Roadha Mihaaru
މޮރީނިއޯ އަށް ފާގަސަން ތައުރީފްކޮށްފި

މޮރީނިއޯ އަށް ފާގަސަން ތައުރީފްކޮށްފި

28 މާޗް 2017

ލަންޑަން (މާޗް 28) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އެ ޓީމުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ތައުރީފް ކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 28) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އެ ޓީމުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ތައުރީފް ކޮށްފި އެވެ.

ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ޔުނައިޓެޑާ ހަވާލުވީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ފާގަސަން 2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަން ދޫކޮށްލި ފަހުން އެ ޓީމާ ހަވާލުވި ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލަށް އެ ޓީމަށް މާ ރަނގަޅު ކާމިޔާބެއް ހޯދައިނުދެވުނެވެ.

ޔުނައިޓެޑް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތްއިރު، ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ އެ ޓީމުގެ ދެމެދު 17 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ފާގަސަން ބުނީ މޮރީނިއޯގެ ކޯޗުކަމުގައި މި ސީޒަނުގައި ޔުނައިޓެޑުން ދައްކަމުން އަންނަނީ ރަނގަޅު ކުޅުމެއް ކަމަށެވެ.

"ބޮޑު ސްކޮޑެއް ގޮވައިގެން ސީޒަނާ ކުރިމަތިލުމަކީ ފަސޭހަކަމެއް ނޫން. އެއީ ހަމަހަމަކޮށް ކުޅުންތެރިންނަށް ފުރުސަތުދީ ޓީމު އެއްބައިވަންތަކުރުމަށް ވެސް އުނދަގޫވާނެ. އަހަރެންގެ ނަޒަރުގައި ޔުނައިޓެޑަށް މި ފަހަރު ލީގަށް ވާދަނުކުރެވުނީ ނަސީބު އެހީނުވާތީ،" ފާގަސަން ބުންޏެވެ.

ޔުނައިޓެޑް ވަނީ މޮރީނިއޯގެ ކޯޗުކަމުގައި މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް އުފުލާލައިފަ އެވެ. އެ ޓީމަށް ޕްރިމިއާ ލީގު ލިބުމުގެ ފުރުސަތު ހަނިއިރު، ޔޫރޮޕާ ލީގުގައި އެ ޓީމު އޮތީ ކުއާޓާ ފައިނަލުގަ އެވެ.

"ލީގު ކަޕްގެ ކާމިޔާބީ އެއީ ކުޅުންތެރިންނަށް ލިބިގެންދިޔަ ހިތްވަރެއް. ޔުނައިޓެޑް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންނަމަ އެންމެ ފަސޭހަ ގޮތަކީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވުރެން ޔޫރޮޕާ ލީގު ކާމިޔާބު ކުރުން،" ފާގަސަން ބުންޏެވެ.

ތަޖުރިބާކާރު ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗަކީ މި ސީޒަނުގައި ޔުނައިޓެޑްގެ އެޓޭކްގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ.

ފާގަސަން ބުނީ އިބްރަހިމޮވިޗް ދައްކަމުން އަންނަ މޮޅު ކުޅުމަކީ ލިބުނު ހައިރާންކަމެއް ކަމަށެވެ.

"ޕްރިމިއާ ލީގަކީ ވަރަށް އުނދަގޫ ލީގެއް. އުމުރުން 35 އަހަރުގައި ޕްރިމިއާ ލީގަށް އަލަށް އައިސް ތަފާތު ދެއްކުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އިބްރަހިމޮވިޗްގެ ފަރާތުން ފެންނަނީ ތަފާތު މޮޅު ކުޅުމެއް،" ފާގަސަން ބުންޏެވެ.

ޔުނައިޓެޑް އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.