Roadha Mihaaru
ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރަން މަޖިލިހުން ފާސްކޮށްފި

14 ޖޫން 2017

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި އެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގަން މަޖިލިހުގެ ތަޅުމަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ސަރުކާރުގެ ކޯލިޝަންގައި ތިއްބަވާ 42 މެމްބަރުންގެ ވޯޓުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލައިފަ އެވެ. އެ ހުށަހެޅުން ފާސް ކުރަން ފެންނަ ކަމަށް 30 މެމްބަރުން ވޯޓު ދެއްވި އެވެ.

ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމެޓީން ވެސް ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ. ކޮމެޓީ މަރުހަލާގައި ވެސް އެމްޑީޕީން ވަނީ ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގާ ގޮތަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ފަހަރު ވެސް އެ ގޮތަށް ފާސްވެފައެއް ނުވެ އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު ތެލުގެ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ.

ނިހާނު މަޖިލިހަށް ފޮނުއްވި އިސްލާހުގައި ވަނީ މިއީ އާންމުންގެ ބޭނުންތަކާއި އަސާސީ ޚިދުމަތްތައް ރައްޔިތުން ބޭނުން ކުރުމުގައި ހިނގާ ޚަރަދު ކުޑަ ކުރުމަށް މަޖިލިހަށް ފޮނުވަން ނިންމި އިސްލާހެއް ކަމަށެވެ. އެހެންވެ އިސްލާހު ފޮނުއްވީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާހުގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ، މަޖިލިހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ކޮމެޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މަރަދޫ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ ތެލުގެ ޑިއުޓީ ކުޑަ ކުރުމަކީ މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ. އަދި އެއްވެސް އެއްޗެއް ނުނަގާ ވާން އޮތް ނަމަ، އެކަމަށް ވެސް ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ސަރުކާރުން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް ލުއި ގޮތެއްގައި ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި ރައްޔިތުންގެ އަތުން ނަގާ ޓެކުހުން ބައެއް އުނިވާ ފަދަ ބިލެއް ހުށަހަޅައިފިނަމަ، އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.