަންތަން ދިން ހަމަލާތަކެއްގައި އޭނާގެ ފިރިމީހާ މަރުވި ކަމަށް ވަނީ. އެކަމަކު އެ މީހުން އޭރު ތިބީ ވެސް ދަރިން ގޮވައިގެން ގޮސް. ހަނގުރާމަވެރިންނަށް ވައިގެ މަގުން ދިން ހަމަލާއެއް އެ މީހުން ތިބި ގެޔަކަށް އަމާޒުކުރީ. މި މީހުންނަށް ގެއިން ކިރިޔާ ނުކުމެވުނު ކަމަށް ބުނަނީ. ދިން ހަމަލާއާ އެކު އެތައް ބަޔަކު މަރުވީ. އޭނާގެ ފިރިމީހާ ވެސް ދެ ކުދިން ގޮވައިގެން ދުވަނިކޮށް މަރުވި ކަމަށް ބުނަނީ. އެ ކުދިން ސަލާމަތްވި. އެކަމަކު ފިރިމީހާ މަރުވީ ކުރިމަތީގައި،" އަންހެން މީހާ ސަލާމަތްވި ފަހުން އޭނާގެ މައުލޫމާތު ލިބުނު މީހާ ކިޔައިދިނެވެ.
އޭނާގެ ބައެއް ދަރިން މިހާރު ތިބީ ވާނުވާ އެނގޭހާ ބޮޑެތިވެފަ އެވެ. އުޅެން ޖެހުނު ގޮތާއި ފެނިފައިވާ މަންޒަރުތަކާއި ކަންކަން ބުނެދެވިފައި ހުރި ގޮތުން އެ ކުދިންގެ ވިސްނުން ވެސް ވަރަށް ތަފާތު ކަމަށްވެ އެވެ. މިހާރު ހާލުގައި ޖެހި އެހީތެރިކަން ބޭނުންވެފައި ވިޔަސް ކަން ހިނގާފައިވާ ގޮތުން، އެކަށީގެންވާ އެހީތެރިކަން ދިނުމުގައި ވެސް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.
މި އަންހެން މީހާ އާއި އޭނާގެ ދަރިން ހާލުގައިޖެހި ހަނގުރާމައިގެ މައިދާނުން ނުކުމެ ތުރުކީ އަށް ދިޔަ ފަހުން މިހާރު ތިބީ ރެފިއުޖީ ކޭމްޕެއްގައި ކަމަށް ވަނީ އެނގިފަ އެވެ. އަދި އެކަން އެނގުމާ އެކު އާއިލާގެ މީހަކު ވެސް ތުރުކީ އަށް ގޮސް އެހީވަމުންދާކަން ވެސް އެނގިފައިވެ އެވެ. މި އަންހެން މީހާ އާއި އޭނާގެ ބައެއް ދަރިންގެ ލިޔެކިޔުން ދިވެހި ސަރުކާރުގެ އިދާރާތަކުން ލިބެން ހުއްޓަސް ރާއްޖޭ ދޫކޮށް ދިޔަ ފަހުން ލިބުނު ކަމަށް ބުނާ ދެ ދަރިންގެ އައިޑެންޓިޓީ ކަށަވަރުކޮށްގެން ނޫނީ ރާއްޖެއަށް ގެނެވޭކަށް ވެސް ނެތެވެ.
އެތައް ދިވެހިންނަށް ހަނގުރާމަތަކަށް ގޮސްފައި ވާއިރު މިފަދަ އެތައް ތަޖުރިބާއެއް ކުރަން ޖެހިފައިވާ އާއިލާތައް އުޅޭނެ ކަމަށް ބެލެވެ އެވެ. އަދި ހަނގުރާމަ އަށް ދިޔަ ފަހުން ވީނުވީއެއް ނޭނގިފައިވާ އެތައް ބަޔަކު ވެސް އެބަ އުޅެ އެވެ.
ދިވެހި އިސް "ޓެރަރިސްޓަކު" ރާއްޖޭން ހައްޔަރުކޮށްފި
ޕާކިސްތާނުގައި ހަތިޔާރު ގުދަނެއް ގޮވައި 13 މަރު
ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި ސައުދީން އަތުލައިގެންފި
އަފްޣާނިިސްތާނު ޖަލުގައި އައިއެސް މީހުންތެރޭ ދިވެހިން
ހަނގުރާމައަށް ދާންއުޅުނު ކަމަށްބުނެ ކުރި ދައުވާ ބާތިލް
މެލޭޝިއާ ފުލުހުން ދެ ދިވެއްސަކު ހައްޔަރުކޮށްފި
ޕާކިސްތާނުގައި ދިން ހަމަލާއަކުން 26 މީހުން މަރުވެއްޖެ
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޕާކިސްތާނުގައި މަގުމަތިން މެރި އަދަދު 39 އަށް