Roadha Mihaaru
އަރާމުކޮށް ނިދަން ބޭނުންވަނީ ލޯބި

އަރާމުކޮށް ނިދަން ބޭނުންވަނީ ލޯބި

19 އޯގަސްޓް 2016

ތިމާ އެދޭ ކަންކަމަށް އިޖާބަދީ ލޯތްބާއި އަޅާލުން ދޭ ބައިވެރިޔަކާ އެކު އަރާމު ނިދި ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ތިމާ އެދޭ ކަންކަމަށް އިޖާބަދީ ލޯތްބާއި އަޅާލުން ދޭ ބައިވެރިޔަކާ އެކު އަރާމު ނިދި ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ އުމުރުން 35 އަހަރާއި 86 އަހަރާ ދެމެދުގެ 700 މީހެއްގެ ފަރާތުން މައުލޫމާތު ހޯދައިފަ އެވެ. އެއީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އެކުގައި ދިރިއުޅޭ މީހުންނެވެ. ދިރާސާއިން ހާމަވި ގޮތުގައި އެ މީހަކު ބައިވެރިޔާ އަށް ކުރާ އިތުބާރާ އެ މީހެއްގެ ނިންޖާ ގުޅުން ހުރެ އެވެ.

ބައިވެރިޔާގެ ފަރާތުން އެކަށީގެންވާ އަޅާލުން ލިބޭ ކަމަށް ގަބޫލުކުރާ މީހުންގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް ފެންނަ މިންވަރު ކުޑަކަން ދިރާސާއިން ވަނީ އެނގިފަ އެވެ. މިއީ އެ މީހުންނަށް ފަސޭހައިން އަރާމުކޮށް ނިދުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ.

ސޯޝަލް ސައިކޮލޮޖިކަލް އެންޑް ޕާސަނަލިޓީ ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ޑރ. އެމްރޭ ސެލްޗުކް ވިދާޅުވެފައި ވަނީ ނިދުމާ ގުޅޭ މައްސަލަތައް ހުންނަ މީހުންނަށް ފަރުވާ ދިނުމުގައި ތެރަޕިސްޓުން މިކަމަށް އިތުރަށް ވިސްނަންޖެހޭ ކަމަށެވެ. ސެލްޗުކް އަކީ ތުރުކީގެ މިޑްލް އީސްޓް ޓެކްނިކަލް ޔުނިވަސިޓީގެ ޑިވެލޮޕްމަންޓަލް އެންޑް ސޯޝަލް ސައިކޮލޮޖިސްޓެކެވެ.

"ބައިވެރިޔާގެ އޯގާތެރިކަމާއި އަޅާލުން ނުވަތަ ބައިވެރިޔާއާ މެދު ދެކޭ ރަނގަޅު ގޮތުން ތިމާގެ ނިންޖަށް އެދެވޭ އަސަރުތަކެއް އަދި ސިއްހަތަށް ވެސް ފައިދާތަކެއް ކުރޭ،" ސެލްޗުކް އާއި އޭނާގެ ޓީމުން ބުނެފައިވެ އެވެ.

ދިރާސާގައި ބުނެފައި ވަނީ ބައިވެރިޔާ އަކީ ތިމާ އެދޭ ކަންކަމަށް އަވަހަށް އަދި ރަނގަޅަށް އިޖާބަދޭ އިތުބާރު ކުރެވޭ މީހަކަށްވާ ނަމަ ނުވަތަ ބައިވެރިޔާއާ މެދު އެގޮތަށް ގަބޫލުކުރެވޭ ނަމަ ނިންޖަށް ހުރަސްއެޅޭ ކަންކަން މަދުވެ އަރާމު ނިންޖަކަށް މަގު ފަހިވެގެންދާ ކަމަށެވެ.

އެކަށީގެންވާ މިންވަރަށް ނިދި ލިބުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.