12 މާޗް 2018
އެންޓި ޑިފެކްޝަން ބިލުގެ ގަވައިދު ހެދުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ބިލުން ލިބޭތީ ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެންޓި ޑިފެކްޝަން ބިލުގެ ގަވައިދު ހެދުމުގެ ބާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ބިލުން ލިބޭތީ ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލުގެ މަގްސަދު ހާސިލް ކުރުމަށް ހަދަން ޖެހޭ އެންމެހާ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލަން ވާނީ އިލެކްޝަނުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި މި ބިލަށް އަމަލުކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ގަވައިދުތައް ޝާއިއު ކުރަންވާނެ ކަމަށް ބިލުގައިވެ އެވެ.
އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރެއްވި ޕީޕީއެމް/އެމްޑީއޭގެ ގިނަ މެމްބަރުން ވަނީ ބިލަށް ތާއީދު ކުރައްވައިފަ އެވެ. އެކަމަކު، ބިލަށް ބައެއް ބަދަލުތައް ގެންނަން ޖެހޭކަން މެމްބަރުން ފާހަގަކުރެއްވި އެވެ. އެގޮތުން މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި އެއް ކަމަކީ އެންޓި ޑިފެކްޝަން ބިލާ ގުޅޭ ގަވައިދުތައް ހެދުމުގެ ބާރު އިލެކްޝަނަށް ދީފައި އޮތުމެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މަޖިލީސް މެންބަރުންގެ މައްޗަށް ފިޔަވަޅު އެޅުން ނުވަތަ އެކަމާ ބެހޭ ގަވައިދު ހެދުމުގެ ބާރެއް އިލެކްޝަނަށް ނުދެވޭނެ ކަމަށެވެ. އަދި އެކަން ކުރަން އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވެސް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލުގެ ގަވައިދުތައް ހެދުމުގެ ބާރު އިލެކްޝަނަށް ދޫކޮށްލާފައި އޮތުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ބައި އިލެކްޝަން ބޭއްވުމުގެ މަސައްކަތްތައް އެ ކޮމިޝަނުން ކުރިޔަސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމެއްގައި ގަވައިދު ހެދުމުގެ ބާރު އިލެކްޝަނަށް ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަން ކޮމިޓީގައި މިކަންކަން ރަނގަޅު ކުރެވޭނެ ކަމަށް،" ޖަމީލު ވިދާޅުވި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވަނީ ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރުން ވަކިވާނެ ހަތަރު ހާލަތެއް އޮތްއިރު، އިތުރު ހާލަތެއް ނުގަނެވޭނެ ވާހަކަ ގާނޫނުއަސާސީގައި މަނާ ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިތުރު ހާލަތްތަކެއް ގެނައުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ބޭއްވި ޖަލްސާއެއްގައި ރިޔާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ސަބަބުތަކުގެ ތެރޭގައި ޕާޓީއަކުން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅުން ހިމަނާފައެއް ނުވެ އެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ އެ ނުކުތާތައް ހިމަނައިފަ އެވެ. ނިހާނު ވިދާޅުވީ ބިލާ މެދު މެމްބަރުންގެ ހިޔާލުތަފާތުވުންތަކެއް ހުރުމުން ކޮމިޓީގައި "ފަރުވާ" ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައި ޕާޓީން ވަކިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރާނެ ކަން ބަޔާންކޮށްފައި އޮތް ކަން ރިޔާޒް ފާހަގަކުރެއްވި އެވެ. އަދި 51 ޕަސެންޓު ރައްޔިތުންގެ ތާއީދު ސަރުކާރަށް ލިބިފައިވާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ބިލު، ގޮނޑި ވިއްކުން މަނާ ކުރުމުގެ ބިލުގެ ގޮތުގައި މާނަ ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި، ނިހާނު ވިދާޅުވީ މި ބިލަކީ ދުނިޔޭގެ ގައުމުތަކުގައި ތަންފީޒު ކުރަމުން އަންނަ ބިލެއް ކަމަށެވެ.
އެންޓި ޑިފެކްޝަން ބިލަކީ ރިޔާސީ ނިޒާމާ ރައްޓެހި ބިލެއް ކަމަށް ބުނާއިރު، ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމެއްގައި މަޖިލީހުގެ މެމްބަރުންގެ "ގޮނޑިތައް ގަނެގެން ބަދަލުކޮށްގެން" އަދި "ބަޣާވާތެއްކޮށްގެން" މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު "ބޭރު ކުރާ ހިސާބަށް" ގޮސް، ރައީސް އަބްދުﷲ ޔާމީން އަޒުލު ކުރާ ހިސާބަށް ދިއުމަކީ ކޮން ކަހަލަ ކަމެއްތޯ ނިހާނު ވަނީ ސުވާލު ކުރެއްވި އެވެ.
މަޖިލީހުގެ ކޮމެޓީއެއްގައި ނިހާނު ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
ރިޔާޒް ވިދާޅުވީ ބިލުގައި މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމުން، އެކަމާ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އެންޓި ޑިފެކްޝަން ބިލު ގާނޫނުއަސާސީއާ ތައާރަޒްވާނަމަ، އެ ބާތިލް ކުރުމުގެ ބާރު ގާނޫނުއަސާސީން ލިބިދީފައި އޮތީމަ، އެކަމާ ކަންބޮޑުވެވަޑައިނުގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަން ބިލު އޮންނަން ޖެހޭނީ ގާނޫނުއަސާސީއާ ހިލާފު ނުވާ ގޮތުގެ މަތިންނެވެ. މެމްބަރުންނާ މެދު ތަފާތު ތުހުމަތުތަކެއް އެޅެމުންދާއިރު، މިފަދަ ބިލެއް އޮންނަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، މެމްބަރަކު ވަކި ކުރަން ޖެހޭނީ ވަރަށް އިންސާފުވެރިކަމާއިއެކު، ގޮނޑި ގެއްލުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތަކެއް ހުންނަންވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އަދި ފަސޭހަ އިން ގޮނޑި ގެއްލޭނެ ގޮތަށް ބިލުގައި އޮވެގެން ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ މި ބިލު ފާސްވެ ގާނޫނަކަށް ވުމާއެކު ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އެގޮތުން މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުން ކަމަށާއި މެޖޯރިޓީ ލިބޭނެ ޕާޓީއެއް ކަނޑައަޅަނީ ރައްޔިތުންގެ ވޯޓުން ކަމަށް ރިފާއު ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި
"ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށް ދިނުން މަޖުބޫރު"
ހުވާކުރާ ތަނަށް ނުދިޔައީ ބަލިވެ އުޅޭތީ: ނިހާން
މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނު އުވައިލަން ހުށަހަޅަނީ
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ކޮމިޓީން ފާސްކޮށްފި
ބަންޑާރަ ނައިބު އަނިލްއަށް، މެމްބަރުންގެ ހަމަލާ!
މާދަމާގެ ޖަލްސާއަށް ޕީޕީއެމުން ނެރުނީ ފްރީ ވިޕެއް
މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ދެ މަހާ ގާތަށް
އެމްޑީޕީގެ ވައުދުތައް ބަޖެޓަށް ލާން ތައްޔާރު: ޕީޕީއެމް
ލާރި ފޮއްޗެއްގައި ޖެހުނަސް އެ މީހަކު ބަނދެވޭނެ:ނިހާން