Roadha Mihaaru
ޝައިމް ގެއްލުނީ ބަލަންވާވަރަށް ނުބެލުމުން: މިނިސްޓަރު

ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުންކަން ގަބޫލުކުރަން: ޝިދާތާ

26 ޖޫން 2019

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް އަބްދުﷲ މިދިޔަ ހަފުތާގައި ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުން ކަން ގަބޫލުކުރައްވާ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް އަބްދުﷲ މިދިޔަ ހަފުތާގައި ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުން ކަން ގަބޫލުކުރައްވާ ކަމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު ޝައިމް، 14، އަދިވެސް ނުފެނެ އެވެ.

އޭނާ ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާއިން ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން"ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުށުގެ ވެށީގައި އުޅެނިކޮށް ޝައިމް މި މަހުގެ ކުރީކޮޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށެވެ. އާއިލާ އިން ވެސް ޝައިމްއާ ހަވާލުވާން ދެކޮޅު ހެދިއިރު، ބެލެނިވެރިން ވެސް އޭނާ ގޭގައި ބަހައްޓަން އެއްބަސް ނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ހިޔާއަކީ ކުށުގެ ވެށިން ގެންނަ ކުދިން ބައިތިއްބާ ތަނަކަށް ނުވިއަސް އިތުރު ގޮތެއް ނެތުމުން ޝައިމް ބެހެއްޓީ އެހެން ކުދިންނާ ވަކިން ކޮޓަރިއެއްގަ އެވެ. ގެއްލުނު ރޭ ވެސް ޝައިމްގެ ކަންކަން ހިޔާގެ މުވައްޒަފުން ބެލި ކަމަށާއި ޝައިމް ފިލީ ޖެހިގެން ހުރި ކޮޓަރީގެ ކުޑަދޮރަކުން ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝައިމް ފިލި ރޭ ވެސް އޭނާ ނިދާފައި އޮތް ކޮޓަރި ހިޔާގެ މުވައްޒަފުން ތިން ފަހަރަށް ޗެކްކުރި ކަމަށެވެ. އެކަމަކު، އޭނާ އަކީ މުޅި ގައިގައި ބެޓްޝީޓް އަޅައިގެން ނިދާ ކުއްޖަކަށް ވާތީ، ބެޑްޝީޓް ހިއްލައި މުވައްޒަފުން ނުބަލާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުނޑު ގަބޫލުކުރަން ބަލަންވާ ވަރަށް ނުބަލާފައި ކަމަށް އެ އޮތީ. ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން ވަކި ކަހަލަ ބިހޭވިއާ ހުންނަ ކުދިން ބެލެހެއްޓޭ ގޮތަށް ހުރި ތަނެއް ނޫން ހިޔާ އަކީ. އަދި އެގޮތަށް ތަމްރީންވެފައި ތިބި މުވައްޒަފުން ވެސް ތިބި ތަނެއް ނޫން ހިޔާ އަކީ. އެއީ ސަބަބެއް ކަމަށް ވެދާނެ. ނަމަވެސް އެއީކީ އެކަން ވާން ޖެހޭނެ ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝައިމްއާ ގުޅޭ ގޮތުން މިނިސްޓްރީން އާއްމުކުރި ތަފްސީލު

- އާއިލާ އިން ޝައިމް އަށް އިހުމާލުވާ މައްސަލަ މިނިސްޓްރީ އަށް ފުރަތަމަ ހުށަހެޅީ 2009 ގައި.

- އެސެސްމެންޓްތަކަށް ފަހު ދައުލަތުގެ ބެލުމުގެ ދަށަށް ޝައިމް ނެގީ 2015 ގައި.

- އޭނާގެ ގާނޫނީ ބެލެނިވެރިންނަށް ވާން އެދި ހުށަހެޅި ބަޔަކާ 2016 ގައި ހަވާލުކުރި.

- އެ ކުއްޖާއާ ގުޅޭ ގިނަ މައްސަލަތަކެއް 2017 ގައި ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި. އޭގެ ތެރޭގައި ސްކޫލަށް ނުދިއުމާއި ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރުން ހިމެނޭ.

- އޭގެ ފަހުން، ޝައިމްގެ މަންމައާ އެކު ގެސްޓު ހައުސްއެއްގައި އުޅޭ ކަމަށް މިނިސްޓްރީ އަށް މައުލޫމާތު ލިބުނު. އެތަނަށް ގޮސްގެން ޝައިމްއާ ދިމައެއް ނުވި.

- ޝައިމް ދިރިއުޅެމުންދާ ގެއެއްގެ އެޑްރެސް ލިބިގެން މިނިސްޓްރީގެ ޓީމުތައް މި އަހަރު ދިޔައިރު ވެސް ދިމައެއް ނުވި.

- އޭނާ ދިރިއުޅޭ ހާލަތު މޮނިޓަކުރަން ދިރިއުޅޭ ތަނެއް ހޯދައިދޭން މި އަހަރުގެ ތެރޭގައި ތިން ފަހަރަށް ފުލުހުންނަށް ހުށަހެޅިން.

- ޝައިމްގެ އެޑްރެސް ފުލުހުން ހޯދައި މިނިސްޓްރީ އަށް އެންގުމުން ޓީމުތައް ދިޔައިރު އެ ގެއަކުން ދިމައެއް ނުވި. އޭނާގެ ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އެއްވެސް ގޮތަކަށް ގެއަކަށް ނާދޭ.

- ފުލުހުންނަށް ޝައިމް ފެނުނީ މި މަހުގެ ކުރީކޮޅު. ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އާއިލާ އިން ހަވާލު ނުވުމުންނާއި ކުރިން ހަވާލުވި މީހުން ވެސް އިތުރަށް އޭނާ ބަލަހައްޓަން ދެކޮޅު ހެދުމުން. ހިޔާގައި ބަހައްޓާފައި ހުރީ އެސެސެމެންޓްތަކެއް ހެދުމަށް.

ޝިދާތާ ވިދާޅުވި ގޮތުގައި ޝައިމް ގެއްލުމާ އެކު މިނިސްޓްރީން މައުލޫމާތު އާއްމު ނުކުރީ ކުޑަކުދިންގެ މައްސަލަތަކުގެ ޚައްސާސް ކަމުންނެވެ. މީޑިއާ އާއި ސޯޝަލްމީޑިއާ އަދި އެހެން ގޮތްގޮތުން ވެސް ދައުރުވާ ވާހަކަތައް ސްކޫލް މާހައުލުންނާއި އެ ނޫން ގޮތްގޮތުން ވެސް ހިޔާގައި ތިބި ކުދިންނާ ހަމައަށް ވެސް ފޯރާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީން އިސްކަންދެނީ، އޭނާ ވިދާޅުވި ގޮތުގައި، ކުދިންގެ ރައްކާތެރިކަމާއި ހިމާޔަތަށެވެ.

ޝައިމްގެ މައުލޫމާތު އާއްމުކުރުމުގައި އޮޅުންތަކެއް އެރީ މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ސަބަބާ ހެދި އެވެ.