Roadha Mihaaru
ރިޔާޒަށް އިތުރު ފުރުސަތު ނުދޭން ޕީޖީން ނިންމައިފި

އިތުރު ފުރުސަތުގެ ދަށުން ރިޔާޒުގެ ދައުވާ އަނބުރާ ނުގެންދަން ޕީޖީން ނިންމައިފި

20 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އަނބުރާ ގެންދަން އޭނާ އެދިވަޑައިގަތަސް އެ ފުރުސަތު ދެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އަނބުރާ ގެންދަން އޭނާ އެދިވަޑައިގަތަސް އެ ފުރުސަތު ދެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒަށް ދައުވާކުރަނީ މިދިޔަ މާޗް މަހު ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން ފުލުހުން އެންގުމުން އެކަން ނުކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތުގައި ވަނިކޮށް ރިޔާޒް ޕީޖީ އޮފީހުގައި އެދިވަޑައިގަތީ އެ އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދިއުމަށެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރިޔާޒަށް އިތުރު ފުރުސަތު ނުދޭން އެ އޮފީހުގެ އިތުރު ފުރުސަތު ކޮމެޓީން ނިންމީ މިދިޔަ ހަފުތާގަ އެވެ.

ރިޔާޒްގެ ޝަރީއަތުގައި މިހާރު އޮތީ ހުކުމް އިއްވުމެވެ.

އިތުރު ފުރުސަތު ޕްރޮގްރާމަކީ ތުހުމަތުކުރެވޭ ފަރާތުން އިތުރު ކުށެއް ނުކުރަން އެއްބަސްވުމުން ދައުވާ ނުކުރަން ނުވަތަ ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ހިންގާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން ދައުވާއެއް ނުކުރަން ނިންމާފައި ވަނިކޮށް އިތުރު ކުށެއް ކޮށްފި ނަމަ ކުރީގެ މައްސަލައާ އެކު އަލުން އެ މީހަކަށް ދައުވާކުރެވޭ އެވެ.

އިތުރު ފުރުސަތު ދޭނީ އެ ފުރުސަތަށް އެދި ހުށަހެޅުމުން ޕީޖީ އޮފީހުގައި އެކަމަށް އޮންނަ ކޮމެޓީއަކުން އެކަން ބެލުމަށް ފަހު އެވެ.