07 ޖުލައި 2017
ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވެސް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ވެސް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ވަކިވެއްޖެ އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ހޯމަދުވަހު މަޖިލީހަށް ވެއްދި ފަހުން ޕީޕީއެމުން ވަކިވި ދެވަނަ މެމްބަރެވެ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް މިދިޔަ ހަފުތާގައި ވަނީ ޕީޕީއެމުން ވަކިވެފަ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލަށް ފޮނުއްވި ސިޓީއެއްގައި ޝަހުދީ ވިދާޅުވީ، މިވަގުތު ސިޔާސީ ޕާޓީއެއްގައި ހުންނަވަން ބޭނުން ނުވާތީ، ޕީޕީއެމްގެ ދަފްތަރުން މިއަދުން ފެށިގެން ވަކިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ކޮޕީ ކޮށްފައިވާ ޝަހުދީގެ މި ސިޓީ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފަ އެވެ.
ޝަހުދީ ޕީޕިއެމުން ވަކިވިއިރު، މިވަގުތު އޭނާ ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށްވެ އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހަނިމާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި، ފަހުން ޕީޕީއެމާ ގުޅިވަޑައިގެންނެވި ޝަހުދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ މި ދަނޑިވަޅުގައި، ޕީޕީއެމްގެ މަޖިލިސް މެމްބަރުންތައް އެ ޕާޓީން ވަކިވަމުންދާއިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް މިދިޔަ ބުދަދުވަހު ވަނީ ވަކިވެފަ އެވެ. އޭނާ ވަނީ މަޖިލީހުގެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރުކަމުން ވެސް ހަމަ އެ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި ބައެއް މެމްބަރުން ރާއްޖެ އިން ބޭރުގައި މިވަގުތު އުޅުއްވާއިރު، އެ ބޭފުޅުންނާ ގުޅޭ ގޮތް ނުވުމުން، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންތަކެއް މިހާރު ވެސް ވީ ސްރީ ލަންކާގަ އެވެ. އެކަމަކު ލަންކާގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންނާ، އެ ޕާޓީގެ އިސްބޭފުޅުންގެ ޓީމާ ގުޅުނު ކަމެއް އަދި ޔަގީނެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތެއް އޮތް ޕީޕީއެމްގައި މިހާރު ތިއްބެވީ މަޖިލީހުގެ 42 މެމްބަރެކެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންނާ އެކު އެ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދަކީ މިހާރު 47 އެވެ.
ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލުގެ ތެރޭގައި އެންމެ ފަހުން ޕީޕީއެމުން ވަކިވި ލަތީފާއި ޝަހުދީގެ އިތުރުން، ތަފާތު ސަބަބުތަކާ ގުޅިގެން މީގެ ކުރިން އެކި މެމްބަރުން ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން އެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ޕީޕީއެމުން އަދި ވަކި ނުކުރި ނަމަވެސް، ފަހަކަށް އައިސް އޭނާ މަޖިލީހުގައި ވޯޓު ދެއްވަނީ އެ ޕާޓީގެ ފިކުރާ ދެކޮޅަށެވެ. އަދި މުސްތަފާ ގެންދަވަނީ ޕީޕީއެމަށާއި ސަރުކާރަށް ތަފާތު ކަންކަމުގައި ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
މަޖިލީހުގައި ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ނިސްބަތަށް ބަލާއިރު ޕީޕީއެމް ކޯލިޝަންގައި 47 މެމްބަރަކު ތިއްބެވި ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 18 އެވެ. އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތްތައް މިހާރު ކުރާ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 7 އެވެ. އަދާލަތު ޕާޓީގެ އެއް މެމްބަރެއް އަދި މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފެވެ. މީގެ ތެރެއިން މަހްލޫފާއި އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކާ އެކު އެވެ.
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
ވޯޓު ދީފި ނަމަ 10 މެމްބަރުން ވަކިކުރާނެކަމަށް ބެލެވޭ
މިވަރުން، މަޖިލީހަށް ވަދެވޭނީ ސަރުކާރު މެމްބަރުންނަށް:ސައުދު
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭނެ: ނިހާނު
މަސީހާ ދެކޮޅަށް ކުރި ސޮއި އަނބުރާ ނަގަން އަންގައިފި
މަޖިލީހުގެ ހައްގުތައް އެދަނީ އެއްލައިލަމުން: ސިނާން
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
ޕީޕީއެމުން މެމްބަރުން ވަކިކޮށެއް ނުދިން
ވަރުގަދަ ޕީޕީއެމް އަގުލަބިއްޔަތު ކުއްލިއަކަށް ގެއްލިއްޖެ