Roadha Mihaaru

މެލޭޝިއާ ކުންފުންޏާ ހަވާލުކުރި އެއާޕޯޓުތަކުގެ މަސައްކަތް ނުފެށި ލަސްވަނީ ލޯނު ހަމަނުޖެހިގެން: ރީޖަނަލް އެއާޕޯޓްސް

ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކުރަން މެލޭޝިއާ ކުންފުންޏަކާއެކު ސޮއިކުރި އެއްބަސްވުން ބާތިލުނުކުރާ ކަމަށާއި އެ އެއާޕޯޓުތަކުގެ މަސައްކަތް ނުފެށި ލަސްވަނީ ލޯނު ހަމަނުޖެހިގެން ކަމަށް ރީޖަނަލް އެއާޕޯޓްސްއިން މިއަދު ބުނެފި އެވެ.

އެއާޕޯޓުތަކުގެ މަސައްކަތް ލަސްވަނީ ލޯނު ހަމަނުޖެހިގެން
އަބްދުﷲ ޖަމީލު
އަބްދުﷲ ޖަމީލު

22 އޯގަސްޓް 2017

ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކުރަން މެލޭޝިއާ ކުންފުންޏަކާއެކު ސޮއިކުރި އެއްބަސްވުން ބާތިލުނުކުރާ ކަމަށާއި އެ އެއާޕޯޓުތަކުގެ މަސައްކަތް ނުފެށި ލަސްވަނީ ލޯނު ހަމަނުޖެހިގެން ކަމަށް ރީޖަނަލް އެއާޕޯޓްސްއިން މިއަދު ބުނެފި އެވެ.

ފަސް ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އަޅަން 57.7 މިލިއަން ޑޮލަރު (889 މިލިއަން ރުފިޔާ) އަށް މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ މާޗް ހަތްވަނަ ދުވަހު އެވެ. އެ ކުންފުންޏާ ހަވާލުކުރީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫ އާއި ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓް ހެދުމަށެވެ.

ރީޖަނަލް އެއާޕޯޓްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފަސް އެއާޕޯޓުގެ މަސައްކަތް ނިންމަން މެލޭޝިއާގެ ކުންފުންޏަށް 18 މަސް ދުވަސްދީފައިވާނެ ކަމަށެވެ. އެ އެއްބަސްވުން އުވާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް އެއީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތް ފެށުން އޮތީ ލަސްވެފައި. އެކަމަކު ލަސްވި ނަމަވެސް އެ އެއްބަސްވުން ބާތިލެއް ނުކުރޭ. އެ މީހުން ދަނީ ފައިނޭންސް ހޯދުމުގެ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގެ ދަށުން ފަސް ރަށުގައި އަޅާ އެއާޕޯޓުތައް އަންނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާނެ ކަމަށެވެ. އަދި އެގޮތަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެއާޕޯޓުތައް ތަރައްގީކުރާ ކުންފުންޏަށް ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުދޭ ކަމަށެވެ. ނަމަވެސް ލޯނު ހަމަޖެހުމުން ސަރުކާރުން ގެރެންޓީ ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.