Roadha Mihaaru
ކުދިންތަކެއް ރައްކާތެރި ތަނަކަށް ގެންދަން ހުރަސްއަޅައިފި

ހަތަރު ކުއްޖަކު ރައްކާތެރި މާހައުލަކަށް ގެންދަން އުޅުމުން ހުރަސްއަޅައިފި

24 ޖެނުއަރީ 2020

މެދު ރާއްޖެތެރޭގެ ރަށެއްގެ ކުދިންތަކެއް ރައްކާތެރި މާހައުލަކަށް މިއަދު ގެންދަން އުޅުމުން ހުރަސްއަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މެދު ރާއްޖެތެރޭގެ ރަށެއްގެ ކުދިންތަކެއް ރައްކާތެރި މާހައުލަކަށް މިއަދު ގެންދަން އުޅުމުން ހުރަސްއަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނިގޮތުގައި އެ ހަތަރު ކުދިންނަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންނެވެ. އެ ކުދިން ދިރިއުޅުނު މާހައުލުން ދުރަށް ގެންދަން އުޅުނީ އެއީ ކުދިންނަށް އެންމެ ރައްކާތެރި މާހައުލަކަށް ނުވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އެ ކަމަށް ހުރަސްއެޅީ އެ ރަށުގެ ބައެއް މީހުންނެވެ.

މި މައްސަލައިގައި، ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދޭން ހުރަސްއަޅާ މީހުން ހައްޔަރުކުރަން ޓުވިޓާގައި ގޮވާލާފައިވާ އިރު މިނިސްޓްރީން އަމަލުކުރި ގޮތް ގޯސްކަމަށް ބުނެ މީހަކު ޓުވީޓްކޮށްފައިވެ އެވެ.

އެ ކުދިންގެ އާއިލާގެ މީހެއް ކަމަށް ބުނާ އެ މީހާ ލިޔެފައިވާ ގޮތުގައި 10 ވަރަކަށް ފުލުހުން އެއްފަހަރާ ރަށަށް އަަރައި އެ ކުދިން ގެންދަން އުޅުމުން ރައްޔިތުން ހިތްހަމައެއް ނުޖެހޭނެ އެވެ. އެ ކުދިންނާ ގުޅޭ މައްސަލަ ބަލާތާ އެތައް ދުވަހެއް ފަހުން، ހާލަތު ވަޒަން ނުކޮށް އެ ކުދިން ގެންގެން އުޅުމަކީ ގޯހެއް ކަމަށް އެ މީހާ ބުނެފައިވެ އެވެ.

ދިރިއުޅޭ މާހައުލުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ރައްކާތެރި ނޫން ނަމަ ވެސް އެސެސްމެންޓްތައް ހެދުމަށް ފަހު އާއިލާގެ އެހެން މީހަކާ ހަވާލުކުރެ އެވެ. އާއިލާ އިން އެ ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްނުދޭ ނަމަ ދައުލަތުގެ ބެލުމުގެ ދަށުން ބައިތިއްބަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ނުވަތަ ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.

ހަތަރު ކުއްޖަކު ރައްކާތެރި މާހައުލަކަށް ގެންދަން އެ ރަށަށް ގޮސް މިނިސްޓްރީން މިއަދު މަސައްކަތް ފެށިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް މި ދުވަސްކޮޅު ވަނީ ފެންމަތިވެފަ އެވެ.