Roadha Mihaaru
ދެ ކުދިންގެ ވީޑިއޯ އާއްމުކުރި މީހާ ހޯދަނީ

ދެ ކުދިންގެ ވީޑިއޯ އާއްމުކުރި މީހާ ދެނެގަތުމުގެ މަސައްކަތް އެބަ ކުރަން: ޕޮލިސް

09 ފެބުރުއަރީ 2020

ކުޑަ ދެ ކުއްޖަކު، އުމުރާ ނުގުޅޭ އަމަލެއް ހިންގާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުޑަ ދެ ކުއްޖަކު، އުމުރާ ނުގުޅޭ އަމަލެއް ހިންގާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދެ ކުދިން އެނގޭ ގޮތަށް ވީޑީއޯކޮށް، އެ ކުދިންނަށް އިތުރު އަނިޔާ އަށް ހުށަހެޅޭގޮތަށް ބޭޒާރުކޮށްލި މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ވީޑިއޯ ވައިރަލްކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލްމީޑިއާ އަށް މި ވީޑިއޯ ދޫކޮށްލުމާ އެކު ގިނަ ބަޔަކު ޝެއާކޮށް، ހިޔާލުފާޅުކުރަމުން ދިޔަ އެވެ. އެކަކު ތުހުމަތުކުރި ގޮތުގައި މި މަހުގެ ކުރީކޮޅު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި އެ މައްސަލައިގެ ވީޑިއޯ ލީކުވީ މިނިސްޓްރީ ތެރެއިންނެވެ. މި ސީރިއަސް އިލްޒާމް މިނިސްޓްރީން ދޮގު ކުރެ އެވެ.

ޖެންޑާގެ އޮފިޝަލަކު ވިދާޅުވީ އެތަނަށް ވީޑިއޯ ލިބުނީ އިއްޔެ ސޯޝަލް މީޑިއާ އިންނެވެ. އެކަމަކު އޭގެކުރިން މިފަދަ މައްސަލައެއް އެތަނަށް ރިޕޯޓްކުރުމުން ފުލުހުންނާ އެކު ބަލަމުން ދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު، އެއީ ސީދާ އެ މައްސަލަ ކަމެއް އިއްޔެއާ ހަމައަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

ކުޑަ ކުދިންގެ އަޚުލާގީ މައްސަލަތަކާ ގުޅޭ ވީޑިއޯ ސޯޝަލްމީޑިއާގައި ވައިރަލްކުރުމަކީ ވަރަށް އާއްމުވެފައިވާ ކަމެކެވެ. ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުދިން އެނގޭ ގޮތަށް އޯޑިއޯ އާއި ވީޑިއޯ އާއްމުކޮށްފައި އެބަހުއްޓެވެ. މީގެއިތުރުން ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓާ ކުދިން އެތަނުގެ ގޯތިތެރޭގައި އުޅޭ ގޮތް ވީޑިއޯކޮށް، އަޚުލާގު ގޯސްކުދިންގެ ގޮތުގައި ސިފަކޮށް ވެސް ވީޑިއޯ އާއްމުކޮށްފައި ވެ އެވެ.

ފަހުން ވެސް އެ ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ މިފަދަ ވީޑިއޯ އާއްމު ނުކުރަން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ވީޑިއޯތަކުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ، ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް ވަކި ނުވާ އުމުރުގެ ކުދިންގެ ވީޑިއޯ އާއްމުކުރުމަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކަން ހަނދާންކޮށްދެއްވައިފަ އެވެ.

އުޝާމްގެ ޓުވީޓް.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން އާއިލާ އާއި މުޖުތަމައުގެ ޒިންމާތަކެއް ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ހައްގުތައް ރައްކާތެރިކޮށްދީ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން އޭގެތެރޭގައި ހިމެނެ އެވެ. އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރަން ވެސް ގާނޫނުގައި ލާޒިމްކޮށްފައިވެ އެވެ.

މި ރައްކާތެރިކަމާއި ހިމާޔަތަށް މަސައްކަތް ނުކޮށް އެ ކުދިން ބޭޒާރުކޮށްލުމަކީ ގާނޫނުގައި ބުނާ ގޮތުން ވެވޭ އިހުމާލެކެވެ.

އާއްމުވި ވީޑިއޯ އިން ފެންނަނީ އެ ކުދިންގެ މައްސަލައެއް ނޫނެވެ؛ އެ ކުދިން ދިރިއުޅޭ މާހައުލުން އެ ކުދިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވިފައިވާ ކަމެވެ.