Roadha Mihaaru
ކުނި އުކުމުގެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފި

ކުނި އުކުމުގެ ގަވާއިދަށް އަމަލު ކުރުން އެއް މަހަށް ފަސްކޮށްފި

23 ޖޫން 2017

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގެ ދަށުން، ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދާ އަމަލުކުރަން ފަށާ ތާރީހު އެއްމަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގެ ދަށުން، ރަޖިސްޓްރީ ނުކޮށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅާ ގޮތަށް ހަދާފައިވާ ގަވައިދާ އަމަލުކުރަން ފަށާ ތާރީހު އެއްމަސް ދުވަހުގެ މުއްދަތަކަށް ފަސްކޮށްފި އެވެ.

ގަވާއިދާ ހިލާފަށް ކުނި އުފުލާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަށާ ގޮތަށް ކުރިން އޮތީ އަންނަ މަހުން ފެށިގެންނެވެ. އެކަމަކު މިހާރު އެ ގަވާއިދު ތަންފީޒުކުރަން ފަށާނީ އޮގަސްޓުން ފެށިގެންނެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެންވަޔަރަމަންޓް މިނިސްޓްރީން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މެއި މަހުން ފެށިގެން ގޭގޭގައި ކުނި އުކައިދިނުމުގެ ހިދުމަތަށް ރަޖިސްޓްރީވާން ހުޅުވާލިއިރު، ބައެއް ސަބަބުތަކާ ހުރެ ގިނަ ބަޔަކު އެ ހިދުމަތް ހޯދަން ރަޖިސްޓްރީ ވެފައި ނުވާ ކަމަށެވެ.

ވެމްކޯ މެދުވެރިކޮށް މާލެ އިން ކުނި އުކާލުމަށް މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 27،000 ގޭގެ ތެރެއިން އެންމެ 1500 ގެއިން ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.

ކުނި އުކާލުމުގެ ހުއްދަ ގިނަ ބަޔަކު ހޯދަނީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ އެހީތެރިކަމާއެކުގައި ކަމަށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންވެ، ރަޖިސްޓްރީ ނުކޮށް ކުނި އުކުން އެއް މަހަށް ފަސް ކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިންނާއި ގިނަ މީހުންނަށް ވެމްކޯގެ ކުނި އުކާދިނުމުގެ ހިދުމަތުގައި ރެޖިސްޓްރީ ވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބަޔާނުގައިވެ އެވެ. އަދި ގަވާއިދާ ހިލާފުވާ މީހުންނާ މެދު ފުލުހުން ފިޔަވަޅު އަޅަން ފަށައިފި ނަމަ، އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ވެމްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި އަންނަ މަހުގެ 15 އިން ފެށިގެން، ގަވާއިދާ ހިލާފަށް ކުނި އުފުލާ މީހުން ހުއްޓުވައި ނަސޭހަތް ދޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ، އިންޒާރުދީ އޮގަސްޓް 1 އިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ގަވާއިދު ބުނާ ގޮތުން ކުނި އުފުލާ ގޮތަށް ޑިޒައިން ކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އެއްޗެއްގައި ކުނި އުފުލާ ނަމަ، އެ ކުނި ހުންނަން ޖެހޭނީ ބޭރަށް ނުފައިބާ ގޮތަށް ރަނގަޅަށް ބަންދުކޮށްފަ އެވެ.

ބައިސްކަލުގައި ކުނި އުފުލުން މަނާ ކުރާއިރު، މާލޭގައި އެންމެ ގިނައިން ކުނި އުކާލަނީ ބައިސްކަލްގައި ކުނި ކޮތަޅު އެލުވާލައިގެން، ބިދޭސީން ލައްވަ އެވެ. ގަވާއިދާ ހިލާފުވެއްޖެ ނަމަ 750ރ. އިން ޖޫރިމަނާ ކުރެވެ އެވެ. އަމިއްލައަށް ކުނި އުކާލަން މިހާތަނަށް 167 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެކަމަކު ވެމްކޯ އިން ބުނި ގޮތުގައި ކުނި އުކާލުމުގެ ހިދުމަތް ދޭ ހާހެއްހާ މީހުން މާލޭގައި އުޅޭނެ އެވެ.

"މާލޭގެ ގޭގެއިން ކުނި އުކާލުމުގައި ބޭނުން ކުރާނެ ވަސީލަތްތައް ގެނެސް، މުވައްޒަފުން ހަމަޖައްސައި މި ހިދުމަތް ދިނުމަށް ވެމްކޯ އިން ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. މާލޭގެ ކޮންމެ ސަރަޙައްދަކުން ވިޔަސް، އެކަމަށް އެދޭ ފަރާތްތަކުގެ ކުނި އެފަރާތްތަކުގެ ގޭގެއިން ނަގައިދިނުމުގެ ހިދުމަތް ދިނުމަށް ވެމްކޯއިން ތިބީ ތައްޔާރަށެވެ،" ވެމްކޯ އާއި މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.