24 ޖޫން 2016
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން މިރޭ ތާއީދުކޮށް، ހުކުމް ދަމަހައްޓައިފި އެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެން ހުމާމް މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން މިރޭ ތާއީދުކޮށް، ހުކުމް ދަމަހައްޓައިފި އެވެ.
އޮކްޓޫބަރު، 2012 ގައި އަފްރާޝީމަށް ހަމަލާދީ މަރާލި މައްސަލާގައި ހުމާމް މެރުމަށް ކުރި ހުކުމް ތާއީދުކޮށް އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާއިން މިރޭ ހުކުމް ކުރިޔަސް ހުމާމަށް މަރުގެ އަދަބުން އަދިވެސް ސަލާމަތް ވެވިދާނެ އެވެ. ސަބަބަކީ ހުމާމަށް މަރުގެ އަދަބު ދިނުމުގެ ކުރިން އަފްރާޝީމްގެ ވާރިސުންގެ ބަސް އަލުން ހޯދަންޖެހޭނެތީ އެވެ. އަލުން ބަސް ހޯދާއިރު، އެންމެ ވާރިސަކު ވެސް މަރުގެ އަދަބު ދޭން ދެކޮޅު ހަދައިފި ނަމަ ހުމާމް މަރުގެ އަދަބުން ސަލާމަތްވާނެ އެވެ.
ހުމާމްގެ ކިބައިން މަރަށް މަރު ހިފަން މިވަގުތު ބޭނުން ނުވާ ކަމަށް ބުނެ އަފްރާޝީމްގެ ދެ ވާރިސަކު މިރޭ ސުޕްރީމް ކޯޓަށް ސިޓީ ފޮނުވިޔަސް އެ ސިޓީ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.
އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެމް ހުމާމް ސުޕްރީމް ކޯޓަށް ހާޒިރު ކުރި އިރު ފުލުހުންނާއި ޑީޕީއާރްއެސްގެ އޮފިސަރުން ސަލާމަތީ ކަންތައް ބަލަހައްޓަނީ. -- ފޮޓޯ: ނިޝާން އަލީ
ހުމާމަށް ހުކުމް އިއްވަން މިރޭ މެންދަމު 1:30 ގައި ފެށި މަޖިލީހުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، އަފްރާޝީމް މަރާލީ ހުމާމް ކަން "އެއްވެސް ޝައްކެއް، ޝުބުހާއެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް" އެ މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފުލް ބެންޗަށް އެއްބަސްވެވޭ ކަމަށެވެ. އަދި ޝަރުއީ ހަމަތަކުން ހުމާމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށް ވާތީ، އޭނާ މަރަން ކުރި ހުކުމަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކުރީ ކަމަށް ވިދާޅުވެ، ނިޔާގެ މުގުރު އުއްތަމަ ފަނޑިޔާރު ޖެއްސެވީ މެންދަމު 2:20 ގަ އެވެ.
ހުކުމް އިއްވެވުމުގެ ކުރިން ފާހަގަކުރަ ކަންކަން އިއްވަވަމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެ ފަހަރެެއްގެ މަތިން ދަށު ކޯޓުގައި ހުމާމް ކުށަށް އެއްބަސްވެފައިވާއިރު، އެކަން ކުރި ގޮތް ތަފްސީލުކޮށް ދަށު ކޯޓުގައި އޭނާ ކިޔައިދީފައިވާ ކަމަށެވެ. އަދި އޭރު އެކަމަށް އެއްބަސްވީ ބިރު ދެއްކުމުން ކަމަށް ހުމާމް ބުންޏަސް އެކަން ސާބިތުވާ ފަދަ ހެއްކެއް ނެތް ކަމަށާއި ކުށަށް އެއްބަސްވި އެއްބަސްވުން އަނބުރާ ގެންދަން ހުމާމްގެ ފަރާތުން ހަރުދަނާ އަސާސްތަކެއް ސާބިތުކޮށްދީފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސެމް ހުމާމް ސުޕްރީމް ކޯޓަށް ހާޒިރު ކުރުމުން، އިރު އޭނާގެ އާއިލާގެ ބައެއް މީހުން ކޯޓު ކައިރީގައި ތިބިއިރު ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ. -- ފޮޓޯ: ނިޝާން އަލީ
މީގެ އިތުރުން މީހެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އެ ބަސް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ފިގުހު އިލްމުވެރިން ވިދާޅުވާ ކަން ވެސް އުއްތަަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ހުމާމް ކުށަށް އެއްބަސްވި އެއްބަސްވުމަކީ "އަމިއްލަ ރުހުމާއި އިހްތިޔާރުގައި ހުރެ ވެފައިވާ އިއުތިރާފެއް ކަމަށް ބަލަންޖެހޭ" ކަމަށް އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި އެވެ. އަދި އެއީ ސައްހަ ނޫން އިއުތިރާފެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި ގޮތުގައި ހުމާމްގެ މައްޗަށް ކުށް ސާބިތު ކުރުމުގައި ދަށު ކޯޓާއި ހައި ކޯޓުން ބަލާފައިވަނީ ހަމައެކަނި ހުމާމްގެ އިއުތިރާފަށް ނޫން ކަމަށާއި ހެކިންގެ ބަހާއި ގަރީނާތަކަށް ވެސް ބަލާފައިވާ ކަމަށެވެ. އަދި ހެކިންގެ ބަހަށް ބަލާއިރު ހުމާމްގެ އިއުތިރާފް އިތުރަށް ކަށަވަރުވެގެންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން ދަށު ކޯޓާއި ހައި ކޯޓުން ހެކި ވަޒަންކޮށްފައިވަނީ ވެސް ރަނގަޅަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހައި ކޯޓުގެ ހުުކުމް އިސްތިއުނާފް ކުރަން ހުމާމް އަމިއްލައަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނެތުމަކީ ވެސް އޭނާ ހައި ކޯޓުގެ ހުކުމް ގަބޫލުކުރާ ކަމުގެ ދަލީލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހުމާމްގެ ދިފާއީ ހެކިން ހާޒިރު ނުކުރަން ދަށު ކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރައްވައި، އުއްތަމަ ފަނޑިިޔާރު ވިިދާޅުވީ ހުށަހަޅާ ކޮންމެ ހެއްކަކު ހާޒިރު ކުރުމަކީ ކޯޓުތަކަށް ލާޒިމް ކަމެއް ނޫން ކަން ގާނޫނު،އަސާސީން އެނގޭ ކަމަށެވެ. ދިފާއީ ހެކިން ހުށަހަޅަން ހުމާމަށް ފުރަތަމަ ލިބުނު ފުރުސަތު އޭނާ އަމިއްލައަށް ދޫކޮށްލީ ކަން ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތުގައި ލިބެންޖެހޭ ހުރިހާ ހައްގެއް ހުމާމަށް ލިބިފައިވާ ކަމަށެވެ.
ހުމާމްގެ ވަކީލު، މިރޭގެ ޝަރީއަތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އަފްރާޝީމްގެ ވާރިސުންގެ ގޮތުގައި ބާލިޣުނުވާ ކުދިން ތިބުމުގެ އެ ކުދިންގެ ފަރާތުން މަރަށް މަރު ހިފުމާ މެދު އެއްޗެއް ނުބުނަނީސް ހުމާމަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ހުމާމްގެ ފަރާތުން ފާހަގަކޮށްފައި ވިޔަސް އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ބާލިޣުނުވާ ކުޑަކުދިން ބޮޑު ވަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް އިސްލާމީ އެކި މަޒްހަބްތަކުގައި ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ވާރިސުންގެ ގޮތުގައި ތިބި ބާލިޣުނުވާ ކުދިންގެ ހައްގުގައި ބާލިޣުވެފައި ތިބި ވާރިސުންނަށް ބަސް ބުނެވޭ ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ވަރުގަދަ ސަލާމަތި ފިޔަވަޅުތަކާ އެކު، އެ ހުކުމް އިއްވި މަޖިލީހުގައި ހުމާމްގެ އާއިލާގެ މެމްބަރުން ވެސް ތިއްބެވެ. މިއީ ސުޕްރީމް ކޯޓުގެ ތާރީޚުގައި ވެސް ނިންމި މަރުގެ ފުރަތަމަ މައްސަލަ އެވެ. އަދި މިއީ މަރުގެ އަދަބު ކަނޑައަޅާފައިވާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުނު ފުރަތަމަ މައްސަލަ ވެސް މެ އެވެ.
ހުމާމް އެއްބަސްވީ ބިރު ދެއްކުމުން، އޭގެ ހެއްކެއް ނެތް
ހުމާމްގެ މަރުގެ ހުކުމް ރިވިއުކުރާ މައްސަލަ ބަލައިނުގަތް
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
އަރާމުކޮށް ނިދަން ބޭނުންވަނީ ލޯބި
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި
ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ
ހުމާމްގެ ޝަރީއަތެއް ސުޕްރީމް ކޯޓުގައި މިރޭ ބާއްވަނީ
ހުމާމްގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް