ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާ އެކީ ކަމަށް މަޖިލީހުގެ އާ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
02 ނޮވެމްބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ވަފާތެރިކަމާއި އިހްލާސްތެރިކަމާ އެކީ ކަމަށް މަޖިލީހުގެ އާ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްކަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހް މުހައްމަދު އިއްޔެ އިސްތިއުފާ ދެއްވުމުން، ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި، އެ މަގާމަށް ގާސިމް އިންތިޚާބު ވެވަޑައިގަތީ 62 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ގާސިމާ ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
މި އިންތިޚާބަށް ފަހު، މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މެމްބަރުން އެމަނިކުފާނާ ހަވާލު ކުރެއްވީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ.
މަޖިލީހުގެ އާ ރައީސް ގާސިމް ރޭގެ ޖަލްސާގައި.
މެމްބަރުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އަދާކުރައްވާނީ ގާނޫނުއަސާސީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ރައްޔިތުންނަށް މަންފާވާ ގޮތަށް އަދި އިހްލާސްތެރިކަމާ އެކީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 18 އަހަރު ވެފައިވާ ގާސިމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ޑިމޮކްރަސީ ގެނެސްދިނުމަށް އެމަނިކުފާނުގެ ރައީސް ކަމުގައި މަސައްކަތްޕުޅު ކުރައްވާނެ އެވެ.
މަޖިލީހުގެ ތެރެއިން މިދިޔަ ދުވަސްތަކުގައި ފެނިގެން ދިޔަ ނާއުންމީދީ ކަންތައްތައް ނުފެންނާނެ ގޮތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކުރިއަށް އޮތީ ރައްޔިތުންނަށް ހިތްހަމަޖެހޭނެ ދުވަސްތަކެއް. ސަރުކާރަށް އިތުރު ކުރިއެރުމާއި މަންފާ ލިބިގެންދާނެ ލުއި ފަސޭހަ ގޮތަކަށް މަސައްކަތް ކުރާނީ،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ހަތަރު ލީޑަރުންނާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވީ ކޯލިޝަން އުފެއްދުމަށް އެ ބޭފުޅުން މުހިންމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި އިރު، އެމަނިކުފާނު އިންތިޚާބު ކުރަން ޕީޕީއެމްގެ ގިނަ މެމްބަރުން ވެސް ވޯޓު ދެއްވި ކަމަށް ބެލެވެ އެވެ. އެއީ، މަޖިލިސް މިހާރު ބެހިފައި އޮންނަ ގޮތަށް ބަލާއިރު، އިދިކޮޅު ކޯލިޝަންގައި 45 މެމްބަރުން އެބަތިއްބެވި އެވެ. ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި ތިއްބެވީ 40 މެމްބަރުންނެވެ.
މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރަން ރޭ ބޭއްވި ޖަލްސާގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު، މި ޖަލްސާގައި މަސީހް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވިވަޑައިގެންނެވި އިރު، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި ބޭފުޅެކެވެ.
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
ހުވަފެން ހަގީގަތަކަށްވެ، ގާސިމް ރިޔާސަތުގައި!
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ރައީސަކަށް ނުހުއްޓުވޭނެ، މެމްބަރުން އަންނާނެ: ގާސިމް
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
ބޮޑެތި ކަންކަމަށް ޕެންޝަން ފައިސާ ދެވޭ ގޮތް ހަދަންޖެހޭ
މެންބަރުން އިތުރުނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
މަޖިލީހުގެ ތިންވަނަ ދައުރު ދެވަނަ ފަހަރަށް ދަންމާލައިފި