Roadha Mihaaru
ދަރަނި ނުދެއްކުމުން ފިހާރައެއްގެ މުދާ ވިއްކާލަނީ

ދަރަންޏެއް ނުދެއްކުމުން ފިހާރައެއްގައި ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަނީ

17 ޖުލައި 2017

ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މީހަކު އިފްލާސްކޮށް، އެ މީހާގެ ފިހާރައެއްގައި ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަން ސިވިލް ކޯޓުން އިއުލާންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މީހަކު އިފްލާސްކޮށް، އެ މީހާގެ ފިހާރައެއްގައި ހުރި މުދާތަކެއް ނީލަމުގައި ވިއްކާލަން ސިވިލް ކޯޓުން އިއުލާންކޮށްފި އެވެ.

މާލޭގައި ހިންގާ އާޝާ ޓެކްސްޓައިލް ފިހާރައިގައި ހުރި މުދާތަކާއި ފަރުނީޗަރުތައް ވިއްކާލަން ސިވިލް ކޯޓުން އިއުލާންކުރީ އަމިއްލަ ކުންފުންޏަކަށް ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރު ދައްކަން ސ. ހިތަދު އަށް ނިސްބަތްވާ މީހެއްގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ ހުކުމެއްގެ މައްސަލައިގަ އެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ވިއްކާލަން އިއުލާން ކޮށްފައިވާ މުދާތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ކުޅޭ ސާމާނާއި ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ބައެއް އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެ އެވެ. އަދި އެ ފިހާރައިގައި ހުރި ބައެއް ފަރުނީޗަރާއި އެތަނުގައި ގެންގުޅޭ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ވިއްކާލަން އިއުލާނުގައި ހިމަނާފައިވެ އެވެ.

އެ ފައިސާ ނުދެއްކި މައްސަލާގައި އެ މީހާ އަރުވާލަން ވެސް 2013 ގައި ސިވިލް ކޯޓުން ހުކުމްކުރި އެވެ.

މި ނީލަން ފެށޭ އަގަކީ ދެ ލައްކަ ރުފިޔާ އެވެ. ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސިވިލް ކޯޓަށް ސިޓީ ހުށަހަޅަން ޖެހެ އެވެ.

ރަހުނު ނުހިމެނޭ ސާބިތު ދަރަނީ މުއާމަލާތްތަކުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު ބުނާގޮތުން ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކޮށްގެން ފިޔަވަޅު އެޅުމުން ވެސް ދަރަނި އަދާ ނުކޮށްފި ނަމަ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ދަރަނިވެރިޔާ އިލްފާސް ކުރެވޭނެ އެވެ. އިފްލާސް ކުރާއިރު ދަރަނިވެރިޔާގެ މިލްކުގައި ހުރި ތަކެތީގެ ތެރެއިން ދަރަނި އަދާ ކުރެވޭ މިންވަރުގެ ތަކެތި ވިއްކާލުމުގެ ބާރު އެ ގަވާއިދުގެ ދަށުން ކޯޓަށް އޮވެ އެވެ.

ދަރަނީގެ އެހެން މައްސަލައެއްގައި ސަފާރީއެއް ވިއްކާލަން ވެސް ސިވިލް ކޯޓުން ކުރިން އިއުލާންކުރި އެވެ.