Roadha Mihaaru
ބޮޑެތި ކުނި ހެޔޮ އަގުގައި އުކާލުމުގެ ހިދުމަތް ފަށައިފި

ބޮޑެތި ކުނިބުނި ހެޔޮ އަގެއްގައި އުކާލުމުގެ ހިދުމަތް ވެމްކޯއިން ފަށައިފި

14 އޯގަސްޓް 2016

މާލޭގައި އުފެދޭ ކުނިބުނި ހެޔޮ އަގެއްގައި އުކާލުމުގެ ހިދުމަތް ކަމަށްވާ "ކޯލް އެންޑް ޕިކަޕް ސާވިސް"ގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި އުފެދޭ ކުނިބުނި ހެޔޮ އަގެއްގައި އުކާލުމުގެ ހިދުމަތް ކަމަށްވާ "ކޯލް އެންޑް ޕިކަޕް ސާވިސް"ގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ފަށައިފި އެވެ.

ވެމްކޯ އިން ބުނީ ހަލާކުވާ ޒާތުގެ ބޮޑެތި ކުނި އުކާލުމުގެ ހިދުމަތަށް ބޭނުންވާ މީހުން 1666 އަށް ގުޅުމުން ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އާ ދެމެދުގެ ވަގުތެއްގައި ދެ ލޮރީއެއް އެކަމަށް ހާއްސަކޮށްފައި އޮންނާނެ އެވެ.

ބޮޑެތި ކުނިބުނީގެ ގޮތުގައި ބަލަނީ ކުނިވާ ޒާތުގެ ކުނި ނޫން އެހެން ކުންޏެވެ. އޭގެ ތެރޭގައި ތަންތަން ތަޅައިގެން އުފެދޭ ކުންޏާއި ބާވެ އުކާލަން ޖެހޭ އެއްޗެހި ހިމެނެ އެވެ.

އެގޮތުން ދެ ލޮރީގެ ތެރެއިން 3.5 ޓަނުގެ ލޮރީގައި ކުނި އުކާލާ ނަމަ، 250ރ. ނަގާއިރު، 5.1 ޓަނުގެ ލޮރީއެއްގައި ނަމަ، ނަގާނީ 550ރ. ކަމަށް ވެމްކޯ އިން ބުންޏެވެ. މިއީ ޖީއެސްޓީ އާއި ޓްރާންސްފާ ފީ އަދި ގޭޓް ފީއާ އެކު ކަނޑައަޅާފައިވާ އަގުތަކެއް ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ.

ކޯލް އެންޑް ޕިކަޕް ސާވިސްގެ ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު. މި ހިދުމަތް ދޭނީ ވަކި ގަޑިތަކެއްގައި.- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކޯލް އެންޑް ޕިކަޕް ސާވިސްގެ ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު. މި ހިދުމަތް ދޭނީ ވަކި ގަޑިތަކެއްގައި.- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކޯލް އެންޑް ޕިކަޕް ސާވިސްގެ ހިދުމަތް ތައާރަފްކުރަން އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފުއާދު ވިދާޅުވީ މި ޕްރޮޖެކްޓްގެ ބޭނުމަކީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ކުނި އުކާލުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށެވެ.

މީގެ އިތުރުން ޑިމާންޑް އިތުރުވާ މިންވަރަށް ބަލާފައި އިތުރު ވެހިކަލްތަކާއި ހިދުމަތް ދޭ ގަޑިއަށް ބަދަލު ގެނެސް ހިދުމަތް ފުޅާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހިދުމަތް 24 ގަޑިއިރަށް ފުޅާކޮށް، ވެހިކަލް އިތުރު ކުރާނަން ޑިމާންޑަށް ބަލާފައި،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެމްކޯގެ އަމާޒަކީ ދެމެހެއްޓެނިވި ނިޒާމެއްގައި ކުނި އުކާލުމެވެ.

ފުއާދު ވިދާޅުވީ ވެމްކޯ އިން ބޮޑެތި ކުނިބުނި އުކާލަން މިހާރު ކަނޑައަޅާފައި އެވަނީ އެންމެ ބާރު ބޮޑު އެއް ގަޑި ކަމަށެވެ. ވެމްކޯ އިން އަގުހެޔޮކޮށް ހިދުމަތް ދޭ ނަމަ، އެހެން ފަރާތްތަކުން ވެސް އަގު ހެޔޮކުރަން މަޖުބޫރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލް އެންޑް ޕިކަޕް ސާވިސްގެ ހިދުމަތް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކޯލް އެންޑް ޕިކަޕް ސާވިސްގެ ހިދުމަތް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މިދިޔަ ރޯދަ މަސް ނިމުމާ އެކު ކުނިވާ ޒާތުގެ ތަކެތި ފިޔަވައި އެހެން ކުނިތައް ބޭރުކުރުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކުނި އުކާލަން ކުރާ ހަރަދު ބޮޑުވާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވެމްކޯ އިން ބޭނުންކުރަނީ އެކަމަށް މޮޑިފައިކޮށްގެން، ވަކި ހާއްސަ ގޮތަކަށް ހުންނަ ވެހިކަލްތަކެއް ކަމަށެވެ.

ކުނި އުކާލަން ވެމްކޯ އިން މިހާރު ހަމަޖައްސާފައި ވަނީ އެހެން ފަރާތްތަކުން ނަގާ ވަރަށް ވުރެ 30 ޕަސަންޓް ހެޔޮ އަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި އުފެދޭ ބޮޑެތި ކުނިބުނި އުކާލަން އެހެން ފަރާތްތަކުން 250ރ. އާއި 800ރ. އާ ދެމެދުގެ އަގެއް މިހާރު ނަގަ އެވެ.