Roadha Mihaaru
ޑިސްޕިއުޓުން 62 ޕަސެންޓް މައްސަލަ ހައްލުވި

މިދިޔަ އަހަރު 62 ޕަސެންޓް މައްސަލަ ނިންމީ ޝަރީއަތަށް ނުގޮސް، ޑިސްޕިއުޓް މަރުހަލާއިން

05 ޖެނުއަރީ 2020

މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 62 ޕަސެންޓް މައްސަލަ ޝަރީއަތް ހިންގުމެއް ނެތި، ޑިސްޕިއުޓް މަރުހަލާއިން ހައްލުކޮށްފައިވާ އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 62 ޕަސެންޓް މައްސަލަ ޝަރީއަތް ހިންގުމެއް ނެތި، ޑިސްޕިއުޓް މަރުހަލާއިން ހައްލުކޮށްފައިވާ އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކުރި އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 4،700 މައްސަލައެއް ހުށަހެޅިއިރު، ޝަރީއަތް ފެށުމުގެ ކުރިން އޮންނަ ޑިސްޕިއުޓް މަރުހަލާއަށް ދިޔަ 3،000 އަށް ވުރެ ގިނަ މައްސަލައިގެ ތެރެއިން 2،200 އަށް ވުރެ ގިނަ މައްސަލަ ޝަރީއަތް ހިންގުމެއް ނެތި، ހައްލުވި އެވެ. އެއީ 62 ޕަސެންޓް މައްސަލަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިންމާފައިވެ އެވެ. އެގޮތުން 2018 ނިމުނުއިރު ބާކީ ހުރި މައްސަލަތަކާ އެކު 4،900 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިންމި ކަމަށް ކޯޓުން ބުނެ އެވެ.

އަހަރު ނިމުނުއިރު ބާކީ 1،500 އަށް ވުރެ ގިނަ މައްސަލަ އޮތަސް، އޭގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސް ވީ އެންމެ ހަ މައްސަލައަށް ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

މިދިޔަ އަހަރު އެކި މައްސަލަތަކުގައި 612 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ސާބިތުވި އެވެ. އަދި 117 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި އެ ކޯޓުން ބަލައިގެންފައިވެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މިދިޔަ އަހަރު 251 މައްސަލައެއް ހުށަހެޅުނުއިރު 2018 ގައި ނުނިމި އޮތް 70 މައްސަލައާ އެކު 244 މައްސަލައެއް މިދިޔަ އަހަރު ނިންމި އެވެ. އަދި މިދިޔަ އަހަރު އެ ޑިވިޝަންގައި ނިމުނުއިރު ބާކީ 77 މައްސަލައެއް އޮތެވެ.

މިދިޔަ އަހަރު 7،100 އަށް ވުރެ ގިނަ މައްސަލާގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ނިންމި އެވެ. އަހަރު ނިމުނުއިރު އެއްވެސް ރިޕޯޓެއް ފުރިހަމަނުކުރެވި ނެތް ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ. އަދި 1،400 އަށް ވުރެ ގިނަ އެގްރިމެންޓާއި ލިޔުންތައް ވެސް މިދިޔަ އަހަރު ރަޖިސްޓްރީކޮށް ދީފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ސިވިލް ކޯޓުން ބުނިގޮތުގައި މި އަހަރު ނިމޭއިރު އެއް އަހަރު ވީ އެއްވެސް މައްސަލައެއް ނުބޭއްވުމަށާއި ހުށަހަޅާ އަދަދާ އެއްވަރަށް މި އަހަރު ވެސް މައްސަލަ ނިންމުމަކީ އަމާޒެކެވެ.