Roadha Mihaaru
ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި މީހަކު ޖަލަށް

ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި މީހަކު ދޮޅު އަހަރަށް ޖަލަށް

12 ޖުލައި 2021

ގިނަ އަދަދެއްގެ ރަން ދިރުވާލައިގެން ރާއްޖެ އެތެރެކުރި މީހަކު ދޮޅު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގިނަ އަދަދެއްގެ ރަން ދިރުވާލައިގެން ރާއްޖެ އެތެރެކުރި މީހަކު ދޮޅު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އިންޑިއާގެ ރައްޔިތަކު ފެބްރުއަރީ، 2020 ގައި ރާއްޖެ އައިއިރު އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައިވާ ކަމަށް ޝައްކުވެގެން ކަސްޓަމްސް އިން ޗެކް ކުރިއިރު ދިރުވާލާފައިވާ 763 ގްރާމް ރަނާއި އެހެނިހެން މާއްދާތަކެއް ހުރި ބުލެޓްތަކެއް އޭނާގެ ބަނޑު ތެރޭގައި ހުއްޓެވެ. އެގޮތަށް ރަން އެތެރެކުރީ ޑިއުޓީ ނުދެއްކުމުގެ ބޭނުމުގައި ކަމަށް އޭނާ ތަހުގީގުގައި އެއްބަސްވިޔަސް، ފަހުން ކޯޓުގައި އޭނާ އެކަމަށް އިންކާރު ކުރި އެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާ އެ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން އޭނާ އެއް އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އޭނާ އެތެރެކުރި ތަކެތި ދައުލަތަށް ނެގުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

އޭނާ އެއް އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާ ދެން ޖަލުގައި ހޭދަ ކުރަންޖެހޭނީ 25 ވަރަކަށް ދުވަހެވެ.

އިމްޕޯޓް ޑިއުޓީއަށް މަކަރު ހެދުމުގެ ގޮތުން ރާއްޖެއަށް ވަގަށް ރަން އެތެރެ ކުރަނިކޮށް މީގެކުރިން ވެސް އަތުލައިގެންފައިވެ އެވެ. އެހެން ނަމަވެސް މިއީ މިފަދަ ދިރުވާލައިގެން މިފަދަ އެއްޗެއް އެތެރެކުރަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރެވެ.