Roadha Mihaaru
ރައީސްގެ މެސެޖާ އެކު ޕީޖީ ގްރޫޕްގައި ރައްދުތަކެއް

ރައީސްގެ މެސެޖާ އެކު ޕީޖީގެ ވައިބަ ގްރޫޕްގައި ރައްދުތަކެއް

30 ޖޫން 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުން ސޮއިކުރެއްވުމަކީ އެމަނިކުފާނަށް އުނދަގޫފުޅު ވާނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން، ވައިބާ ގްރޫޕްގައި ވިދާޅުވުމުން ބައެއް މެމްބަރުންގެ މެދުގައި ރައްދުތަކެއް ބަދަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުން ސޮއިކުރެއްވުމަކީ އެމަނިކުފާނަށް އުނދަގޫފުޅު ވާނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން، ވައިބާ ގްރޫޕްގައި ވިދާޅުވުމުން ބައެއް މެމްބަރުންގެ މެދުގައި ރައްދުތަކެއް ބަދަލުކޮށްފި އެވެ.

އެވާހަކަތަކުގެ ތެރޭގައި ރައީސް ޔާމީން ވިދާޅުވީ މަސީހުގެ ވޯޓަކީ "ސިޔާސީ ހަސަދަވެރިކަން" ކަމަށެވެ.

"ދުރުކޮށްފައި ގެންނަން ވިސްނަނީ ވަރަށް ސާފު ތާހިރު ސްޕީކާއެއްބާ؟" ރައީސް ސުވާލުކުރެއްވި އެވެ.

"މިއީ ގައުމުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން. ގާނޫނުން ރެކެން ކުރެވޭ މަސައްކަތެއް."

ވައިބަ ގްރޫޕްގައި ބައެއް މެމްބަރުން ގެންދަވަނީ ރައީސާ އެކު ހުންނެވި ކަމަށް ވިދާޅުވަމުންނެވެ. އެކަމަކު ގްރޫޕްގައި ތިބި މެމްބަރުންގެ ޖުމްލައަށް ބަލާއިރު ރައީސްގެ ވާހަކަފުޅުތަކަށް ތާއީދުކުރައްވާ މެސެޖްތައް ލިއުއްވަނީ "ނުވަ ވަރަކަށް މެމްބަރުން" ކަމަށް، ބައެއް މެމްބަރުން، ބައެއް ނޫސްވެރިން ގާތު ވިދާޅުވި އެވެ.

މީޑިއާއާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސްގެ ބޭނުންފުޅަކީ ރައްޔިތުންގެ މަޖިލިހަށް އިދިކޮޅު ފަރާތްތަކުން ލާން އުޅޭ މަސީހުގެ މައްސަލާގައި ސޮއިކުރެއްވީ ޕީޕީއެމްގެ ކޮން މެމްބަރުންނެއްތޯ ބެއްލެވުމެވެ.

"އެކަން ރައީސް އެކުރައްވަނީ. މެމްބަރުންނަށް ވެސް އެނގޭ ރައީސްގެ މަގުސަދު، އެހެންވެ ޖަވާބު ދޭ ހުރިހާ މެމްބަރުން ވެސް ބުނަނީ ރައީސާ އެކު ހުރި ކަމަށް،" އެއް މެމްބަރަކު ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހު ވަނީ ވައިބަ ގްރޫޕްގައި ދައްކާ ވާހަކަތައް މީޑިއާ އަށް ލީކްވާތީ އެކަމާ ރުޅިގަދަވެފަ އެވެ. އެގޮތުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ އަރިހުން އޭނާ އެދިވަޑައިގަތީ ގްރޫޕްގެ މެސެޖްތައް ލީކުކުރައްވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށެވެ. އެ ވާހަކައަށް ނިހާން ވިދާޅުވި ކަމަށް ވަނީ އެކަން އެނގޭނެ ގޮތެއް ނޯންނަ ކަމަށެވެ. ގްރޫޕްގެ މެސެޖްތައް ލީކްކުރައްވާ ބޭފުޅަކު އެނގިވަޑައިގެންފި ނަމަ ގްރޫޕުން ބޭރުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކުގެ ތެރޭގައި ހއ. ދިއްދޫ މެމްބަރު އަބްދުއްލަތީފު އަށް ނިސްބަތްކުރައްވާ ފަލާހު ވިދާޅުވި އެއްޗަކާ ގުޅިގެން ލަތީފު ވަނީ ރައްދު ދެއްވައިފަ އެވެ. ފަލާހު ލިއުއްވީ "އެމްޕީ ލަތީފް މިއަދު ވެސް އަޅުގަނޑުމެންނަށް އެއްވެސް އެއްބާރުލުމެއް ދޭކަށް ނުބުނޭ" ކަމަށެވެ.

އޭނާގެ މި ވާހަކައިގެ މަގުސަދަކީ، ރައީސްގެ މެސެޖާ އެކު ބައެއް މެމްބަރުން އެމަނިކުފާނާ އެކުގައި ތިއްބެވި ކަމަށް ވިދާޅުވަމުން ގެންދެވި އިރު ލަތީފު އެއްވެސް އެއްޗެއް ނުލިއުއްވުން ކަމަށް، މީޑިއާއާ ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވި އެވެ.

އެއް މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސަށް "ޔެސް ސާ ނުވަތަ އާމީން" އޭ މިއަދު ވިދާޅުވީ ނުވަ ވަރަކަށް މެމްބަރުންނެވެ. ގިނަ މެމްބަރުން މިއަދުގެ ބަހުސް ތެރެއަށް އަދި ވަދެވަޑައިނުގަންނަވާ ކަމަށްވެ އެވެ.

އެކަމަކު ފަލާހުގެ އެ ވާހަކައަށް ލަތީފު ވަނީ ދިގުކޮށް ރައްދުގެ މެސެޖެއް ލިއުއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މަސީހާ އެއްކޮޅަށް ތިން ބުރަކަށް މަޖިލީހުގައި ވޯޓު ލައްވައިފި ކަމަށާއި "ހަތަރު ވަނަ ފަހަރު ވޯޓު ދޭން ޖެހޭ ސަބަބު އަދި މި އުޅެނީ ނުވިސްނިގެން" ކަމަށެވެ.

ލަތީފު ވިދާޅުވި ގޮތުގައި މަސީހުގެ މައްސަލާގައި އޭނާގެ އަތުން އަތުލާނެ ޕްރޮޖެކްޓެއް އަދި ވަކިކުރާނެ މީހަކު ސިޔާސީ މަގާމެއްގައި ނޯންނާނެ އެވެ.

"މަޖިލިހަށް ހާޒިރުވުމުގެ ރެކޯޑް ވެސް އޮތީ އަޅުގަނޑުގެ އަތުގަ އެވެ. ސަރުކާރުން ބޭނުންވާ ވޯޓު، ސަރުކާރުން ބޭނުންވާ ގޮތަށް ދިނުމުގެ ރެކޯޑް ވެސް އޮތީ އަޅުގަނޑުގެ އަތުގަ އެވެ. ސަރުކާރު ދިފާއުކުރުމަށް ޓީވީތަކަށް ވެސް ވަރަށް ގިނައިން އަރާފައި ހުންނާނެ އެވެ،" ލަތީފުގެ މެސެޖްގައި ވެ އެވެ.

އޭނާ ވިދާޅުވީ "މި ވަގުތު ވެސް އަޅުގަނޑު މިހުރީ ސާބިތުކަމާ އެކު ޕީޕީއެމްގައި" ކަމަށެވެ.

"އެކަމަކު މިހާރު ކަން ހިނގާ ގޮތުން ޕީޕީއެމްގެ މިލްކުވެރިޔާ ވެސް ކަނޑައަޅަނީ ސުޕްރީމް ކޯޓުން ނޫންތޯ އެވެ." އޭނާގެ މެސެޖްގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި އޮންނަން ޖެހޭނެ ކަމަށް، މި ފަހުން ޕީޕީއެމް ކޯލިޝަނުން ވަނީ ގަވާއިދުގައި ކަނޑައަޅާފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިފަހަރު މައްސަލަ ހުށަހަޅާނީ އެއަށް ވުރެ ވެސް ގިނަ މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެވަރަށް ސޮއި ލިބޭނީ ޕީޕީއެމް ކޯލިޝަނުގެ މެމްބަރުން ވެސް ހިމަނައިގެންނެވެ. އެކަމަކު މަސީހާ ދެކޮޅަށް ސޮއިކުރެއްވީ ޕީޕީއެމްގެ ކޮން މެމްބަރުންނެއް ކަމެއް އަދި ނޭނގެ އެވެ.