Roadha Mihaaru
"ކުޅުންތެރިން ހަލާކުވުމުގައި އޭޖެންޓުންގެ ދައުރު ބޮޑު"

ކުޅުންތެރިން ހަލާކުވުމުގައި އޭޖެންޓުންގެ ދައުރު ބޮޑު: ފާގަސަން

06 ޖުލައި 2017

ލަންޑަން (ޖުލައި 6) - ފުޓްބޯޅަ ކުޅުންތެރިން ހަލާކުވުމުގައި އެ ކުޅުންތެރިންގެ އޭޖެންޓުންގެ ދައުރު ބޮޑު ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 6) - ފުޓްބޯޅަ ކުޅުންތެރިން ހަލާކުވުމުގައި އެ ކުޅުންތެރިންގެ އޭޖެންޓުންގެ ދައުރު ބޮޑު ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.

ފާގަސަން ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވީ 1986 އިން ފެށިގެން 2013 ވަަނަ އަހަރާ ހަމައަށް އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު އެވެ. މި މުއްދަތުގެ ތެރޭގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އޭނާގެ އިރުޝާދުގެ ދަށުން ވަނީ ކުޅެފަ އެވެ.

ފާގަސަން ބުނީ ކުޅުންތެރިންގެ ޓްރާންސްފާގެ ކަންތައްތައް ކުރިން ހިނގީ ވަރަށް ފަސޭހަކޮށް ކަމަށާއި އެހެން ނަމަވެސް ފަހަކަށް އައިސް ފައިސާގެ ނުފޫޒުން ކުޅުންތެރިން ހަލާކުވަމުން އަންނަ ކަމަށެވެ.

"އަހަރެން ދެކެން އޭޖެންޓުން މަސައްކަތް ކުރާގޮތް ވަރަށް ކައިރިން. ކުރިން ވަރަށް ފަސޭހަ އެކަމު މިހާރު އޭޖެންޓުން މެދުވެރިވެ ފައިސާގެ ނުފޫޒުން ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދުމުން މި ދަނީ. ހަގީގަތުގައި މީގެ ސަބަބުން ކުޅުންތެރިން ހަލާކުވަނީ،" ބީޓީ ސްޕޯޓްސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ފާގަސަން ބުންޏެވެ.

ފަހަކަށް އައިސް ގިނަ ކުޅުންތެރިން އެއް ކްލަބުން އަނެއް ޓީމަށް ބަދަލުވުމުގައި ގިނަ ފަހަރަށް ޓްރާންސްފާ ކަންތައްތައް ހުއްޓެނީ އޭޖެންޓުން ބޭނުންވާ ގޮތަށް ކަންތައްތައް ހަމަނުޖެހޭތީ އެވެ. ފާގަސަން ބުނީ މިއީ ފުޓްބޯޅަ އަށް ލިބޭ ގެއްލުމެއް ކަމަށެވެ.

"ކުޅުންތެރިންނަށް ގެއްލުން ވުމަކީ ފުޓްބޯޅަ އަށް ގެއްލުންވުން. ކުޅުންތެރިން ކުޅޭނެ ކްލަބެއް ނިންމާނީ އޭޖެންޓެއް ނޫން. އެ ކުޅުންތެރިއަކު އަމިއްލަ އަށް. ޓްރާންސްފާގެ ކަންތައްތައް ގޯސްވެގެން ގިނަ ކުޅުންތެރިން ތަކެއްގެ ކެރިއަރު ވެސް ހުއްޓިފައި އެބަހުރި،" އޭނާ ބުންޏެވެ.

ޔުނައިޓެޑާ މިދިޔަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ގުޅުނު ޕައުލް ޕޮގްބާ އަކީ 2012 ވަނަ އަހަރު ކުޅުމުގެ ފުރުސަތު ނުދޭތީ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ކުޅުންތެރިއެކެވެ. ފާގަސަން ބުނީ ޕޮގްބާ އޭރު ޔުނައިޓެޑް ދޫކޮށްލީ ހަމައެކަނި ކުޅުމުގެ ފުރުސަތު ނުދޭތީ ނޫން ކަމަށާއި އޭނާގެ އޭޖެންޓް މިނޯ ރައިއޯލާއާ މެދު ހިނގި ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ.