Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ކުޑަކުރަން ކޮމެޓީންފާސްކޮށްފި

ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރަން ކޮމެޓީން ފާސްކޮށްފި

12 ޖޫން 2017

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ނުގެންނަން ފާސްކުރީ އިގްތިސާދީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކޯލިޝަންގެ ފަސް މެމްބަރުންގެ ވޯޓުންނެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު ތެލުގެ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ.

ކޮމެޓީ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގާ ގޮތަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް ތާއީދު ކުރެއްވި މި އިސްލާހު ވަނީ ފާސް ނުވެފަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު މަޖިލިހަށް ފޮނުއްވި އިސްލާހުގައި ބުނެފައި ވަނީ މިއީ އާންމުންގެ ބޭނުންތަކާއި އަސާސީ ޚިދުމަތްތައް ރައްޔިތުން ބޭނުން ކުރުމުގައި ހިނގާ ޚަރަދު ކުޑަ ކުރުމަށް މަޖިލިހަށް ފޮނުވަން ނިންމި އިސްލާހެއް ކަމަށެވެ.

އެހެންވެ، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ތެލުގެ ބާވަތްތަކުން މިހާރު ނަގަމުން އަންނަ ޑިއުޓީގެ މިންވަރު ދެ ބައިކުޅަ އެއްބަޔަށް ކުޑަކޮށްދޭން ނިންމީ ކަމަށް ބިލުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ، މަޖިލިހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި އިދިކޮޅު ބައެއް މެމްބަރުން ވަނީ ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގަން ގޮވާލައްވައިފަ އެވެ. ތެލުގެ އަގު ހެޔޮވެ، ރައްޔިތުންނާ ހަމައަށް އެ ބަދަލު ފޯރަން ޖެހޭނެ ކަމަށާއި ހާއްސަކޮށް، ކަރަންޓުގެ އަގާއި ދަތުރުފަތުރުގެ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮވާން ޖެހޭނެ ކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކުޑަ ކޮށްފި ނަމަ، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވެސް ގަބޫލު ކުރައްވަ އެވެ.