Roadha Mihaaru
ސިވިލް ކޯޓުން މައްސަލަ ބަލާ އުސޫލު ބަދަލުކޮށްފި

ޑިސްޕިއުޓް މަރުހަލާ އުވާލައި، ސިވިލް ކޯޓުން މައްސަލަތައް ބަލާނެ އާ އުސޫލެއް

20 ފެބުރުއަރީ 2022

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ހުއްޓާލުމަށް ފަހު މައްސަލަތައް މައިގަނޑު ހަތަރު ބަޔަކަށް ބަހާލައި، އަދި ވަކި ބާވަތުގެ މައްސަލަތަކަށް ފަނޑިޔާރުން ޚާއްސަވުމުގެ ބަދަލުގައި ހުރިހާ ބާވަތެއްގެ މައްސަލަތައް ވެސް ފަނޑިޔާރުން ބަލާ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ހުއްޓާލުމަށް ފަހު މައްސަލަތައް މައިގަނޑު ހަތަރު ބަޔަކަށް ބަހާލައި، އަދި ވަކި ބާވަތުގެ މައްސަލަތަކަށް ފަނޑިޔާރުން ޚާއްސަވުމުގެ ބަދަލުގައި ހުރިހާ ބާވަތެއްގެ މައްސަލަތައް ވެސް ފަނޑިޔާރުން ބަލާ ގޮތަށް ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ގަރާރަކުން 2015 ވަނަ އަހަރު އުފެއްދި ސިވިލް ކޯޓުގެ ޑިވިޝަންތަކާ އެކު، އެ ކޯޓަށް ހުށަހެޅޭ ގިނަ މައްސަލަތައް ޝަރީއަތް ފެށުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއެއް ފުރިހަމަ ކުރަންޖެހެ އެވެ. އަދި ޝަރީއަތް ކުރާ ޑިިވިޝަންތަކުގައި ވެސް ފަނޑިޔާރުން ތިބެނީ އެކި ބާވަތުގެ މައްސަލަތަކަށް ޚާއްސަކޮށްފަ އެވެ. އެ ޑިވިޝަންތައް މިދިޔަ މަހު ސުޕްރީމް ކޯޓުން އުވާލުމުން ހުރިހާ މައްސަލައެއް ޝަރީއަތް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސިވިލް ކޯޓުން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން ޑިސްޕިއުޓް މަރުހަލާ އުވާލިޔަސް، ހުކުމް ތަންފީޒު މައްސަލަތައް ފިޔަވައި އެހެން ހުރިހާ މައްސަލައެއްގައި ވެސް ފުރަތަމަ އަޑުއެހުމަކީ އިބްތިދާއީ އަޑުއެހުމެކެވެ. އަދި އެ އަޑުއެހުމުގައި، ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ، މައްސަލަ ފަސް ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ފުރުސަތަކަށް އެދިއްޖެ ނަމަ، އެކަމަށް ގިނަވެގެން 30 ދުވަސް ދެވެ އެވެ.

އިބްތިދާއީ މަރުހަލާގައި ދައުވާއަށް އިންކާރުކޮށްފި ނަމަ، ޝަރީއަތް ކުރިއަށް ގެންދާނެ ތާވަލެއް ދުރާލާ ކަނޑައަޅަން އެ އުސޫލު ލާޒިމްކުރެ އެވެ. އެ އުސޫލު ބުނާގޮތުން ތާވަލް ކަނޑައަޅާނެ ގޮތާއި މައްސަލަ ނިންމަންޖެހޭ މުއްދަތު ބިނަވާނީ މައްސަލާގެ ބާވަތަށެވެ. އެގޮތުން، މައިގަނޑު ހަތަރު ބަޔަކަށް މައްސަލަތައް ބަހާފައިވެ އެވެ. އަދި އެއިން ކޮންމެ ބައެއްގައި ހިމެނޭ މައްސަލަތަކުގައި ބާވަތްތައް ވެސް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

މައްސަލަތައް ބެހިގެންވާ ބައިތައް

- ހުސޫމަތެއް ހިމެނޭ އަވަސް ނިޔާގެ މައްސަލަތައް (9 ބާވަތެއްގެ މައްސަލަ)

- ހުސޫމަތެއް ހިމެނޭ އެހެން ބާވަތުގެ މައްސަލަތައް (27 ބާވަތެއްގެ މައްސަލަ)

- ހުސޫމަތެއް ނެތް މައްސަލަތައް (17 ބާވަތެއްގެ މައްސަލަ)

- ހުކުމް ތަންފީޒު މައްސަލަތައް (ހަތަރު ބާވަތެއްގެ މައްސަލަ)

ހުސޫމަތެއް ހިމެނޭ އަވަސް ނިޔާގެ މައްސަލަތަކާއި އެ ނޫން ބާވަތުގެ މައްސަލަތަކުގައި އިބްތިދާއީ އަޑުއެހުން ބާއްވާ ދުވަހުން ފެށިގެން މައްސަލަ ކުރިއަށް ގެންދަންޖެހޭ މުއްދަތުތަކެއް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެ މުއްދަތުތަކާ އެއްގޮތަށް އަޑުއެހުންތަކުގެ ތާވަލެއް ދުރާލާ ކަނޑައަޅަން ޖެހެނީ ވެސް ދެ ފަރާތާ މަޝްވަރާ ކުރުމަށްފަހު ކަމަށް އެ އުސޫލުގައިވެ އެވެ. އެކަމަކު ހުސޫމަތެއް ނުހިމެނޭ މައްސަލަތަކާއި ހުކުމް ތަންފީޒު މައްސަލަތަކުގައި މުއްދަތުތަކެއް ކަނޑައެޅުމުގެ ބަދަލުގައި އެ އުސޫލު އޮތީ ވީހާ ވެސް އަވަހަށް މައްސަލަ ނިންމުމަށެވެ.

ކުރިން ޑިވިޝަންތައް އޮތްއިރު އެކި ބާވަތުގެ މައްސަލަތަކަށް އެކި ފަނޑިޔާރުން ތިއްބަވަނީ ޚާއްސަކޮށްފަ އެވެ. އެ ފަނޑިޔާރެއްގެ ޑިވިޝަނަށް އަންނަ މައްސަލަތައް ނޫން އެހެން މައްސަލައެއް އޭރު ފަނޑިޔާރުން ނުބައްލަވަ އެވެ. އެކަމަކު އާ އުސޫލު އޮތްގޮތުން މައްސަލަތައް ރަޖިސްޓްރީވާ ތަރުތީބުން ހުރިހާ ފަނޑިޔާރުންނަށް އެކި ބާވަތުގެ މައްސަލަތައް ވެސް ހަވާލު ކުރަމުންދާނެ އެވެ. އަދި އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުން ތިއްބަވައިގެން ބައްލަވަންޖެހޭ މައްސަލަތަކުގައި ބެންޗް ކަނޑައަޅާނީ އިސްގާޒީ އެވެ.