Roadha Mihaaru
"ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ދިނުން މަޖުބޫރު"

ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ދިނުން މަޖުބޫރު، ނޫނީ ދަތިވާނެ: މެމްބަރުން

25 އޮކްޓޯބަރ 2017

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 493 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށް ނުދީފިނަމަ، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެތީ އެ ފާސްކޮށްދިނުން މެމްބަރުންނަށް މަޖުބޫރު ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 493 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށް ނުދީފިނަމަ، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެތީ އެ ފާސްކޮށްދިނުން މެމްބަރުންނަށް މަޖުބޫރު ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓުގައި މުޅިން ހިމެނެނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ނުދީފިނަމަ، ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ލިބެން ޖެހޭ ސިއްހީ އަދި ތައުލީމް ފަދަ މުހިންމު ހިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މި މަސައްކަތް ނިންމުމަކީ މަޖިލީހުގެ މެމްބަރުން ކޮންމެހެން ކުރައްވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

"މި މަސައްކަތް ކޮންމެހެން ވެސް ނިންމައި ނުދީފިނަމަ، ރައްޔިތުންގެ ތެރެއިން ލިބެން ޖެހޭ އެތައް ބައެއްގެ ސިއްހީ ހިދުމަތާއި އެއާ ގުޅުން ހުރި ތައުލީމާއި ރައްޔިތުންގެ ލަފާ ފުރުމުގެ ހިދުމަތްތަކުގެ ތެރެއިން ބަޔަކާއި ޑިމޮކްރަސީ އާއި ހަރުދަނާ ގަވަނަންސްއަކަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހިންގުމަށް ދަތިތަކެއް ވެގެންދާނެ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

ވިލިފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރާދާ މިންވަރު ހާމަވި ކަމެއް ކަމަށެވެ. އަދި ދަރަނި ކުޑަކުރުމަށް ސަރުކާރުން ހިތުހުރި ގޮތަކަށް ބަޖެޓު ފާސް ކުރަމުން ނުދާ ކަން ސަޕްލިމެންޓްރީ ބަޖެޓުން ހާމަކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ ބޮޑެތި ބައެއް މަޝްރޫއުތަކުން މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބޭންކްތަކުން ރާއްޖެ އަށް އެހީ ދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ އިސް ބޭފުޅުން ރާއްޖެ އައިސް، ލޯންތައް ދިނުމަށް ދެކޮޅު ނުހަދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާއިތުވެދިޔަ 30 އަހަރަށް ފަހު، އެންމެ ދަރަނި ކުޑަ ބަޖެޓެއް ފެނިގެންދާނީ މި އަހަރުގެ ބަޖެޓުގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން މިހާރު އަންދާޒާ ކުރެވޭ ގޮތުން 1.7 ބިލިއަން ރުފިޔާ ދަރަނިވެރިވާނެ މިއީ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ވެލާނާ އިންޓެނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުން މިސާލު ނަންގަވަމުން ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ފައިބައި ވަޑައިގަންނަވާއިރު، ރާއްޖެ ވާނީ އެންމެ މުއްސަނދި ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.

"ވަރަށް އުފާވެރި ދުވަސްތަކެއް ދިވެހި ރައްޔިތުން ތަހަންމަލު ކުރަމުން ދަނީ. ރައީސް ޔާމީން ކުރު މުއްދަތުގެ ތެރޭގައި މި ގެނައި ބަދަލަކީ ދުނިޔެ، ރާއްޖެ ފަހުރުވެރިވާ، އެންމެން އުފާ ކުރަންޖެހޭ ވަރުގެ ހެޔޮ ބަދަލެއް،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ކަން ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަކަށް ދާން ޖެހުނީ ރައްޔިތުންނަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ދަތިވުމުން ކަމަށެވެ. އެގޮތުން ބަޖެޓުގައި ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކެއް ހުރި ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވި ގޮތުގައި ބަޖެޓާ ގުޅޭ ކަންކަން ކުރިއަށް ދާއިރު، ފަސް ޕާޓީގެ މެމްބަރުން މަޖިލީހުގައި ތިއްބަވަން ޖެހޭނެ އެވެ. އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ މެމްބަރުން ކަމަށްވާނަމަ، މިތަނުގައި ތިބެ، ބަޖެޓު ފާސްކޮށް ދިނުމަށް އިދިކޮޅު މެމްބަރުންނަށް މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ 2018 ވަނަ އަހަރުގެ ވޯޓަށް ނިކުމެ ބުނާނެ ތިމަންނަމެންނަކީ ދިވެހި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މީހުންނޭ. ތިމަންނަމެންނަށް ވޯޓު ދޭށޭ. [ބަޖެޓަށް ވޯޓު ނުދީ] ލަދުގަންނަން ޖެހޭނެ. [އެހެން ބުނަން)،" އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި އާރިފް ވިދާޅުވި އެވެ.

"މިއަށް ވޯޓު ނުދޭން ކުރާ ކޮންމެ މަސައްކަތަކީ، މިތަނުގައި ނެތުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ ހިޔާނާތެއް،"

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް މަރުހަލާ ނިމުނުއިރު ވާހަކަ ދެއްކެވީ 85 މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ 14 މެމްބަރުން އެކަންޏެވެ. މި ބަހުސްގައި އިދިކޮޅު މެމްބަރުން ބައިވެރިވެޑައިނުގެން، ޖަލްސާ ވަނީ ބޮއިކޮޓް ކުރައްވައިފަ އެވެ.