އެންޓި ޑިފެކްޝަން ގާނޫނަކީ ވަގުތުން އުވާލަން ޖެހޭ ގާނޫނެއް ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ހަމަލާތައް އަމާޒުކޮށްފި އެވެ.
31 އޮކްޓޯބަރ 2018
އެންޓި ޑިފެކްޝަން ގާނޫނަކީ ވަގުތުން އުވާލަން ޖެހޭ ގާނޫނެއް ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ހަމަލާތައް އަމާޒުކޮށްފި އެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ބަންޑާރަ ނައިބެވެ. އަދި އެ އެދުމަށް ކޯޓުން ހުކުމްކުރީ، އެކަމާ ގުޅޭ އެހެން އެއްވެސް ބައެއްގެ އަޑު އެހުމެއް ނެތި، ޖުލައި 13، 2017 ގަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.
ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނަށް އަމަލުކުރަން ފެށިތާ ދޮޅު މަސް ފަހުން، ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ގާނޫނު އުވައިލަން ހުށަހަޅުއްވައިފަ އެވެ. އަދި ރިޔާޒް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދު ވެސް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު މެމްބަރުންނާއި ޕީޕީއެމް އަދި އެމްޑީއޭގެ ބައެއް މެމްބަރުން ހިމެނެ އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ޕީޕީއެމާއި އިދިކޮޅު މެމްބަރުން. --- ފޮޓޯ: މަޖިލިސް
ރިޔާޒް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު ގެންނަން މެންބަރުންނަށް މަޖުބޫރުވީ ގޮނޑި ގެއްލުވާލަން އަނިލް "ވަގަށް" ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުއްވައި ނެރުނު ހުކުމުން ކަމަށެވެ. އަދި މަޖިލީހުގެ ބާރު ކަނޑުވާލައްވަން އަނިލް ކުރެއްވި އެ މަސައްކަތް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ބަންޑާރަ ނައިބު އޭނާގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަން އެއީ އަޅުގަނޑު ހިިތާމަކުރާ ކަމެއް. އެހެންވެ މަޖިލީހަށް އޭނާ ހާޒިރުކޮށް އޭނާއާ ސުވާލުކުރަން ޖެހޭނެ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ހެދި ގޮތާ ބެހޭ ގޮތުން ވެސް އަނިލްއާ ސުވާލު ކުރެވެން ޖެހޭނެ އެވެ. ބަންޑާރަ ނައިބު އަމިއްލައަށް އަމުރާ މެދު އަމަލުކުރެއްވި ގޮތުން މުޅި ގައުމު ލަދުގަންނަވާލައި މަޖިލިސް ތަމްސީލު ކުރުމުގެ ހައްގު ވެސް މެންބަރުންނަށް ގެއްލުވާލި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ގަމު ދާއިރާގެ މެމްބަރު ފައްޔާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ޕީޕީއެމްގެ މެމްބަރުންތަކެއް އިދިކޮޅު މެމްބަރުންނާ އެކު ސޮއިކުރެއްވުމާ އެކު އަނިލް އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު، ސުޕްރީމް ކޯޓުގައި ވަރަށް ދިގު މަޝްވަރާތަކެއް، އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާ ކުރެއްވި ކަމަށް އޭރު އަޑުއެރި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވެސް އެދުސްވަރު ވަރަށް ގިނައިން ސުޕްރީމް ކޯޓަށް ވަދެވަޑައިގެން އުޅުއްވި ކަމަށް، އަޑު ފެތުރުނެވެ.
އޭރު އިދިކޮޅުން ބުނަމުން ގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަޖުބޫރުކޮށްގެން ހުކުމެއް ހޯދަން އުޅެނީ ކަމަށެވެ. ޖުލައި 13 ގައި ނެރުނު ހުކުމާ އެކު ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް، މިހާރު އޮތް ސުޕްރީމް ކޯޓުން ނިންމީ، ރިޔާސީ އިންތިހާބު، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބުކުރެއްވި ފަހުންނެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ އޮންނަން ޖެހޭ ގާނޫނެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ގާނޫނުއަސާސީގައި އެންޓި ޑިފެކްޝަން ގާނޫނަކަށް އެއްވެސް ޖާގަ ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތްއިރު، ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އެ ބަދަލު ގެންނަން ގާނޫނުއަސާސީއަށް ބޭނުންވާ އިސްލާހު ކުރިއަށް އޮތް ދުވަސްތަކުގައި ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ބަހެއް ބުނީމަ މަޖިލީހުން ވަކިވާން ޖެހޭނީ. އެގޮތަށް ބައްޓަން ކުރަން ޖެހޭނީ. ޕާޓީއަކުން އަޅާ ފިޔަވަޅަކުން އެއްވެސް ހާލަތެއްގައި މަޖިލީހުގެ ގޮނޑި ގެއްލިގެން ނުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށެވެ. އަދި އެ ގާނޫނު މަޖިލީހުގައި ފާސްކުރީ "ކުޅެވުނު ތަމްސީލެއް" ގޮތަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ގާނޫނު ފާސްކުރީ ބޭނުންވާ އަދަދަށް މެމްބަރުން ވެސް ނެތި އެވެ. ގާސިމް ގަބޫލުކުރައްވާ ގޮތުގައި އެ ގާނޫނު ފާސްވާނީ މަދުވެގެން 43 މެމްބަރުން، ވޯޓު ނަގާއިރު ތިއްބަވައިގެންނެވެ.
"މި ގާނޫނަކީ އުވާލަން ޖެހޭ ގާނޫނެއް. ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން މެނުވީ ދެން އެކަން ކުރިއަކަށް ނުގެންދެވޭނެ،" ގާސިމް ވިދާޅުވި އެވެ.
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ރައީސް އޮފީހުގެ ތެރެއިން ކަމަށެވެ.
އެގޮތުން، "ކޮންމެ ގޮތެއް ހަދާފައި ގޮނޑި ގެއްލުވާލަން" ބޭނުންވާ ކަމަށް ބައެއް ބޭފުޅުން އެ ދުވަހު ވިދާޅުވި ކަމަށް އިލްހާމް ފާހަގަކުރެއްވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ހައްދަވަނީ ގޯހެއް ކަމަށާއި ގާނޫނުއަސާސީގެ ތެރެއިން އެކަން ކުރުމަށް ލަފާ ދެއްވުމުން، ރައީސް ޔާމީން އެކަމާ ދެކޮޅުހެއްދެވި ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮނޑި ގެއްލުވާލަން ޖެހޭ ކަމަށް ވިދާޅުވުމުން، މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ ބައެއް މެމްބަރުން "އަތްތިލަ ބަޑި" ވެސް ޖެއްސެވި އެވެ.
"އަޅުގަނޑުމެންގެ ގޮނޑި ގެއްލުވާލަން އުޅުނީމަ، އެންމެ ފަހުން [ރައީސް] ޔާމީންގެ ގޮނޑި ގެއްލުނީ. މިއީ ނޫންތޯ ރިއަލިޓީއަކީ؟ ނާދެވޭނެ [ރައީސް ޔާމީނަކަށް] ވެރިކަމަކަށް،" އިލްހާމް ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް ހިމަނައިގެން މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ޝަރުތު އެއްވެސް މީހަކަށް ކަނޑަނޭޅޭ ކަމަށެވެ. އެކަމަކު، މެމްބަރުންގެ ތެރޭގައި އެފަދަ "ޑިސިޕްލިނެއް" އޮތުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ހޮވޭ ޕާޓީއެއްގައި "ކޮޅު ބަދަލުނުކޮށް" ތިބެން ރައްޔިތުން ބޭނުންވާ ކަމަށެވެ. އެހެންވެ، ފުރަތަމަ ކަމަކަށް ކުރަން ޖެހޭނީ ގާނޫނުއަސާސީ ބަދަލުކުރުން ކަމަށާއި އެކަން ނުކޮށް، އެންޓި ޑިފެކްޝަން ގާނޫނަށް ދެމިނޯވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އޭނާ ވެސް ގޮވާލެއްވީ މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވައިލާށެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ތާއީދު ކުރެއްވި ނަމަވެސް، އެ ގާނޫނުގައި ދިފާއުގައި ބައެއް މެމްބަރުން މިއަދު ވާހަކަ ދެއްކެވި އެވެ. އެ މެމްބަރުން ގަބޫލު ކުރެއްވި ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނަކީ ރާއްޖޭގައި ކޮންމެހެން އޮންނަން ލާޒިމް ގާނޫނެކެވެ.
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
އިތުބާރުނެތްކަމުގެ މައްސަލާގައި ލަފާ ހޯދޭނީ ގަރާރަކުން
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނު އުވައިލަން ހުށަހަޅަނީ
ވަފާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާނަން: ގާސިމް
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ކޮމިޓީން ފާސްކޮށްފި
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
އިންސާފު ކަށަވަރުވާނީ 12 މެމްބަރުންނާ އެކު: ސައުދު