24 ޖޫން 2016
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމުމާ އެކު، ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ޑޭވިޑް ކެމަރަން މިއަދު އިއުލާން ކުރައްވައިފި އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމުމާ އެކު، ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ޑޭވިޑް ކެމަރަން މިއަދު އިއުލާން ކުރައްވައިފި އެވެ.
އިއްޔެ ނެގި ވޯޓުގެ ރަސްމީ ނަތީޖާތައް ދައްކާ ގޮތުން އީޔޫ އިން ވަކިވުމަށް 51.8 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. އެއީ 17 މިލިއަން ވޯޓެވެ. އަދި އީޔޫގައި ދެމި އޮތުމަށް ބޭނުންވާ މީހުންލީ ވޯޓުގެ ނިސްބަތަކީ 48.2 ޕަސެންޓެވެ. އެއީ 15.8 މިލިއަން ވޯޓެވެ. ލަންޑަނާއި ސްކޮޓްލޭންޑް އަދި ނޮދަން އަޔަލެންޑުން ވޯޓު ދީފައި ވަނީ އީޔޫގައި ދެމި އޮތުމަށެވެ. އެކަމަކު ވޭލްސް އިން ވޯޓު ދީފައި ވަނީ އީޔޫ އިން ވަކިވުމަށެވެ.
ނަތިޖާ އަށް ފަހު، އިނގިރޭސިން އީޔޫ އިން ވަކިވުމަށް ވޭތުވެދިޔަ 20 އަހަރު ކެމްޕޭން ކުރެއްވި ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ވަނީ ބޮޑުވަޒީރު ކެމަރަން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި ލޭބާ ޕާޓީގެ ބައެއް ފަރާތްތަކުން ވެސް ބުނެފައި ވަނީ ކެމަރަންގެ މަގާމާ މެދު ސީރިއަސްކޮށް މިހާރު ވިސްނަންވެއްޖެ ކަމަށެވެ. އެކަމަކު، ކޮންޒަވެޓިވް ޕާޓީގެ އިސް ވެރިން ވަނީ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ކެމަރަން މަގާމުގައި ހުންނެވުމަށް ސިޓީއަކުން ދަންނަވާފަ އެވެ.
ބޮޑުވަޒީރުގެ އޮފީހުގެ ބޭރުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ކެމަރަން ވިދާޅުވީ އިނގިރޭސިންގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި އެ ނިންމުމަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، އޮކްޓޯބަރު މަހުގެ ފަހުން ބޮޑުވަޒީރު ކަމުގެ މަގާމުގައި ނުހުންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އާ ލީޑަޝިޕެއް ބޭނުންވޭ،" އިސްތިއުފާ ދެއްވަން ނިންމެވިކަން ރާނީ އަށް އެންގެވުމަށް ފަހު ކެމަރަން ވިދާޅުވި އެވެ.
އީޔޫގައި ދެމި އޮތުމަށް ވަރަށް ވަރުގަދަ އަށް ކެމްޕޭން ކުރެއްވި ކެމަރަން ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވެޓިވް ޕާޓީގެ ގައުމީ ޖަލްސާ އޮކްޓޯބަރު މަހު އޮންނާނެ އެވެ. އެ ޖަލްސާގައި އާ ބޮޑުވަަޒީރަކު ކަނޑައަޅާނެ އެވެ.
ވޯޓުގެ ނަތީޖާއާ އެކު އިނގިރޭސިވިލާތް ހިމެނިގެން ދާނީ 28 ގައުމު ހިމެނޭ ޔޫރަޕުގެ އިއްތިހާދުން ވަކިވާ ފުރަތަމަ ގައުމަށެވެ. އިނގިރޭސިން ޔޫރަޕުގެ ޖަމާއަތުން ވަކިވާން ފެނޭތޯ 1975 ވަނަ އަހަރު ވެސް ވަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފަ އެވެ.
ވޯޓުގެ ނަތީޖާތައް ލިބެން ފެށުމާ އެކު އިނގިރޭސި ޕައުންޑުގެ އަގު ވަނީ ދަށަށް ދާން ފަށައިފަ އެވެ. ނަތީޖާއާ އެކު މާކެޓަށް އަންނަމުންދާ ބަދަލާ އެކު ޕައުންޑުގެ އަގު ވަނީ 1985 އަހަރުގެ ފަހުން ނުދާ ވަރަށް ދަށްވެފަ އެވެ.
ޔޫރަޕްގެ އިރުމަތީ ބިތަށް އާދަޔާ ޚިލާފު ހޫނުކަމެއް
ނުރަސްމީ ވާހަކަތައް ފަށަން އީޔޫގެ ލީޑަރުން ދެކޮޅު
ބޯޓަކަށް ހަމަލާ ދީފި ނަމަ ރައްދު ދޭނަން: ކެމަރަން
ދެމަސް ތެރޭ ޔޫކޭއިން މަހުގެ ޑިއުޓީ ކަނޑާލާނެ: ނަޝީދު
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ޔޫރޯގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ
މި ގުޅުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ: ނޭޓޯ
ދަތިކުރުންތަކުން ދެ ގައުމުގެ ގުޅުން މުޅިން ކެނޑިދާނެ: ރަޝިޔާ
ރާއްޖޭގެ މަހުން ޑިއުޓީކުޑަކުރަން ޔޫކޭއިން ބޭނުމެއް ނުވި
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ