Roadha Mihaaru
ސަރަހައްދީ ބަނދަރުން 50 ޕަސެންޓް ޑިއުޓީ ކުޑަކުރަނީ

ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދަލުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން ކޮމެޓީން ފާސްކޮށްފި

07 ޖުލައި 2020

ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

އިމްޕޯޓް އަދި އެކްސްޕޯޓްކުރާ މުދަލުން ޑިއުޓީގެ ގޮތުގައި ނަގާ މިންވަރަށް ބަދަލު ގެންނަން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅައިފަ އެވެ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އެ ބިލް މިހާރު ދަނީ މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރަމުންނެވެ.

އައްޑޫ އާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ކަނޑުގެ ދެ ބަނދަރަށް ގެންނަ މުދަލުން 30 ޕަސެންޓް ޑިއުޓީ ކުޑަކޮށްފައި އޮތްއޮތުން ބަދަލުކޮށް، 50 ޕަސެންޓަށް ޑިއުޓީ ކުޑަކުރަން މިއަދު ކޮމެޓީގައި ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. އެގޮތަށް ހެދުމުން އިގްތިސާދީ ހަރަކާތްތައް އަތޮޅު ތެރޭގައި ފުޅާވެ، މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހުށަހެޅުން ކޮމެޓީން ފާސްވީ 54 މެމްބަރުންގެ ވޯޓުންނެވެ.

ސަރަހައްދީ ވައިގެ ބަނދަރުތަކަށް ގެންނަ މުދަލުން ވެސް އެ މިންވަރަށް ޑިއުޓީ ކުޑަކުރަން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވި އެވެ. އެކަމަކު އެ ހުށަހެޅުމަށް ވޯޓަކަށް މިއަދު ނާހަ އެވެ.

ކޮމެޓީން އެގޮތަށް ނިންމިޔަސް، ކޮމެޓީގެ ރިޕޯޓް ފާސް ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުގައި އަނެއްކާވެސް އެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.