Roadha Mihaaru
ކުޑަކުދިންގެ ހިޔާގެ ހިމޭން ބޮއްސުންލުން އެތައް ކަމަކުން

ނޭނގޭ އެތައް ކަމެއް: ކުޑަކުދިންގެ ހިޔާގެ ހިމޭން ބޮއްސުންލުން

12 ޖުލައި 2017

ރައްކާތެރިކަމެއް ނެތް ބެލްކަނީތަކާއި ފާރުތައް މަތިން އެ ކުދިން ފެނިފައިވެ އެވެ. ފިލައިގެން ދިޔުމަކީ އާއްމު ކަމެކެވެ. އެ ކަންކަން މީޑިއާ އަށް ތިލަވަނީ އާއްމުންގެ ލޯމައްޗަށް ފެންނަ މިންވަރަކުންނެވެ. ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުގެ އެތެރޭގައި، އެ ތަނަށް ގެންދާ ކުދިންގެ ހަޔާތުގައި، އަދި އެ ތަނުން ފިލައިގެން ދާ ކުދިންގެ ފިޔަވަޅުތައް މަތީގައި އެ ނޫން ކިތަންމެ ކަމެއް ފޮރުވިފައިވެ އެވެ. ރަނގަޅު ކަންކަމެވެ. ފިތްކަނޑައިގެންދާހާ ނުރައްކާތެރި އަދި ހިތްދަތި ކަންކަމެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ރައްކާތެރިކަމެއް ނެތް ބެލްކަނީތަކާއި ފާރުތައް މަތިން އެ ކުދިން ފެނިފައިވެ އެވެ. ފިލައިގެން ދިޔުމަކީ އާއްމު ކަމެކެވެ. އެ ކަންކަން މީޑިއާ އަށް ތިލަވަނީ އާއްމުންގެ ލޯމައްޗަށް ފެންނަ މިންވަރަކުންނެވެ. ކުޑަކުދިންގެ ހިޔާގެ ހަތަރު ފާރުގެ އެތެރޭގައި، އެ ތަނަށް ގެންދާ ކުދިންގެ ހަޔާތުގައި، އަދި އެ ތަނުން ފިލައިގެން ދާ ކުދިންގެ ފިޔަވަޅުތައް މަތީގައި އެ ނޫން ކިތަންމެ ކަމެއް ފޮރުވިފައިވެ އެވެ. ރަނގަޅު ކަންކަމެވެ. ފިތްކަނޑައިގެންދާހާ ނުރައްކާތެރި އަދި ހިތްދަތި ކަންކަމެވެ.

އަޅާލާނެ މީހަކު ނެތް އަދި ބޮޑެތި އަނިޔާތައް ތަހައްމަލްކޮށްފައިވާ ކުދިންތަކެއް ބެލެހެއްޓުމުގެ ގޮންޖެހުން ކުޑައެއް ނުވާނެ އެވެ. ނަމަވެސް އެ ކަމުގައި ސަރުކާރުގެ ކުޑަ ވެސް އިހުމާލެއް އޮވެގެން ނުވާނެ ސަބަބަކީ ވެސް އެއީ އެވެ. އެ ކުދިންނަށް ބޭނުންވާ ޚާއްސަ ރައްކާތެރިކަމެވެ. އެ ކުދިންގެ ހައްގުތަކެވެ. ދައުލަތުގެ ގާނޫނީ ޒިންމާ އެވެ.

އިސްލާހީ ބަދަލުތަކެއް

ކުޑަކުދިންގެ ހިޔާ އިން ކުރަން ޖެހޭ މަސައްކަތްތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެ އެވެ. - އެ ތަނުގައި ބައިތިއްބާ ކުދިން ތަރުބިއްޔަތުކޮށް އެ ކުދިންނަށް އަސާސީ ޚިދުމަތްތަކާއި ހައްގުތައް ލިބިދިނުމާއި 18 އަހަރު ފުރިގެން އެ ތަނުން މުޖުތަމައަށް ނުކުންނަ ކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމެވެ. ހިޔާގެ ތާރީޚަށް ބަލާ އިރު، ނުވަ އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން، 2006ގައި ވިލިމާލޭގައި އެ ތަން ރަސްމީކޮށް ހުޅުވީ ވެސް ޔަތީމް ކުދިންނާއި އަޅާލާނެ މީހަކު ނެތް ކުދިން ރައްކާތެރި މާހައުލެއްގައި ރަނގަޅަށް ބެލެހެއްޓުމަށެވެ.

މި ފަހުގެ އަހަރުތަކުގައި ހިޔާގެ މައްސަލަތައް އެކި ފަހަރު މަތިން މީޑިއާ އަށް ތިލަވެފައިވެ އެވެ. އަދި އެ ތަނުގައި މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުގެ ކަމާ ބެހޭ އޮފިޝަލުން އެއްބަސްވެފައި ވެސް ވެ އެވެ. އެއާއެކު، ހިޔާގެ ހިންގުން ހަރުދަނާކޮށް، ބޮއްސުންލާފައި ހުރި ކަންކަން އިސްލާހުކުރުމުގެ މަސައްކަތްތަކެއް ޖެންޑަ މިނިސްޓްރީން ފެށި އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ ތަނަށް ނުކަތާ ވަރަށް ބައިބޯވެފައި އޮތް މައްސަލަ މިދިޔަ އަހަރު ހައްލުކުރުމެވެ. ބޭރުގެ މަހުޖަނަކު ހުޅުމާލޭގައި އަޅައިދިން ފިޔަވަތި އަށް ހަގު އުމުރުގެ ކުދިން ބަދަލުކޮށް ޖާގައިގެ ދަތިކަމަށް ލުޔެއް ހޯދި އެވެ.

ފިޔަވަތި ހުޅުވީ 10 އަހަރުން ދަށުގެ ކުދިންނަށެވެ. އޭރު ކުޑަކުދިންގެ ހިޔާ ޚާއްސަކުރީ އެ އަށް ވުރެ ދޮށީ ކުދިންނަށެވެ. އެކަމަކު ރައީސް އޮފީހުގެ ވެބްސައިޓް ބުނާ ގޮތުން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާނީ 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ފިޔަވަތީގައި ތިބޭނީ 13 އަހަރުން ދަށުގެ ކުދިންނެވެ.

ކުންފުނިތަކާއި ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތައް ހިމެނޭ ގޮތަށް އެކި ފަރާތްތަކުން ވަރަށް ބޮޑެތި އެހީތައް އެ ދެ ތަނަށް ވެސް ފޯރުކޮށްދެ އެވެ. ފައިސާ އާއި ތަކެއްޗާއި ވަސީލަތްތަކެވެ. އެކި ކަހަލަ ހަރަކާތްތަކެވެ. އަދި، މީޑިއާ އަށް ހުޅުވާލައިގެން ކުޑަކުދިންގެ ހިޔާގެ ނުވަ ވަނަ އަހަރީ ދުވަސް 2015ގައި ކުލަ ގަދަކޮށް ފާހަގަކުރި ޖަލްސާގައި އިއްވި އެ ތަނުގެ އަހަރީ ރިޕޯޓްގައި ބުނެފައި އޮތް ގޮތުން ނަމަ، ހިޔާގައި އުޅޭ ކޮންމެ ކުއްޖަކަށް ސަރުކާރުން މަހަކު އެވްރެޖްކޮށް 15،000 ރުފިޔާ ޚަރަދުކުރެ އެވެ. އޭރު، 45 ކުދިންގެ ޖާގައިގެ ހިޔާގައި 119 ކުއްޖަކު ތިއްބެވެ. އެ ކުދިންގެ ސިއްހަތާއި ތައުލީމާއި ތަރުބިއްޔަތާއި ތަރައްގީ އަށް ބޭނުންވާ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން އެ ޖަލްސާގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ ފަހުން އަދި މިހާރު ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގެ ކަންކަން ހުރި ގޮތެއް ޖެންޑާ މިނިސްޓްރީން ސާފެއް ނުވި އެވެ. އެ ތަނުން އެދިގެން ލިޔުމުން ފޮނުވި ސުވާލުތަކަށް ޖަވާބެއް ނުދިނެވެ. އެކަމަކު ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕީއެސްއެމް އަށް ވިދާޅުވެފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި، އެ ތަންތަނުގައި ހުންނަން ޖެހޭ އާއްމު މިންގަނޑުތަކުގެ ގަވާއިދެއް އެކުލަވާލުން ވެސް ހިމެނޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ފިޔަވަތީގައި ބަލަހައްޓަމުން ގެންދިޔަ ފަސް މަހުގެ ފިރިހެންކުއްޖަކު ހަމަ އެ މަހު މަރުވީ މިނިސްޓަރުގެ އެ ވާހަކަ އަށް ފަހު އެވެ. ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދިތާ ނުވަ މަސް ވީއިރު ވެސް، އެ މަރުގެ ހަގީގަތެއް ފުލުހުން ވެސް އަދި މިނިސްޓްރީން ވެސް މިހާތަނަކަށް ހާމައެއް ނުކުރެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ޖެންޑަ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ތަނުން ފެށި އެތެރޭގެ ތަހުގީގު ނުނިމެ އެވެ.

އެ ހާދިސާ އާއި އޭގެ މަހެއްހާ ދުވަސް ކުރިން ފެންމަތިވި، ފާރުމަތިން ކުދިން ބޭރަށް ނުކުންނަ މައްސަލަ ފިޔަވައި، ފިޔަވަތީގެ މާ ބޮޑު ކަމެއް ހާމަވެފައެއް ނުވެ އެވެ. އެ ތަނުގެ ކަންކަން އެނގޭ ބައެއް މީހުން ބުނަނީ ވެސް ކުޑަކުދިންގެ ހިޔާ އަށް ވުރެ ފިޔަވަތީގެ ކަންކަން ރަނގަޅު ކަމަށެވެ.

އެ މީހުންނަށް ކުޑަކުދިންގެ ހިޔާ ފެންނަނީ މުޅިން ތަފާތުކޮށެވެ.

މިއީ މައުލޫމާތު ހުރި ބައެއް މީހުން، ނޫހުގައި ނަން ނުޖަހަން ޝަރުތުކޮށް، "މިހާރު" އަށް ކިޔައިދީފައިވާ ވާހަކަތަކެކެވެ.

އެންމެ ބޮޑު މައްސަލަ: އެއްޗެހިކިޔުން

ކުޑަކުދިންގެ ހިޔާގެ ވެބްސައިޓް ބުނާ ގޮތުން އެ ތަނުން ބަލަހައްޓާ ގިނަ ކުދިންނަކީ ނަފްސާނީ، ޖިންސީ އަދި ޖިސްމާނީ ބޮޑެތި އަނިޔާތައް ތަހައްމަލްކޮށްފައިވާ ކުދިންނެވެ. ބަލާނެ މީހަކު ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"މިހާރު"އާ ވާހަކަދެއްކި ބައެއް މީހުން ދެކޭ ގޮތުގައި މި ކަހަލަ ކުދިންތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ބަލަހައްޓައި އަޅާލުން ދެވޭ ފަދަ ނިޒާމެއް އަދި ގާބިލްކަމެއް ހިޔާއަކު ނެތެވެ. ތަމްރީން ދީފައިވާ ކެއާވޯކަރުން ތިއްބަސް، ތަފާތު ސަބަބުތަކާ ހެދި، އެ މީހުންނަށް އެ ޒިންމާ ރަނގަޅަކަށް އަދައެއް ނުކުރެވެ އެވެ. އެއް މައްސަލައަކީ ކުދިންގެ ނިސްބަތުން ކެއާވޯކަރުންގެ އަދަދު މަދުވުމެވެ.

ކެއާވޯކަރުން ކުދިންނާ މެދު ނޭދެވޭ ގޮތްގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ ކުދިން ކުރެ އެވެ. ހަރުކަށިކޮށް މުއާމާލާތުކުރުމާއި ކޮއްޕާލުން ނުވަތަ ގައިގެ ތަނެއްގައި ޖެހުން ފަދަ މައްސަލަތައް ވެސް ފާހަގަވެފައި އެބަހުއްޓެވެ. "ތަޅައި އަނިޔާ ނުކުރިޔަސް، ވާބަލް އެބިއުޒްއަކީ (އެއްޗެހި ކިޔުން) ހިޔާގައި އާއްމުކޮށް ކުރާ ކަމެއް" ކަމަށް އެކަކު ހެކިވެ އެވެ.

"ކުދިން ދެރަކޮށްލާ، ހިތުގައިޖެހޭ ކަހަލަ އެއްޗެހި ކެއާވޯކަރުން ބުނެލާނެ. އެ ކުދިން އެއްޗެއް ބުނެފިއްޔާ އެއާ ވިއްދައިގެން އެ މީހުން ދޭތި ބުނެލާނެ،" ހިޔާގެ ކަންކަން އެނގޭ މީހަކު ކިޔައިދިނެވެ.

"އެކަކަށް އެއްފަހަރާ ހައެއްކަ ކުދިން ބަލަހައްޓަން ޖެހުނީމަ މި ކަހަލަ މައްސަލަތައް ނުނުކުމެއެއް ވެސް ނުހުންނާނެ."

ކުދިންނަށް ޕްރޮގްރާމްތައް ހިންގުމުގައި ވެސް އެކަށީގެންވާ ހަރުދަނާ އުސޫލެއް ނެތް ކަމަށް ބައެއް މީހުން ދެކެ އެވެ.

"މި ކުދިންނަކީ ތަފާތު އަނިޔާތައް ލިބިފައިވާ ކުދިން. މި ކުދިންނަށް ދިގު މުއްދަތަކަށް ނަފްސާނީ-އިޖުތިމާއީ އެހީތެރިކަން ލިބެން ޖެހޭ،" މި ދާއިރާގެ މާހިރަކު ބުންޏެވެ.

އީޓީސީސީގެ ކުދިން ހިޔާ އަށް

ކ. މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އީޓީސީސީ) ބަންދުކޮށް އެ ތަން މިދިޔަ ޖޫން މަހު ޖެންޑަ މިނިސްޓްރީން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ. އޭރު އެ ތަނުގައި އެއްވެސް ކުއްޖަކު ނެތެވެ. އުޅުން ގޯސް އަދި ބެލެނިވެރިންގެ އަޅާލުން ނުލިބޭ 18 އަހަރުން ދަށުގެ ފިރިހެންކުދިން ގެންގުޅެމުން އައި މަރުކަޒުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ ކުދިން ނެރެފަ އެވެ. އެއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ އެންގުމަކަށެވެ. މައްސަލައަކަށް ވީ ވ. އަތޮޅުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ނުވަ އަހަރުގެ ކުއްޖަކު އެ މަރުކަޒަށް ގެންދިއުމުން އެހެން ކުދިންގެ ފަރާތުން އޭނާ އަށް ގޯނާތައް ކުރިމަތިވާން ފެށުން ކަމަށް ބައެއް މީހުން "މިހާރު" އަށް ކިޔައިދިނެވެ. އެކަމަކު އެޗްއާރުސީއެމުން ބުނީ އީޓީސީސީ ބަންދުކުރަން އެ ކޮމިޝަނުން އެންގީ އެ ތަން "އަލުން އިމާރާތްކޮށް ރަނގަޅު ފެންވަރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާތީ، އެ ވަގުތު ކުދިން އެފަދަ މާހައުލެއްގައި ބޭތިއްބުމަކީ އެންމެ އެކަށީގެންވާ [ކަމެއް] ކަމުގައި ކޮމިޝަނަށް ނުފެންނާތީ" ކަމަށެވެ.

އީޓީސީސީން ނެރުނު އަށް ކުދިން ގެންދިޔައީ ކުޑަކުދިންގެ ހިޔާގެ ގޯތި ތެރޭގައި ހުންނަ އަމާން ހިޔާ އަށެވެ. ދެ މަރުކަޒުގެ ކުދިން މަސްހުނިވީ އެވެ. މުޅިން ވެސް، ހިތްދަތި ތަޖުރިބާތައް ކޮށްފައިވާ، ނަފްސާނީ ގޮތުން ބަލިކަށި، ޚާއްސަ އަޅާލުން ބޭނުންވާ ކުދިންނެވެ. ބައެއް ކުދިންނަށް ހެވާއި ނުބައި ވަތްކެއް ވެސް ނުވެ އެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ މާބަނޑުވި 14 އަހަރުގެ އަންހެންކުއްޖަކު ވެސް އެ ދުވަސްކޮޅު ހިޔާ އަށް ގެންދިޔަ އެވެ. ރޭޕްކުރުމުގެ ސަބަބުން ބަލިވެއިން އެ ކުއްޖާގެ ދަރި ވަނީ، ދީނީ ފަތުވާގެ ދަށުން، ވައްޓާލައިފަ އެވެ.

އީޓީސީސީގެ ތަނަވަސް މާހައުލުން ހިޔާ އަށް ބަދަލުކުރި ކުދިންގެ ތެރެއިން ބައެއް ކުދިންގެ ސިޔާސަކަން ވަކިން ބޮޑެވެ. އުމުރުން 13-16 އަހަރުގެ ކުދިންނެވެ. އެ ކުދިންގެ ސަކަރާތް ގިނަ އެވެ. ބޭރަށް ދާން ކުރާ ޑިމާންޑްތައް އާއްމެވެ. ސްކޫލަށް ގޮސްފައި އަންނަ އިރު ސިނގިރޭޓް ގެނެސް ކުދިންގެ މެދުގައި ބަހާ ހަދަ އެވެ. އެންމެ ފަހުން ފޯނާއި އިންޓަނެޓަށް ވަންނަ މޮޑެމް ވެސް ވައްދަން ފެށި އެވެ. ދެން ފެންނަން ފެށީ ހިޔާގައި ތިބި ބައެއް ކުދިންގެ ފޭސްބުކް ޕޭޖު އަޕްޑޭޓް ވާ ތަނެވެެ. ދެ ޖިންސުގެ ބައެއް ކުދިން އެކި ގޮތްގޮތުން މެސެޖު ބަދަލުކޮށް ގުޅުންތައް އުފެދެން ވެސް ފެށި އެވެ.

"އީޓީސީސީގައި ތިބި ކުދިން ގެނައި ފަހުން ކަންތައް އިތުރަށް ބޮއްސުންލައިގެން ދިޔައީ. އެކަމަކު ހިޔާއަކީ އެއް އިރެއްގައި ވެސް ރަނގަޅު ތަނެއް ނޫން. އެ ތަނުގައި އަބަދުވެސް ތަފާތު މައްސަލަތައް ފެންމަތިވޭ،" މައުލޫމާތު ދިން އެކަކު ބުންޏެވެ.

އެންމެ އާއްމު މައްސަލަ: ފިލުން

ފިލުމަކީ ކުޑަކުދިންގެ ހިޔާގައި އާއްމު ކަމެކެވެ. ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ އެ މަރުކަޒުގައި އުޅޭ ބައެއް ކުދިން ކިރިޔާ ފުރުސަތެއް ލިބުނަސް ތިން ރުފިޔާ ހޯދައި ފޮރުވަ އެވެ. އެއީ ފިލައިގެން މާލެ އަންނަން ބޭނުންވާ ފެރީ ކުއްޔެވެ. އެކަމަކު ބައެއް ކުދިންނަށް ހިޔާ އިން ބޭރުގައި އެއްވެސް ގޮތެއް ނޯވެ އެވެ. އެފަދަ ކުދިން ފިލަނީ ހިނދުކޮޅަކަށް ވިޔަސް، “މިނިވަންކަން” އިހުސާސްކޮށްލާށެވެ. ސަމާލުކަން ހޯދާށެވެ. އެ ކުދިންގެ މޮޅުކަން ދައްކާށެވެ. ނުވަތަ ހަމައެކަނި އެކަމުގެ މަޖަލުގަ އެވެ. އެފަދަ ކުދިން ބަނޑުހައިވީމާ އެނބުރި ހިޔާ އަށް ދާނެ އެވެ.

ބައެއް ކުދިން ފިލަނީ ކޮންމެވެސް އެހެން ސަބަބުތަކަކާ ހެދި އެވެ. އޭޕްރީލް މަހު ފިލައިގެން ދިޔަ އަންހެންކުއްޖަކު ފުންމާލީ މޫދަށެވެ.

އުމުރުން 9-10 އަހަރުގައި އިސްތަށިގަނޑު ދިގުކޮށްލައި ކުށުގެ ވެށީގައި އުޅެނިކޮށް ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންގޮސްފައިވެ އެވެ. އެއީ މާލޭގެ ބޮޑެތި ގޭންގުތަކުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުދިންނެވެ. އެ ކުދިން ދިރިއުޅޭނެ ރައްކާތެރި ވެއްޓެއް ނެތީމާ ފުލުހުން އެ ކުދިން ޖެންޑަ މިނިސްޓްރީއާ ހަވާލުކުރުމުން އީޓީސީސީގައި ބައިތިއްބަ އެވެ. ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އިން ކުރިންސުރެ ބަލަހައްޓާ ކުދިން އިސްލާހުކުރުމުގެ މަސައްކަތް އެ ޔުނިޓުން ކުރެ އެވެ. އެކަމަކު އީޓީސީސީން ހިޔާ އަށް ބަދަލުކުރީމާ ފިލައިގެން ދާ ބައެއް ކުދިން އަނެއްކާވެސް ގޭންގުގެ އެހީތެރިކަން ހޯދަ އެވެ. އެހެންވެ، އެފަދަ ކުދިން ހިޔާ އިން ފިލައިގެން ދާއިރު "ގޮތްގޮތް" ހުރެ އެވެ.

ހަތަރު ކުއްޖަކަށް ވީނުވީއެއް ނޭނގި 15 ދުވަސް

މިއީ ކުޑަކުދިންގެ ހިޔާގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ހާދިސާ އެވެ. އެ ތަނުގެ ބެލުމުގެ ދަށުގައި ތިބި 12 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ކުއްޖަކު އެކުގައި ފިލައިގެން ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ހިޔާގައި ގެންގުޅެނިކޮށް އަޚުލާގީ މައްސަލައެއްގައި އީޓީސީސީ އަށް ބަދަލުކޮށް އަނބުރާ ހިޔާ އަށް ގެންދިޔަ ފިރިހެންކުއްޖަކާއި ތިން އަންހެންކުއްޖަކު ވީ ތަނެއް ނޭނގިގެން ހޯދަން ފުލުހުންނާއި ޖެންޑަ މިނިސްޓްރީން ސިއްރިޔާތުގައި ކުރި މަސައްކަތް ކާމިޔާބުވީ 15 ދުވަސް ފަހުންނެވެ. އެހާ ބޮޑު ކަމެއް ހިނގައިދިޔަ ކަމުގެ ހިލަމެއް އާއްމުންނަކަށް ނުވެ އެވެ. އެ ކުދިން ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދިފައެއް ވެސް ނުވެ އެވެ.

ފެނުނީ އޭގެ ތެރެއިން ދެ އަންހެން ކުއްޖަކު ގެސްޓް ހައުސްއެއްގެ ކޮޓަރިއެއް ތެރޭ ތިއްބަ އެވެ. ހަތަރު ކުދިން ހަމަކުރި އިރު ދެ ކުއްޖަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް އެވެ. ގެސްޓް ހައުސް އިން ކޮޓަރި ނަގާފައި ހުރީ ސީދާ ފިރިހެންކުއްޖާގެ ނަމުގަ އެވެ. އެ ކުދިން އެ ތަނުގައި އުޅުނީ ފުރިހަމަ މިނިވަންކަމުގަ އެވެ. ފައިސާ ދޭނެ މީހުން ވި އެވެ. ބަޔަކު ޖިންސީ ގޮތުން އެ އަންހެންކުދިންގެ ފައިދާ ނަގާފައިވާ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

"އެ ކުދިންނަށް އަމިއްލަ އަށް މި ކަންތައްތަކެއް ނުކުރެވޭނެ. ކޮންމެވެސް ބޮޑު މީހަކު އެ ކުދިންނަށް އެހީތެރިވެދިން،" އެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އެ ކުދިން ކޯޓަށް ގެންގޮސް، ބަންދުކުރި އެވެ. އެ ހިސާބުން ހިޔާ އިން ކުދިން ފިލުން މަދުވި އެވެ. ފިލާ ކުދިން ވެސް ވަރަށް އަވަހަށް އެނބުރި އާދެ އެވެ. އެކަމަކު ދެން ކުރިމަތިވީ އެހެން ކަންތައްތަކެކެވެ. ހިޔާ ތެރެއަށް ލައިޓަރު ވައްދައިގެން ފުޅިފުޅީގައި ރޯކޮށް އުކާ ހަދަން ފެށި އެވެ. އަދި އޭގެ ފަހުން، އެއްފަހަރާ ފިލައިގެންދާ ކުދިންގެ އަދަދު އިތުރުވާން ވެސް ފެށި އެވެ. އަށެއްކަ ކުދިންގެ ގްރޫޕެއް ވެސް ފިލާފާނެ އެވެ. "ކިރިޔާ ވެސް ފާރަކަށް އަރައިގެން ފުންމާލަން ކެރޭ ކުއްޖެއް ވެއްޖެއްޔާ" ހިޔާ އިން ފިލުމަކީ އެއްވެސް ކަމެއް ނޫނެވެ.

އެހާ ހިސާބުން ޖެންޑަ މިނިސްޓްރީގެ ޚާއްސަ ފިޔަވަޅެއް އަ އެވެ. އީޓީސީސީން ގެނައި ކުދިންގެ ތެރެއިން ބޮޑެތި މައްސަލަތައް ފާހަގަކުރެވޭ ފަސް ކުދިން މިދިޔަ މޭ މަހު ވަނީ ވަގުތީ ގޮތުން އެކި ރަށްރަށަށް ފޮނުވާލައިފަ އެވެ. އެކަކުގެ ބަހުން ނަމަ "އެ ކުދިން ހަލަބޮލިވެގެން، ހިޔާ ތެރޭގައި ބޮޑު ކަމެއް ހިނގާފާނެތީ ފޮނުވާލީ" އެވެ. އެކަމަކު އެއީ އެހާ ބުއްދިވެރި ނިންމުމެއް ކަމަކަށް އޭނާ ނުދެކެ އެވެ. ސަބަބަކީ ރަށްރަށުގައި ޖެންޑަ މިނިސްޓްރީން ހިންގާ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކުގެ ހާލަތު ދަށް ކަމެވެ. އެ ތަންތަނުގައި ކެއާވޯކަރުންނެއް އަދި މިފަދަ ކުދިން ގެންގުޅެން ބޭނުންވާ ވަސީލަތްތަކެއް ނުހުރެ އެވެ. ހުންނަނީ ކޭސްތައް ބަލަހައްޓާ އެންމެ މުވައްޒަފެކެވެ. އެކަމަކު އެހެން ކުދިންނާ ވަކިކޮށް، މާލެއާ ދުރަށް ފޮނުވާލުމުން އެ ކުދިންގެ އަޚުލާގަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދަނީ ފާހަގަކުރެވެމުންނެވެ.

މިނިސްޓްރީން ނިންމާފައި ވަނީ ދުވަސްކޮޅެއް ފަހުން އެ ކުދިން އަނބުރާ ހިޔާ އަށް ގެންނާށެވެ.

އީޓީސީސީން ހިޔާ އަށް ބަދަލުކުރި ބައެއް ކުދިން ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.

"ދައްތާ! އުރާލަބަލަ!"

ކްރައުން ކޮމްޕެނީގެ އެހީގައި އެޅި އިމާރާތް 2006ގައި ހުޅުވުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުޑަކުދިންގެ ހިޔާ ވުޖޫދަށް އަތުވެއްޖެ އެވެ. އޭގެ ފަހުން މިހާރު 15 އަހަރު ވެފައިވާ އިރު، އެ ދުވަސްވަރު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ބައެއް ކުދިން އަދިވެސް ތިބީ އެ ތަނުގަ އެވެ.

މި ދާއިރާގެ ކަންކަން އެނގޭ ބައެއް މީހުން ދެކޭ ގޮތުގައި މިހާރު ހިޔާގައި ދިމާވެގެން އުޅޭ މައްސަލައަކީ، އެ ތަނުގައި ކުރިންސުރެ ގެންގުޅެމުން އައި ކުދިން ފުރާވަރަށް އަރައި އެ އުމުރުގެ ހުރިހާ ކުދިން ވެސް ބޭނުންވާ ފަދަ ކަންކަން ބޭނުންވުމެވެ. ހިޔާގެ “ބަންދުން” ސަލާމަތްވެ މިނިވަންވާން އެ ކުދިން އެދޭ އެދުމެވެ. އުމުރާ އެއްގޮތަށް އެ ކުދިންގެ މިޒާޖަށް އައިސްފައިވާ ތޮބީއީ ބަދަލުތަކެވެ.

ހިޔާގައި އުޅޭ ކުދިންގެ ކަންކަން ދަންނަ މީހުން ކިޔައިދެނީ ހިތްފަޅައިގެންދާ ކަހަލަ ވާހަކަތަކެކެވެ.

"ހަގީގަތުގައި މިއީ ގޯސް ކުދިންނެއް ނޫން. އެ ކުދިން ބޭނުންވަނީ ލޯތްބާއި އަޅާލުން،" މި ދާއިރާގެ މާހިރަކު ބުންޏެވެ.

އޭގެ އެއް ހެއްކަކީ އުމުރުން 3-4 އަހަރުގެ ބައެއް ކުދިން ބޮޑުމީހަކާ ބައްދަލުވާ އިރު ކުރާ އާދޭހެވެ. ހިޔާގެ ކަންކަން އެނގޭ މީހަކު ކިޔައިދިން ގޮތުގައި "ދައްތާ! އުރާލަބަލާށޭ ކިޔާފައި އެ ކުދިން އަންނާނެ" އެވެ.

"އެއިން ކުއްޖެއްގެ ގައިގައި ފިރުމާލާ އިރަށް އެ ކުއްޖަކު ވަގުތުން ހިމޭންވާނެ. އެ ކުދިން ބޭނުންވާ އެއްޗަކީ އެއީ. އެ ކުދިންނަށް ނުލިބޭ އެއްޗަކީ އެއީ،" އޭނާ ބުންޏެވެ.

ހިޔާގެ ކަންކަން ދޯދިޔާވުމަކީ އެއް މައްސަލަ އެވެ. އަނެއް މައްސަލައަކީ އެ ތަނުން ކުދިން ނުނެރެވުމެވެ.

ހިޔާއަކީ ހައްލެއް ނޫން

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިންގެ އަދަދު 2015 ވަނަ އަހަރު ކުއްލިއަކަށް އިތުރުވި އެވެ. މަންމަގެ އަނިޔާތަކުގައި ވ. ރަކީދޫ މުހައްމަދު އިބްތިހާލް މަރުވި ހާދިސާ އަށް ފަހު އަދި އެ ކަމުގައި ދައުލަތުގެ އިހުމާލު އޮތް މިންވަރު ފަޅާއަރައި ކުރިމަތިވި ފާޑުކިޔުންތަކާ އެކު، މައްސަލަތައް ރިޕޯޓްކުރުން ގިނަވެ ޖެންޑަ މިނިސްޓްރީގެ ސަމާލުކަން ބޮޑުވީ އެވެ.

މި ދާއިރާގެ މީހުން ގަބޫލުކުރާ ގޮތުގައި ހިޔާ ފަދަ ތަންތަނަށް ކުދިން ލުމަކީ ދާއިމީ ހައްލެއް ނޫނެވެ.

"މަރުކަޒަށް ލުމަކީ ބަންދެއްގައި ކުދިން ބޭތިއްބުން ކަހަލަ ކަމެއް. އެ ކުދިންނަށް އިހުސާސްކުރެވެނީ މައިންބަފައިން އެ ކުދިންނާ އަޅާނުލާ ދޫކޮށްލީމާ އަދަބު ލިބެނީ އެ ކުދިންނަށޭ. އެ ކުދިންނަކަށް އަދި ކެއާވޯކަރުންނަކަށް ވެސް ނޭނގޭ އެ ކުދިންނަށް ދެން ވާނެ ގޮތެއް،" އެކަކު ފާހަގަކުރި އެވެ.

"މިފަދަ މަރުކަޒުތަކަކީ ވަގުތީ ހިޔާ. މަރުކަޒަކަށް ކުއްޖަކު ލާންވާނީ އެ ނޫން ގޮތެއް ނެތިއްޖެ ހާލަތެއްގައި ވީހާ ވެސް ކުރު މުއްދަތަކަށް."

އެތައް އަހަރެއްގެ ތަޖުރިބާ އިން ވާހަކަދައްކަމުން އޭނާ ފާހަގަކުރި ގޮތުގައި މަޖުބޫރީ ހާލަތްތަކުގެ ސަބަބުން މައިންބަފައިންނަށް ބެލެން ނެތް ކުދިންނާއި ގަސްދުގައި ނުބަލާ ދޫކޮށްލާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނީ ވެސް އެ ކުދިންނަށް އެހެން ގޮތެއް ހޯދައިދިނުމުގެ ވިސްނުމުގަ އެވެ. އެއީ ތިމާގެ މީހުން ނުވަތަ އެ ނޫން ވެސް ބަޔަކާ ކުދިން ހަވާލުކުރުމެވެ. ކުޑަކުދިންގެ ހިޔާ ފަދަ މަރުކަޒުތަކުގައި ދާއިމީކޮށް ކުދިން ގެންގުޅުމަކީ އެތަކެއް ހައްގުތަކަކުން ކުދިން މަހުރޫމްވާ ކަމެއް ކަމަށް އޭނާ ދެކެ އެވެ.

"އެކްސްޓެންޑެޑް ފެމިލީ ތެރެއިން ނުވަތަ ފޮސްޓަރިން (ކައްފާލާ) މެދުވެރިކޮށް ވިޔަސް، ކުދިންނަށް ހޯދައިދޭންވީ ދާއިމީ އާއިލީ މާހައުލެއް. ކުދިންގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮކަމަށް އަދި އެ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދޭން އެންމެ މުހިއްމީ އެފަދަ މާހައުލަކުން ލޯތްބާއި އަޅާލުން ލިބުން،" އޭނާ ފާހަގަކުރި އެވެ.

އެކަަމަކު އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އޭގައި ސަރުކާރަށް އޮންނާނެ އެންމެ ބޮޑު ގޮންޖެހުމަކީ އާއިލާތަކާއި މުޖުތަމައުގެ އިހުމާލެވެ. ޒިންމާ ނުނެގުމެވެ. އެއީ މައްސަލައިގެ ފެށުމެވެ. މަރުކަޒުތަކުގައި ކުދިން "ދާއިމަށް" ބައިތިއްބަން ޖެހޭ ސަބަބަކީ އެއީ އެވެ.

"މި ކުދިންގެ ތިމާގެ މީހުން ވެސް އެބަތިބި އަޅާ ވެސް ނުލާ. ބަލައިދޭކަށް ބޭނުމެއް ނުވޭ. މިއީ ވެސް އިހުމާލެއް. މީގައި މުޖުތަމައުގެ އިހުމާލު ވެސް އެބަ އޮތް. އަޅުގަނޑުމެންގެ ދަރިންނާ މެދު ކަންބޮޑުވާ ފަދައިން ނިކަމެތި ކުދިންނަށް އެހީތެރިކަން ދޭން ޖެހޭ. ކުންފުނިތަކުންނާއި ފަރުދީ ފެންވަރުގައި މިފަދަ މަރުކަޒުތަކަށް ދޭ ހަދިޔާ އަށް ވުރެ ބޮޑަށް އެ ކުދިންނަށް ބޭނުންވަނީ ލޯތްބާއި އަޅާލުން. އެއީ ފައިސާ އިން އަގު ނުކުރެވޭ ކަންކަން،" ތަޖުރިބާކާރަކު ބުންޏެވެ.

"މިހާރު"އާ ވާހަކަދެއްކި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދަރުމަ އަށް ކުދިން ބަލަން ބޭނުންވާ މީހުންނާ ކުދިން ހަވާލުކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާކުރަން ޖެހެ އެވެ. އަދި އެކަމަށް ތަރުހީބު ބޮޑުކުރެވޭނީ މިހާރަށް ވުރެ ހާމަކަން ބޮޑު ސިޔާސަތަކުން ކަމަށް ވެސް އެ މީހުން ދެކެ އެވެ.

"ކަންކަން ފޮރުވައި ސިއްރުކޮށްގެން އުޅުމުގެ ބަދަލުގައި، ކަންކަން ހާމަކޮށް މުޖުތަމައުއާ ގުޅުން ބޮޑުކުރަންވީ. ހޭލުންތެރިކުރަންވީ. އޭރުން މިހާރަށް ވުރެ ބޮޑަށް މުޖުތަމައުގެ އެއްބާރުލުން މި ކަމަށް ލިބޭނެ. ކުދިންގެ ހައްގުތައް ނުގެއްލޭ ގޮތަށް ވެސް މައުލޫމާތު ފޯރުކޮށްދެވޭނެ،" އެކަކު ފާހަގަކުރި އެވެ.

ހިޔާގެ މައްސަލަތަކާ ބެހޭ ގޮތުން ޖެންޑަ މިނިސްޓްރީގެ ބަސް ހޯދަން އީމެއިލްކުރި ސުވާލުތަކަށް ވެސް އެ ތަނުން ޖަވާބެއް ނުދެ އެވެ. އެކަމަކު ދިގުދެމިގެންދާ މި މައްސަލަތަކުން ހާމަވާ އެއް ހަގީގަތަކީ މި ދާއިރާ އަށް ދައުލަތުގެ އަޅާލުން ކުޑަ މިންވަރެވެ. އެންމެ އިސްކަންދޭ ކަންކަމުގެ ލިސްޓަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތް ނާރާ ކަމެވެ. އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނާ މެދު ސަރުކާރަކަށް ފަހު ސަރުކާރެއް އިހުމާލުވަމުންދާ ކަމެވެ.