Roadha Mihaaru
ހަނގުރާމައަށް ދާންއުޅުނު ކަމަށްބުނެ ކުރި ދައުވާ ބާތިލް

ހަނގުރާމައަށް ދާން އުޅުނު ކަމަށް ބުނެ މީހަކަށް ކުރި ދައުވާއެއް ބާތިލްކޮށް، ބަންދުން ދޫކޮށްލައިފި

23 ޖުލައި 2019

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ދައުލަތުން މީހަކަށް ކުރި ދައުވާއެއް ބާތިލްކޮށް، ކްރިމިނަލް ކޯޓުން އެ މީހާ ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ދައުލަތުން މީހަކަށް ކުރި ދައުވާއެއް ބާތިލްކޮށް، ކްރިމިނަލް ކޯޓުން އެ މީހާ ދޫކޮށްލައިފި އެވެ.

ދައުލަތުން ރ. ކަނދޮޅުދޫ ކަށިމާގޭ އަލީ ޝަފީގްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާކުރީ 2016 ގައި ތުރުކީއަށް ގޮސް، ހަނގުރާމާގައި ބައިވެރިވާން ސީރިއާއަށް ދާން އުޅުނު ކަމަށް ބުނެ އެވެ.

އޭނާގެ މައްޗަށް ކުރި ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން މިއަދު އޭނާ ބަންދުން ދޫކޮށްލީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތް ނިންމިއިރު އެވެ. އޭނާ ހަނގުރާމާގައި ބައިވެރިވާން ސީރިއާއަށް ދާން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާތީ ކޯޓުން ނިންމީ ދައުވާ ބާތިލް ކުރުމަށެވެ.

މީގެ އިތުރުން އެ ދައުވާ ބާތިލްކޮށްފައިވާތީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން، އޭނާ ބަންދުން ދޫކޮށްލަން ވެސް ކޯޓުން އަމުރުކުރި އެވެ.

ޝަފީގަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮން ހެދުމުގައި ބައިވެރިވި ކަމަށް ވެސް ތުހުމަތު ކުރި މީހެކެވެ. އެކަމަކު، އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި އެވެ. އޭގެ ފަހުން، އަފްޣާނިސްތާނު-ޕާކިސްތާނު ބޯޑަރު ކައިރިން އިތުރު އަށް ދިވެއްސަކާ އެކު ހަތިޔާރު އަޅައިގެން ތިއްބައި 2009 ވަނަ އަހަރު ވެސް ޝަފީގު ހައްޔަރުކުރި އެވެ. އެކަމަކު، އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ބައެއް ދިވެހިންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވެ އެވެ. އެކަމަކު އެފަދަ އެއްވެސް ދައުވާއެއް މިހާތަނަށް ސާބިތުވެފައެއް ނެތެވެ.