Roadha Mihaaru
މަހްލޫފަށް ކުރި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަނީ

މަހްލޫފަށް ކުރި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަނީ

08 އެޕްރީލް 2023

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ދައުވާ އަނބުރާ ގެންދަން ނިންމީ މިހާރު މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާކޮށް ބެލިއިރު މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީ އެވެ.

މިކަމާ ބެހޭ ގޮތުން ޕީޖީ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއް ކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން ބަލާއިރު ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، މައްސަލަ މީގެ ކުރިން ބޭރުކޮށްލި އެވެ. ކްރިމިނަލް ކޯޓުން އަލުން މި ޝަރީއަތް ހިންގަނީ މައްސަލަ ބޭރުކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ކަނޑައަޅައި އަލުން ބަލަން އަމުރު ކުރުމުންނެވެ.

މަހްލޫފް އެސްއީޒެޑް ބިލަށް ވޯޓު ދިނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވަ އެވެ. އެހެންވެ ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ވޯޓު ދީފައި ވާތީ އެ ފައިސާ އަކީ ވަކި ގޮތަކަށް ވޯޓު ދިނުމަށް ދިން ފައިސާއެއްކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެނުމަކީ ދައުވާ ސާބިތު ނުވާނެ މައިގަނޑު ސަބަބުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ފައިސާ ނެގިކަމާއި، އެ ފައިސާއިން އަމިއްލަ ބޭނުންތައް ކުރިކަން ސާބިތުކޮށްދެވުނަސް، އެފައިސާ އަކީ ވަކި ގޮތަކަށް ވޯޓުދިނުމާގުޅޭ ފައިސާއެއްކަން ސާބިތުކުރެވުމާ މެދު ކުރިންވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ލިބުނު ފައިސާ އަކީ މަހްލޫފްގެ އަމިއްލަ ފައިސާއެއް ކަމަށާއި އެ ބޭނުންކުރި ގޮތާއި ރިޝްވަތުގެ އަމަލަކާ ނުގުޅުވޭނެ ކަމަށް ދިފާއުން ކުރިން ވެސް ބުނެފައިވެ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ދައުވާކުރުން ލަސްވެގެން ކަމަށް ބުނެ ސަަސްޕެންޝަން އުވާލީ އެވެ. މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމް ކުރުމުން ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ފެށި ނަމަވެސް މި މައްސަލާގައި ވަރަށް ގިނަ އަޑުއެހުންތައް ވަނީ ދައުލަތުން އެދިގެންނާއި އެކި ސަބަބުތަކާ ހެދި ކެންސަލްކޮށްފަ އެވެ.