Roadha Mihaaru
ތެލުގެ ޑިއުޓީ ކުޑަކޮށްފިއްޔާ ރައްޔިތުންނަށް ލުއިވާނެ

ތެލުގެ ޑިއުޓީ ކުޑަކޮށްފިއްޔާ ރައްޔިތުންނަށް ލުއިވާނެ: ބައެއް މެމްބަރުން

12 ޖޫން 2017

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކުޑަ ކޮށްފި ނަމަ، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކުޑަ ކޮށްފި ނަމަ، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ފޮނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބިލް ފާސްވެއްޖެ ނަމަ، ކަރަންޓުގެ އަގާއި އެހެނިހެން ހިދުމަތްތަކުގެ އަގުތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ތަކެތީގެ އަގަށާއި ހިދުމަތްތަކުގެ އަގު ރައީސް އަބްދުﷲ ޔާމީން ހެޔޮ ކުރަނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަމުގައި ޕެޓްރޯލާއި ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމުން ރައްޔިތުންނަށް ވީ މަންފާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އާމްދަނީ ލިބޭ ވަރަށް މަދު ވަސީލަތްތަކެއް ހުރީ. އެ ވަސީލަތްތަކާ އެކު ރައްޔިތުންގެ ބޭނުންތައް ފުއްދަން، އޭރު އޮންނަ ސަރުކާރަކުން އާމްދަނީ ހޯދާނެ ގޮތްތަކެއް އިތުރު ކުރަން ޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ސަރުކާރުން ތަކެތީގެ އަގެއް ހެވެއް ނުކުރާނެ، އަގު ބޮޑެއް ނުކުރާނެ ސިޔާސީ ބޭނުމެއްގައި،"

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ބޭނުންފުޅުވަނީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ، ރައްޔިތުން އަހުލުވެރިކޮށްގެން، ހެޔޮ ގޮތްތަކެއް ހޯދައި ދިނުމަށެވެ.

ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު، ޕެޓްރޯލާއި ޑީސަލްގެ އަގު ހުރީ 17ރ. 18ރ. އަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޕެޓްރޯލާއި ޑީސަލްގެ އަގު 8ރ. 9ރ. އަށް ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިންނަށް ވެސް ބޮޑެތި ލުއިތަކެއް ސަރުކާރުން ގެނެސްދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކޮށްގެން ވިޔަފާރިވެރިންނަށް ލުއިތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެ، ގާނޫނަކަށް ވެއްޖެ ނަމަ، ހުރިހާ ރައްޔިތުންނަށް މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލު ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ވެސް ވިދާޅުވީ ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަ ކުރެވިއްޖެ ނަމަ، ރައްޔިތުންގެ އަސާސީ ހިދުމަތްތަކުގެ އަގުތައް ކުޑަވެ، ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލުތައް ހުށަހަޅަނީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށެވެ. އެހެންވެ، އިދިކޮޅު މެމްބަރުންނާއި ރައްޔިތުން އެކަމާ އުފާ ކުރަން ޖެހޭ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ. މި ބިލު ބަލައިގަތީ 34 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅި އިރު، މިހާރު ނަގަނީ 10 ޕަސަންޓުގެ ޑިއުޓީއެކެވެ.