Roadha Mihaaru
ކުށެއް ނުކުރަން، މިއީ ސިޔާސީ ދައުވާއެއް: ރިޔާޒު

ކުށެއް ނުކުރަން، މިއީ ސިޔާސީ ދައުވާއެއް: ރިޔާޒު

12 އެޕްރީލް 2017

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް، އެ ތުހުމަތު އޭނާ ދޮގު މިއަދު ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ނަމަވެސް، އެ ތުހުމަތު އޭނާ ދޮގު މިއަދު ކުރައްވައިފި އެވެ.

ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށެއް ކޮށްފައި ނުވާނެ ކަމަށާއި އެއީ ސިޔާސީ ބޭނުމަކަށް ކުރާ ދައުވާއެއް ކަމަށެވެ.

އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އެއް މަހާއި ހަ ދުވަަސް އަދި ގިނަވެގެން އެއް އަހަރުދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. "ތަހުގީގު ނިންމިކަން ވެސް ނާންގައި، ނޫހުން މި ފެނުނީ ދައުވާ އުފުލި ވާހަކަ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒްގެ މައްސަލަ ކޯޓަށް ފޮނުވި އިރު އޭނާ ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އޭނާ އެންމެ ފުރަތަމަ ފުލުހަށް ހާޒިރުކުރީ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ދައްކަވައިގެން ފިތުނަ އުފައްދަން އުޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ރިޔާޒު ފޯނު ހިފަހައްޓަން ކޯޓުން އަމުރު ނެރުމުން، އެ އަމުރުގެ ދަށުން ފޯނު ހުޅުވަން ރިޔާޒަށް ފުލުހުން އެންގުމުން ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ އިތުރު ތުހުމަތެއް ފުލުހުން ކުރި އެވެ. ކޯޓަށް ފޮނުވީ އެ މައްސަލަ ކަމަށް ބެލެވެ އެވެ.

ރިޔާޒު ވިދާޅުވެފައިވާ ގޮތުގައި ފޯނު ހުޅުވައިދެއްވަން އޭނާ މަސައްކަތް ކުރެއްވިޔަސް އެކަން ކާމިޔާބު ނުވީ އެވެ.

ރިޔާޒުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ތިން ދައުވާއެއް ކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފަ އެވެ.