22 ޖޫން 2016
ޑރ. އަފްރާޝީމް އަލީ މަރައިލި މައްސަލައިގައި ހުސައިން ހުމާމް މެރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޑރ. އަފްރާޝީމް އަލީ މަރައިލި މައްސަލައިގައި ހުސައިން ހުމާމް މެރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ ޝަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
އޮކްޓޫބަރު، 2012 ގައި އަފްރާޝީމަށް ހަމަލާދީ މަރައިލި މައްސަލައިގައި ހުމާމް މެރުމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ބެލެވެ އެވެ. އެކަމަކު ހުކުމް ކުރާނެ ދުވަހެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ އެ މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ މައްސަލައާ ގުޅޭ ގޮތުން ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކައި، ނިންމައިފަ އެވެ.
ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އަފްރާޝީމް މަރާލި ކަމަށް ހުމާމް އެއްބަސްވީ ބިރު ދެއްކުމުން ކަމަށާއި ހުމާމް އެއްބަސްވި އިރު ހުމާމްގެ ނަފްސާނީ ހާލަތު ހުރި ގޮތް ބަލާފައި ނެތް ކަމަށެވެ. ހުމާމްގެ ނަފްސާނީ ޓެސްޓެއް ހަދަން ތިން ފަހަރު ޑޮކްޓަރުން އެންގުމުން ވެސް އެކަން ކޮށްފައިނުވާ ކަމަށާއި އެހެންވެ ހުމާމް ކުށަށް އެއްބަސްވީ ސަލާމަތް ބުއްދީގައި ހުރެގެން ކަމާ މެދު ޝައްކު ކަމަށް ހަސީން ވިދާޅުވި އެވެ.
ހުމާމްގެ ނަފްސާނީ ޓެސްޓް ހަދަން ޑޮކްޓަރުން ލަފާ ދިންކަމުގެ ލިޔުންތައް ޝަރީއަތަށް ހުށަހެޅުމަށް ފަހު، ހަސީން ވަނީ ނަފްސާނީ މައްސަލަ ހުރުމުގެ ސަބަބުން މަރުގެ އަދަބުން ސަލާމަތްވި އެމެރިކާގެ ތިން މީހެއްގެ މައްސަލަ އިން މިސާލު ވެސް ނަގައިފަ އެވެ.
އެހެންވެ ހުމާމްގެ ނަފްސާނީ ޓެސްޓެއް ހެދުމުގެ އަމުރެއް ނެރެދިނުމަށް ހަސީން ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
ކުށަށް އެއްބަސްވާން ހުމާމަށް ބިރު ދައްކާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ހަސީން ވިދާޅުވީ ހެކިންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެ މީހުންގެ ބަހުގައި ވެސް ފުށުއެރުންތައް ހުރި ކަމަށެވެ. އަދި އަފްރާޝީމްގެ މަރު އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ދައުލަތުން ބުނާތީ އެ މައްސަލަ ނިމުމުގެ ކުރިން ހުމާމަށް މަރުގެ އަދަބު ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
މީގެެ އިތުރުން އަފްރާޝީމްގެ ވާރިސުންގެ ގޮތުގައި އޭނާގެ ބާލިޣުނުވާ ކުޑަކުދިން ތިބި އިރު މަރަށް މަރު ހިފުމާ މެދު އެ ކުދިންގެ ބަސް ލިބެންދެން މަޑުކުރަންޖެހޭނެ ކަމަށާއި އެ ކުދިން ބޮޑެތި ވަންދެން ހުމާމް ޖަލުގައި ބަހައްޓަންޖެހޭނެ ކަމަށް ހަސީން ވިދާޅުވި އެވެ. އަދި ވާރިސުންގެ ބަސް ހޯދުމުގައި ކުޑަކުދިންގެ ބަހާ މެދު ގޮތް ނިންމުމުގެ ބާރު އެހެން ވާރިސުންނަށް ލިބޭ ގޮތަށް ބައެއް މަޒްހަބުތަކުގައި އޮތަސް އެންމެ ރަނގަޅު ގޮތަކަށް ވާނީ އަފްރާޝީމްގެ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑެތި ވަންދެން މަޑުކުރުން ކަމަށް ހަސީން ވިދާޅުވި އެވެ.
ހަސީންގެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ ހުމާމްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން ޑޮކްޓަރުން އަންގާފައި އޮތަސް އެ ނަފްސާނީ މައްސަލައަކީ ހުމާމް ކުށުން ބަރީއަވެވޭ ވަރުގެ ނަފްސާނީ މައްސަލައެއް ކަން ލިޔުންތަކުން ސާފުނުވާ ކަމަށެވެ.
ހުމާމްގެ މައްޗަށް ކުށް ސާބިތުވީ ހަމައެކަނި އޭނާގެ އިއުތިރާފުން ނޫން ކަމަށާއި ހެކިންގެ ބަހުން އެކަން އިތުރަށް ޔަގީންވާތީ ކަން ފާހަގަކޮށް، ވަކީލް ވިދާޅުވީ ހެކިންގެ ބަހަށް ބަލާއިރު ހުމާމް ތެދު ބަހުން ވާހަކަ ދައްކާފައިވަނީ އޭނާ އެއްބަސްވި އިރު ކަން އެނގޭ ކަމަށެވެ. ކުށަށް އެއްބަސްވާން ހުމާމަށް ފުލުހުން ބިރު ދެއްކި ކަމަށް ބުނާއިރު ހުމާމް އެއްބަސްވުމަށް ފަހު ދައުވާ އަށް އަލުން އިންކާރު ކުރީ ވެސް ފުލުހުންގެ ބަންދުގައި ހުރެކަން ދައުލަތުން ފާހަގަ ކުރި އެވެ.
އަފްރާޝީމްގެ ވާރިސުންގެ ތެރޭގައި ކުޑަކުދިން ތިބުމުން އެ ކުދިން ބޮޑު ވަންދެން ހުމާމަށް މަރުގެ އަދަބު ނުދީ މަޑުކުރަން ޖެހޭ ކަމަށް ހުމާމްގެ ފަރާތުން ބުނި ބުނުމަށް ރައްދު ދީ، ދައުލަތުން ބުނީ އެ ކުދިން ބަސް ލިބެންދެން މަޑުކުރަން ނުޖެހޭ ކަމަށާއި މާލިކީ މަޒްހަބާއި ހަނަފީ މަޒްހަބްގައި ވެސް އެކަން އޮންނަނީ އެގޮތަށް ކަމަށެވެ. އަދި މުޅި އެ މައްސަލައިގެ ތަހުގީގު ނުނިމި އޮތަސް ހުމާމްގެ ތަހުގީގު ނިމިފައިވާތީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި މައްސަލައެއް ނެތް ކަމަށާއި ސަބަބަކީ ހުމާމަކީ ކުށަށް އެއްބަސްވެފައިވާ މީހަކަށް ވާތީ ކަމަށް ދައުލަތުން ބުންޏެވެ.
ހުމާމްގެ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ އަދަބުން ހުމާމަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އަފްރާޝީމްގެ ވާރިސުން އޭނާ އަށް މައާފް ދިނުން ނުވަތަ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނުމެވެ. ސަރުކާރުން ބުނެފައިވަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމޭތާ 30 ދުވަސް ތެރޭގައި ދަން ޖައްސައިގެން މަރުގެ އަދަބު ދޭނެ ކަމަށެވެ.
އަރާމުކޮށް ނިދަން ބޭނުންވަނީ ލޯބި
މަރުގެ އަދަބު ފަސްކުރަން ކުރި އަމުރު ބާތިލްކޮށްފި
ހުމާމް މަރަން ޖެހޭނީ އެހެން ގާތިލުން ހޯދާފައި: އާއިލާ
ހުމާމް މަރަން ސުޕްރީމް ކޯޓުން ތާއީދުކޮށްފި
ހުމާމް އެއްބަސްވީ ބިރު ދެއްކުމުން، އޭގެ ހެއްކެއް ނެތް
ހުމާމްގެ މަރުގެ ހުކުމް ރިވިއުކުރާ މައްސަލަ ބަލައިނުގަތް
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
ހުމާމްގެ މައްސަލަ ބަލަމުންދަނިކޮށް މަރާލައިގެންނުވާނެ
މަރުގެ ހުކުމްތައް އަލުން ދިރާސާ ކުރަން ގޮވާލައިފި
މަރުގެ އަދަބު ދިނުން ފަސްކުރަން ކޯޓުން އަމުރުކޮށްފި