11 އެޕްރީލް 2017
އެމެރިކާގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ ގޮނޑިއަށް، ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ފަނޑިޔާރަކަށް ރުހުން ދޭން ސެނެޓުގެ ޑިމޮކްރެޓިކް މެމްބަރުން ދެކޮޅުހެދުމުން، ސެނެޓްގެ އާދައިގެ އަަގުލަބިއްޔަތަކުން ނަން ފާސްކުރަން، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކަން ކުރި ގޮތް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މެމްބަރުން ނަމޫނާއަކަށް އިއްޔެ ނެންގެވި އެވެ. ހުރި ނޭނގުމެއްގެ ބޮޑުކަމާ އެވެ! ކަމުގެ އަސްލު އޮޅުވާލުމުގެ ހީލަތްތެރިކަމާ އެވެ! ބޭނުންވާ ތަންކޮޅެއް ނެގުމުގެ ނުބައިކަމާ އެވެ!
އެމެރިކާގެ ސުޕްރީމް ކޯޓުން ހުސްވެފައިވާ ގޮނޑިއަށް، ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ފަނޑިޔާރަކަށް ރުހުން ދޭން ސެނެޓުގެ ޑިމޮކްރެޓިކް މެމްބަރުން ދެކޮޅުހެދުމުން، ސެނެޓްގެ އާދައިގެ އަަގުލަބިއްޔަތަކުން ނަން ފާސްކުރަން، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކަން ކުރި ގޮތް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މެމްބަރުން ނަމޫނާއަކަށް އިއްޔެ ނެންގެވި އެވެ. ހުރި ނޭނގުމެއްގެ ބޮޑުކަމާ އެވެ! ކަމުގެ އަސްލު އޮޅުވާލުމުގެ ހީލަތްތެރިކަމާ އެވެ! ބޭނުންވާ ތަންކޮޅެއް ނެގުމުގެ ނުބައިކަމާ އެވެ!
އެމެރިކާގެ ސެނެޓުގައި އެކަން ވީ ގޮތާއި، މެޖޯރިޓީ އޮތް ރިޕަބްލިކަނުން އެންމެ ފަހުން "ޚުދުމުޚުތާރުވި" ގޮތަކީ (ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ނަން ސެނެޓްގައި ފާސްވާން 60 ވޯޓު ބޭނުންވެ އެވެ. އެކަމަކު އެ އަދަދަށް ވޯޓު ނުލިބޭނެތީ ކޮމިޓީން ނިންމީ އާދައިގެ އަގުލަބިއްޔަތަކުން ނަން ފާސްކުރާށެވެ. މިއީ 50 އަހަރުގެ ތެރޭގައި އެގޮތަށް ސެނެޓުން ކަން ކުރި ފުރަތަމަ ފަހަރެވެ.) އެމެރިކާގެ ކޮންގްރެސް އަށް ވެސް އަދި އާންމުންނާއި ޑިމޮކްރެޓިކް އުސޫލުތަކުގެ ރީތިކަމަށް ވެސް ލިބުނު ދެރައެކެވެ. އެއީ އެމެރިކާގައި ވެސް ނަމޫނާއެއް ނޫނެވެ. އަދި އެހާ ހިސާބުން އެމެރިކާގެ ޑިމޮކްރަސީ، ރާއްޖޭގައި މިހާރު މި ފެންނަ ގޮތަށް، މަރުގެ ތަންމައްޗަކަށް ވެސް ނުވެއްޓެ އެވެ. އޭގެ ބަދަލުގައި އެމެރިކާގައި އަންނަނީ ޑިމޮކްރަސީގެ އުސޫލުތައް ހިމާޔަތްކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ދަތުރުނުކުރެވޭ ގޮތަށް، ރައީސް ޓްރަމްޕް ނެރުއްވި އަމުރަށް ވީ ކިހިނެއް ހެއްޔެވެ؟ މުސްލިމުންގެ ހައްގުގައި، އެމެރިކާގެ ކްރިސްޓިއަނުންނާއި ޔަހޫދީންނާއި އެއްވެސް ދީނެއް ގަބޫލުނުކުރާ އެތައް ހާސް ބަޔަކު ނުކުމެ، އެއާޕޯޓްތަކުގައި ވެސް އަޑުއުފުލި އެވެ. އެންމެ ފަހުން އެމެރިކާގެ މަރުކަޒީ ކޯޓެއްގެ ފަނޑިޔާރަކު ވަގުތީ އަމުރެއް ނެރުއްވީ ރައީސްގެ އަމުރާ ދެކޮޅަށެވެ.
ރައީސް ޓްރަމްޕް ދެ ވަނަ އަމުރެއް ނެރުއްވީ ކުރީގެ އަމުރުގައި ހުރި ގާނޫނީ ބައެއް މައްސަލަތައް ނުހިމަނުއްވަ އެވެ. އެކަމަކު އެ އަމުރު ވެސް މިހާރު އެ އޮތީ އެހެން ފަނޑިޔާރަކު ހިފަހައްޓަވާފަ އެވެ. ޓްވީޓްކުރެއްވުމުގެ އާދަ ގެންގުޅުއްވާ ރައީސް ޓްރަމްޕަށް ދެން ވެސް ކުރިއަށް ދެވެން އޮތީ ކޯޓުތަކުން މައްސަލަ ނިންމައިގެންނެވެ. ރައީސް ޓްރަމްޕް ކިތައްމެ ވަރަކަށް މަސައްކަތް ކުރެއްވިޔަސް، އެމެރިކާގެ މިނިވަން ޝަރުއީ ނިޒާމާއި ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓާ އަމިއްލަ ޖަމާއަތްތަކާއި ރައްޔިތުން ފަހަކަށް ނުޖެހޭނެ އެވެ. ވެރިން އަބަދުވެސް ބޭނުންވާނީ ބާރު ގަދަކުރަންކަން، އެ ޑިމޮކްރަސީތަކުގެ އަހުލުވެރިން ހަނދާނެއް ނުނެތެ އެވެ. އަދި އެ މީހުންނަށް ޑިމޮކްރަސީގެ ދިފާއުގައި ކުރިއަށް ދާނެ ފުރުސަތު އޮވެ އެވެ. އުއްމީދު ވެސް އޮވެ އެވެ.
ސެނެޓްގެ އެންމެ ނިންމުމެއް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރަމުން ގެންދަވާ ޚުދުމުޚުތާރު މެމްބަރުން ނަމޫނާއަކަށް ނެންގެވި އިރު، ސަރުކާރާ ދެކޮޅު އެއްވެސް ބަހުސެއް މަޖިލިހުގައި ކާމިޔާބުވި ހެއްޔެވެ؟ ރާއްޖޭގައި ސަރުކާރާ ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާ އެއްވެސް މައްސަލައެއް، ސަރުކާރު ބޭނުންވާ ގޮތަށް ނޫން ގޮތަކަށް، މިހާރު ނިމޭ ހެއްޔެވެ؟ ނުވަތަ ރައްޔިތުންގެ މަޖިލިހުން ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ކަނޑައެޅިގެން ޚިލާފަށް ކުރާ ކަންކަން ކޯޓުތަކަށް ހުށަހަޅާނެ ބަޔަކު ވޭ ހެއްޔެވެ؟ މުއައްސަސާތަކަށް އިތުބާރު ގެއްލިފައި އޮތްލެއް ބޮޑުކަމުން، އާންމުންނާއި، ޑިމޮކްރަސީގެ ދުޅަހެޔޮކަމަށް ލޯބިކުރާ ފަރާތްތަކުން، އެ ތިބީ އިންސާފު ހޯދަން އުޅުމަކީ ވެސް ބޭކާރު ކަމެއް ކަމަށް ގަބޫލުކޮށްގެންނެވެ.
މުސްލިމުން އެމެރިކާ އަށް ވަނުން ރައީސް ޓްރަމްޕް މަނާ ކުރަން އުޅުއްވުމުން ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަން އިން ނިއު ޔޯކުގައި މުޒާހަރާ ކުރަނީ: ރައީސާ ދެކޮޅަށް ވެސް އާންމުން ކާމިޔާބު ހޯދާ --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ވަރުގަދަ ސަރުކާރުގެ ސަލާމަތީ އެންމެ މަތީ މުޝީރު މަގާމުން ވަކިކުރީ ކީއްވެގެންކަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އާއި ވިލިމާލޭގެ އަހުމަދު ނިހާން، ފަދަ މެމްބަރުން (ސެނެޓްގެ ނިންމުން ނަމޫނާއަކަށް އެންމެ ބޮޑަށް ނެންގެވި ދެ މެމްބަރުން) އިންޓަނެޓަށް ވަދެވަޑައިގެން ހޯއްދަވާށެވެ. އެމެރިކާގެ އިންތިޚާބަށް ރަޝިޔާގެ ނުފޫޒު ފޯރާފައި އޮތްތޯ ބަލަން ކުރިއަށް ގެންދާ އެއްވެސް ތަހުގީގެއްގައި، އެޓާނީ ޖެނެރަލް ޖެފް ސެޝަން ބައިވެރިވެވަޑައިނުގަންނަން ނިންމެވީ ކީއްވެގެންތޯ ވެސް ބައްލަވާށެވެ. އަދި ކޮންގްރެސްގެ ތަހުގީގު ހިންގާ ހައުސް އިންޓެލިޖެންސް ކޮމިޓީގެ ޗެއާމަނަކަށް ހުންނެވި ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ ޑެވިން ނިއުނެސް، ވަގުތީ ގޮތުން އެ ތަހުގީގާ ދުރަށް ޖެހިވަޑައިގަތީ ކޮން ފިއްތުންތަކެއް ކުރިމަތިވެވަޑައިގެންތޯ ވެސް ވިދާޅުވެދެއްވާށެވެ.
އެއިން ކޮންމެ ކަމަކުން ވެސް އެނގޭނީ، ރިޕަބްލިކަން ޕާޓީގެ މެމްބަރުން، އަގުލަބިއްޔަތުގެ ބޭނުން ހިފަން މަދު ފަހަރެއްގައި ޚުދުމުޚުތާރު ވިޔަސް، ގިނަ މައްސަލަތަކުގައި، އިދިކޮޅު ޕާޓީގެ ގޮވުންތައް އަޑުއަހާކަމެވެ. އަދި ރައީސާ ދިމާލަށް ބުނަން ޖެހޭ އެއްޗެއް ވެސް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ބުނަމުން ދާ ކަމެވެ. ރައީސް ބޭނުންވިޔަސް ކޮންމެ ކަމެއް ފާސްނުވާނެކަން، ސަރުކާރުން ސިއްހީ އިންޝުއަރެންސް ފޯރުކޮށްދޭ ގާނޫނު އުވާނުލެވިގެން އުޅުނު އުޅުމުން ފެންނާނެ ކަމެވެ.
ޓްރަމްޕް ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ދިނުމުގެ ކުރިން، ޑިމޮކްރެޓިކް މެމްބަރުން އެތައް ގަޑިއިރަކަށް ދަންމާލި ސުވާލުތަކުން ކިތައްމެ އުނދަގުލެއް ކުރިމަތިވިޔަސް، އެ ފުރުސަތު ލިބުނެވެ. އަދި ދެން ވެސް ދޭނެ އެވެ. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީން މުޅިން ވެސް ދައްކަމުން އަންނަނީ ޚުދުމުޚުތާރުކަމެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން، 42 މެމްބަރުންގެ ސޮއި ހޯދަން ޖެހޭނެ ކަމަށް ބުނެ އެ އޮތް ގެނައި، ލަދުވެތި އިސްލާހު ދިފާއުކުރައްވަން، ސަރުކާރު މެމްބަރުން އެމެރިކާ ނަމޫނާއަކަށް ނަންގަވާ އިރު، ރާއްޖޭގައި މި އުޅެނީ މިނިސްޓަރަކާ ސުވާލުކޮށްލާނެ ފުރުސަތު ވެސް ނުލިބިގެންނެވެ. އެންމެ ކުޑަވެގެން، ބައްޔަކާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާ އާދައިގެ ޓާސްކް ފޯހެއްގެ މީހުން ވެސް މަޖިލިހަށް ހާޒިރުކުރަން، ސަރުކާރުގެ މެޖޯރިޓީން އަޅަނީ ހުރަހެވެ.
ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒާ ބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަން، ދިވެހި ކިޔަން އެނގޭ މީހަކަށް ވިއްޔާ އެ އޮތީ ފެންނާށެވެ. މި ދައްކަނީ ކޮންމެހެން ގާސިމް ވެގެން، އޭނާގެ ދިފާއުގައި އުޅުއްވަން ޖެހޭ ވާހަކައެއް ނޫނެވެ. މި ދައްކަނީ، މެޖޯރިޓީ މެމްބަރުން، މާ ގަދަރު ބޮޑުކޮށްގެން، މާ ބާރުގަދަ ތަނަކަށް ހައްދަވައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލިހަށް ލިބިފައި އޮތް ހިމާޔަތެއް ފުލުހުން ނިގުޅައިގަނެގެން އުޅޭ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ބާރު ކޮބައިތޯ އެވެ؟ މި ހުންނަނީ، މިއަދު ހީލާފައި، މަޖިލިހުގެ ތަޅުމުގައި، މަލާމާތުގެ ބަސްތައް ވިދާޅުވެ، ދޫކޮށްލައްވަން ޖެހޭ ވަރަށް ވުރެ ބޮޑެތި މައްސަލަތަކެވެ.
އެކަމަކު މި މަޖިލިހުގައި އެ ނޫން މަންޒަރެއް ނުފެންނާނެ އެވެ.
ހަގީގަތުގައި ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު މެމްބަރުން ނަމޫނާ ނަންގަވަންވީ އެމެރިކާއަކުން ނޫނެވެ. ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު އިއްޔެ ވިދާޅުވި ގޮތަށް، "ޒިމްބާބުވޭ ކަހަލަ ގައުމުތަކުންނެ"ވެ.
42 ސޮއި ނެތި މަޖިލިހުގެ ރައީސް ވަކި ނުކުރެވޭނެ
ލަދެއް ނެތް، އަގެއް ނެތް މަޖިލިސް މާޒީއަށް
މަޖިލީހަށް އާ ރައީސަކު ހޮވުން މިރޭ
މަޖިލީހުގެ ރައީސްކަމުން މަސީހް އިސްތިއުފާ ދެއްވައިފި
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
މަސީހު އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި:މޫސަ
މޫސަ މަގާމުން ވަކި ކުރަން ޕީޕީއެމުން ހުށަހަޅަނީ
ގޮނޑިތައް ލިބުނީމަ ވެސް ޖަލްސާއަކަށް ނާދޭ: ނިހާން