Roadha Mihaaru
މަހްލޫފްގެ ބަހުގެ ހޫނު ހަމަލާތަކެއް ޕީޖީ ބިސާމަށް

މަހްލޫފްގެ މެސެޖެއް ބިސާމަށް: އަނިޔާވެރިވުމުގެ ނަތީޖާ ހިތިވާނެ

20 އޯގަސްޓް 2017

ޣައިރު ގާނޫނީ އަމުރުތައް ކުރައްވައި، ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ނަމަ، އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޣައިރު ގާނޫނީ އަމުރުތައް ކުރައްވައި، ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ނަމަ، އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ވިދާޅުވެ، އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ގަދަކަމުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި މަޖިލީހުގެ އިދިކޮޅު 13 މެމްބަރެއްގެ މައްޗަށް ދައުވާކޮށް، ދައުލަތުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.

އިދިކޮޅު ހަރަކާތުގެ މައި ހަރުގެ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވި ގޮތުގައި "ރައީސް ޔާމީންގެ އޯޑަރަށް" ބިޝާމް މަސައްކަތް ކުރައްވަނީ ގިނަ ބައެއްގެ މައްޗަށް ދައުވާކޮށް ޖަލަށް ލުމަށެވެ. އެ ކުރައްވާ ކަންކަމުގެ "ހިތި ރަހަ" ވަރަށް ސާފުކޮށްލާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ބިޝާމް، ޣައިރު ގާނޫނީ އަމަލުތައް ހިންގަވާނަމަ، އެކަންކަމާ ގުޅޭ ތަހުގީގު ކޮށް، އެކަމަނާ ޖަލަށް ދާން ޖެހޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އޯޑަރަށް ބިޝާމް ކުރައްވާ ކަމަކީ ގިނަ ބައެއްގެ މައްޗަށް ދައުވާކޮށް ޖަލަށްލުން. އާއިލާތަކާ ބިކަކޮށް ދުރު ކުރުން. އޭގެ ނަތީޖާއަކަށް ވާނީ ބިސާމް ވެސް ޖަލަށް ދާން ޖެހުން،" މަހްލޫފް ވިދާޅުވި އެވެ.

"މިއީ ކޮންމެހެން ދައްކާ ހިތަކުން ދައްކާ ވާހަކައެއް ނޫން. ބިރެއް ދެއްކުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫން،"

މަހްލޫފް ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތި އެވެ. އެހެންވެ، ބިޝާމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ބިޝާމް މަގާމުން ވަކި ކުރައްވަން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ އުފުލި، އިދިކޮޅު 13 މެމްބަރުން.---މިހާރު ފޮޓޯތައް

ދައުލަތުން ދައުވާ އުފުލި، އިދިކޮޅު 13 މެމްބަރުން.---މިހާރު ފޮޓޯތައް

މަހްލޫފް ވިދާޅުވީ 13 މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ނިންމީ ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. އެކަމަކު އިދިކޮޅު ހަރަކާތްތަކުގައި މަސައްކަތް ކުރައްވާ އެއްވެސް މެމްބަރެއްގެ އަޒުމަކަށް އަދި ހިތްވަރަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި މެމްބަރުން ތިއްބެވީ ސާބިތުކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން އެކި ދައުވާތައް ކުރި 13 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ފުލުހަށް ހާޒިރުކުރި ނުވަ މެމްބަރުންނާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، އެެ ދުވަހު މަޖިލީހަށް ވަން ތިން މެމްބަރުންނާއި އަދި މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

މަޖިލިހުގެ އިދާރާ އަށް ގަދަކަމުން ވަން މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކުރި ނުވަ މެމްބަރުންނަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

ފާރިސްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

މެމްބަރުކަމުގެ ގޮނޑި ގެއްްލޭޭނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ. އެއަށް ވުރެ ކުރު ހުކުމެއް އައިސްގެން ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.