Roadha Mihaaru
ވޯޓު ދީފި ނަމަ 10 މެމްބަރުން ވަކިކުރާނެކަމަށް ބެލެވޭ

މަސީހާ ދެކޮޅަށް ވޯޓު ދީފި ނަމަ 10 މެމްބަރުން ވަކިކުރާނެ ކަމަށް ބެލެވޭ: ނިހާން

16 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރަން ސޮއި ކުރައްވާފައި ތިއްބެވި ޕީޕީއެމްގެ މެމްބަރުން، އެމަނިކުފާނާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވައިފި ނަމަ ޕާޓީން ވަކިކުރާނެ ކަމަށް ބެލެވޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރަން ސޮއި ކުރައްވާފައި ތިއްބެވި ޕީޕީއެމްގެ މެމްބަރުން، އެމަނިކުފާނާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވައިފި ނަމަ ޕާޓީން ވަކިކުރާނެ ކަމަށް ބެލެވޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ނިހާން އެހެން ވިދާޅުވި އިރު، މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ޕީޕިއެމްގެ 10 މެމްބަރަކު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް ޕާޓީން ވަކިވުމާ މެދު ޖަވާބެއް ނުދީ ޕާޓީން އެ މެމްބަރުންނަށް އަންގާފައިވަނީ އެ މެމްބަރުންގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެ މެމްބަރުން ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލައެއް ބެލުމަށް ފަހު އަޅާ އެންމެ ބޮޑު ފިޔަވަޅަކީ ވެސް ޕާޓީން ވަކިކުރުން ކަމަށްވާ އިރު، އެ ބުނާ މައްސަލައެއް ބަލަން ފެށުމުގެ ކުރިން ޕާޓީން ވަކިވެފައިވާތީ އެ މެމްބަރުންނަކީ މިހާރު ޕީޕީއެމްގެ މެމްބަރުންނެއް ނޫނެވެ. އަދި ޕާޓީން ވަކިނުވާ ކަމަށް ބުނާ ނަމަ އެއީ އެ މެމްބަރުން "ހައިޖެކްކުރުމެއް" ކަމަށް ދެކެވަޑައިގަންނަވަ އެވެ.

ނިހާން މިއަދު ވިދާޅުވީ މެމްބަރުން ވަކިވެއްޖެކަން ޕާލަމެންޓްރީ ގްރޫޕަށް ސާފުވާނީ ސުލޫކީ ކޮމެޓީގެ ނިންމުން ލިބުމުން ކަމަށެވެ. ސުލޫކީ ކޮމެޓީ އާއި ފިޔަވަޅު އަޅާ ކޮމެޓީ އަށް މެމްބަރުންގެ މައްސަލަ ފޮނުއްވީ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ޚިލާފުވެވަޑައިގަތުން ފަދަ އަމަލެއް މެމްބަރުންތަކެއް ހިންގަވާފައިވާތީ ކަމަށް ނިހާން ވިދާޅުވި އެވެ.

"ޕާލަމެންޓްރީ ގްރޫޕަށް ނިންމުން ލިބޭނީ، ސުލޫކީ ކޮމެޓީން ގޮތެއް ނިންމައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވުމުން. މި މައްސަލަ ބެލި ނަމަވެސް ޕާޓީއާ ފެއަށް ވަޑައިނުގަނެ، އަލުން މަސައްކަތުގައި ބައިވެރިވާން އަޅުގަނޑު ވާނީ ދައުވަތު ދީފައި. މިއާ ޚިލާފަށް މެމްބަރުން އަމަލު ކުރައްވައިފި ނަމަ، ވަކިކުރާނެ ކަމަށް ބެލެވޭ. އެއީ މިފަދަ މައްސަލަތަކުގައި މީގެ ކުރިން ވެސް މިގޮތަށް ޕާޓީން އަމަލުކޮށްފައިވާތީ،" ނިހާން ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވާ ގޮތުން، މެމްބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ ވެސް މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ އެވެ. އެ ގޮތަށް އަމަލު ކުރަނީ، އެ ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވީ، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައި ކަމަށްވާ ނަމަ އެވެ.

ޕާލަމެންޓްރީ ގްރޫޕުގެ ގަވާއިދު ހުރިހާ މެމްބަރުންނަށް ސާފުވެވަޑައިގަންނަވާ އިރު، މަސީހު ވަކި ކުރާ މައްސަލަ ހުށަހަޅަން މެމްބަރުންތަކެއް ސޮއި ކުރެއްވުމަކީ ވިޕްލައިނާ ޚިލާފުވުން ފަދަ އަމަލެއް ކަަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މެމްބަރުންނަށް ދީފައިވާ ފުރުސަތުގެ ބޭނުން ހިއްޕަވައި، ޕީޕީއެމަށް ވަޑައިގެންފި ނަމަ އެއީ އެ މެމްބަރުންނަށް ވެސް "ވަރަށް ބޮޑު ރަނގަޅެއް" ކަމަށެވެ.

"ވަޑައިނުގެންފިއްޔާ އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ އެއީ އެ ބޭފުޅުން ގަސްތުގައި ޕާލަމެންޓްރީ ގްރޫޕުގެ ރޫހާ ޚިލާފަށް އަދި މިހާރު ކުރެވެމުން މިދާ މުހިއްމު މަސައްކަތްތަކާ ޚިލާފަށް މުޅި ޕާލަމެންޓްރީ ގްރޫޕުގެ ޔުނިޓީއާ އިދިކޮޅަށް ކުރާ މަސައްކަތެކޭ. އެ މަސައްކަތުގެ ނަތީޖާ އަށް ބަލާފައި އެ ބޭފުޅުން ވަކިކުރާނެ ކަމަށް އަޅުގަނޑަށް އެންމެ ބޮޑަށް ލަފާކުރެވެނީ،" ނިހާން ވިދާޅުވި އެވެ.

ޕާޓީން އަމިއްލަ އަށް ވަކިވާން ހުށަހެޅުމުން، އިތުރަށް ބަލަން ޖެހޭނެ ސުލޫކީ މައްސަލައެއް އޮވެގެން ނުވާނެ ކަމަށް މަސީހު ވަކި ކުރަން ސޮއި ކުރެއްވި މެމްބަރުން ވިދާޅުވެ އެވެ.

ވަކިވާން އެދިވަޑައިގަތް މެމްބަރުން ވަކިނުކޮށް ހިފެހެއްޓުމަކީ ގާނޫނާ ޚިލާފު އަމަލެއް ނޫންތޯ ދެންނެވުމުން ނިހާން ވިދާޅުވީ އެފަދަ ތަރުޖަމާތައް ހުންނާނެ ކަމަށެވެ. ހާއްސަކޮށް ވަކިވާން އެދިވަޑައިގެންނެވި މެމްބަރުންނަށް ވިސްނޭނީ ވެސް އެ ކަހަލަ ގޮތަކަށް ކަމަށާއި އެކަމަކު ރަނގަޅު ނަޒަރަކުން ވިސްނާލައިފި ނަމަ ކުރަން ޖެހޭ މަސައްކަތަށް ބަލާއިރު މަޖިލިސް މެމްބަރުންނަކީ ވަރަށް ބޮޑު ޒިންމާއެއް ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ފެންނަން ނެތް ނަމަވެސް މެމްބަރުންގެ އެބަހުރޭ އަހުދުތަކެއް. އެއީ ޕާލަމެންޓްރީ ގްރޫޕާއި ސަރުކާރާ އެކު މި މަސައްކަތް މިގޮތަށް ކުރާނެ ކަމަށް. އެއީ އުވާނުލެވޭނެ އަހުދެއް. ބައެއް ބޭފުޅުންގެ އަތުގައި މިހާރުވެސް އޮންނާނެ އިގްރާރެއް ސޮއި ކުރުވާފައި އޮތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެމްބަރުން ބޭނުންހާއިރަކު ވަދެ ނިކުމެފައި ޕާލަމެންޓްރީ ގްރޫޕެއްގެ މަސައްކަތަށް އެހެން ހުރަހެއް ނޭޅޭނެ. ޕާޓީގެ އާއްމު މެމްބަރުންގެ ތެރެއަކު ނޫން މި މަސައްކަތް މި ހިނގަނީ،" ނިހާން ވިދާޅުވި އެވެ.