Roadha Mihaaru
ގަތަރު މީހެއްގެ އަތުން ނެގި ފައިސާ ދައްކަން ޖެހިއްޖެ

ގަތަރު މީހެއްގެ އަތުން ދެ ދިވެއްސަކު ނެގި ފައިސާ އަނބުރާ ދައްކަން ހުކުމްކޮށްފި

14 ޖޫން 2017

ހުޅުމާލޭގައި ގެސްޓް ހައުސްއެއް ހިންގުމަށްޓަކައި ގަތަރުގެ ރައްޔިތެއްގެ އަތުން ދެ ދިވެއްސަކު ނެގި 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) އަނބުރާ އެ މީހާ އަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ގެސްޓް ހައުސްއެއް ހިންގުމަށްޓަކައި ގަތަރުގެ ރައްޔިތެއްގެ އަތުން ދެ ދިވެއްސަކު ނެގި 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ) އަނބުރާ އެ މީހާ އަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ގަތަރު ރައްޔިތެއް ކަމަށްވާ އައްޝައިޚް އަބްދުލްއަޒީޒް ބިން އަބްދުއްރަހްމާން ހަސަން އަލީ އަލް ޘާނީ އަތުން ދެ ދިވެއްސަކު ނެގި 215،000 ޑޮލަރުގެ އިތުރުން އެ ފައިސާ ހޯދަން ދައުވާ ކުރުމުގެ ގާނޫނީ ޚަރަދުތަކާއި ގެއްލުމުގެ ބަދަލަށް 21،500 ޑޮލަރާ އެކު ޖުމްލަ 236،500 ޑޮލަރު(3.3 މިލިއަން ރުފިޔާ) ދައްކަން ކޯޓުން ހުކުމްކުރީ އެ ފައިސާ ހޯދަން އަބްދުލްއަޒީޒްގެ ފަރާތުން ދައުވާ ކުރުމުންނެވެ.

ދައުވާ ލިބޭ ދެ މީހުންގެ ތެރެއިން އެކަކު އެ ފައިސާ ދައްކަން ކޯޓުގައި އެއްބަސްވުމުން ކޯޓުން އެ މީހާ އަށް އެންގީ ދެ ފަރާތުން އެއްބަސްވެފައިވާ ތާވަލަކާ އެއްގޮތަށް ކޮންމެ މަހަކު ފައިސާ ދައްކަމުން ގެންދިއުމަށެވެ. އެގޮތުން އެއް އަހަރު ވަންދެން ކޮންމެ މަހަކު 5،000 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ކޯޓަށް ދެއްކުމަށާއި އޭގެ ފަހުން ކޮންމެ މަހަކު 12،000 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ކޯޓަށް ދެއްކުމަށް ހުކުމުގައި ވަނީ އަންގައިފަ އެވެ.

ދައުވާ ލިބުނު ދެވަނަ މީހާ އުޅޭ ތަނެއް ނޭނގޭތީ އޭނާގެ ބައި ކޯޓުން ކުރިއަކަށް ނުގެންދެ އެވެ. އެކަމަކު އަބްދުލްއަޒީޒަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބެންދެން އެ މީހާގެ މައްޗަށް ވަކިން ދައުވާ ކުރުމުގެ ހައްގު އަބްދުލްއަޒީޒަށް އޮންނާނެ ކަމަށް ގާޒީ އަބްދުﷲ ޖަމީލް މޫސާ ކުރެއްވި ހުކުމުގައިވެ އެވެ.