Roadha Mihaaru
އިތުރު ފަސް އެއާޕޯޓަކަށް މިއަހަރު ދަތުރުތައް ފަށާނެ

އިތުރު ފަސް އެއާޕޯޓަކަށް މިއަހަރު ދަތުރުތައް ފަށާނެ

19 މެއި 2019

އިތުރު ފަސް އެއާޕޯޓަކަށް މި އަހަރު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިތުރު ފަސް އެއާޕޯޓަކަށް މި އަހަރު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ށ. ފުނަދު އާއި ނ. މާފަރާއި ޅ. މަޑިވަރުގެ އިތުރުން ހދ. ކުޅުދުއްފުށްޓާއި ގދ. މާވަރުލު އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާފައިވާ ކަމަށެވެ. އެއަށްފަހު މި އަހަރުގެ ތެރޭގައި އެ ފަސް އެއާޕޯޓުގެ އާއްމު ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވި އެވެ.

އެ އެއާޕޯޓުތަކުގެ ތެރެއިން އެންމެ އަވަހަށް ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ އެއާޕޯޓަށެވެ. އެތަނަށް މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި ޓެސްޓް ފްލައިޓު ޖައްސާފައިވާއިރު އޭގެ ފަހުން ވެސް ޗާޓާޑު ބައެއް ދަތުރުތައް ކޮށްފައި ވެ އެވެ. ނަމަވެސް ޝެޑިއުލް ދަތުރުތަކެއް ނުފަށަ އެވެ. އެތަނުގައި މިހާރު ކުރަނީ ޓާމިނަލް ބިލްޑިން ނިންމުމުގެ މަސައްކަތެވެ.

މާފަރު އެއާޕޯޓާއި ފުނަދޫ އެއާޕޯޓުގެ ދަތުުރުތައް ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓު މަހުގެ ތެރޭގަ އެވެ. މާފަރު އެއާޕޯޓަށް މިދިޔަ އޮގަސްޓްމަހު ޓެސްޓް ފްލައިޓް ޖެއްސިއިރު މިހާރު ކުރަމުން އަންނަނީ ފެސިލިޓީ ބިލްޑިންގުތައް ނިންމުމުގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓާމިނަލާއި ގަރާޖާއި ކާގޯ ބިލްޑިންނާއި ސްޓާފް އެކޮމޮޑޭޝަން ހިމެނެ އެވެ. އެ ތަންތަނުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ: ހަތް އެއާޕޯޓެއްގެ މަސައްކަތެއް އަންނަނީ ކުރަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ: ހަތް އެއާޕޯޓެއްގެ މަސައްކަތެއް އަންނަނީ ކުރަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުނަދޫ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ މަސައްކަތްތައް ނިންމާފައިވާއިރު މިހާރު ކުރަނީ ޓާމިނަލާއި ފަޔަ އެންޑް ރެސްކިއު އިމާރާތުގެ މަސައްކަތްތަކެވެ. އަންނަ ޖުލައިގެ ނިޔަލަށް އެ މަސައްކަތްތައް ނިންމާލެވޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ނިމިފައި ވެ އެވެ. ނަމަވެސް ޓެސްޓް ފްލައިޓް ޖައްސާނެ ދުވަހެއް އަދި ނުނިންމަ އެވެ.

މާވަރުލާއި މަޑިވަރު އެއާޕޯޓުގެ އާއްމު ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފަށާނެ އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ތެރޭގައި ފަސް އެއާޕޯޓެއް ހުޅުވާއިރު، މިހާރު ވެސް އިތުރު ދެ އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ހއ. ހޯރަފުއްޓާއި ގދ. ފަރެސްމާތޮޑާ އެއާޕޯޓެވެ.