Roadha Mihaaru
42 ސޮއި ނެތި މަޖިލިހުގެ ރައީސް ވަކި ނުކުރެވޭނެ

42 މެމްބަރުންގެ ސޮއި ނެތި މަޖިލިހުގެ ރައީސް ވަކި ނުކުރެވޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

09 އެޕްރީލް 2017

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލިހުގެ އާންމު ކޮމެޓީން ދެންމެ ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލިހުގެ އާންމު ކޮމެޓީން ދެންމެ ފާސްކޮށްފި އެވެ.

މަޖިލިހުގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކު އެވެ.

އާންމު ކޮމެޓީގެ މުގައްރިރު ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި އާ އިސްލާހު މަޖިލިހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، މިހާރު އިދިކޮޅު ފަރާތްތަކުން ޖިލިހަށް ވައްދާފައިވާ، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް އާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އޮޓަމެޓިކުން މަޖިލިހުން ބޭރުވާނެ ކަމަށެވެ.

"ސަބަބަކީ އެއީ ގަވައިދަށް ކޮމެޓީން މި ބަދަލު ގެނައީ މިހާރު މަޖިލިހަށް ހުށަހަޅާފައިވާ އެފަދަ މައްސަލަތަކަށް ވެސް އެޕްލައިވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ދެންމެ ބޭއްވި ޕްރެސް ބްރީފިންއެއްގައި، އެ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އިރުއިރުކޮޅާ ހުށަހަޅަނީ، ގައުމު ހަލަބޮލިކޮށް، ޖެއްސުން ކުރަން ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ހުއްޓުވުމަށް މަޖިލިހުގެ ގަވައިދަށް އިސްލާހު ގެނެވެން އޮތް ގޮތަކަށް އިސްލާހު ގެނެސް "ވެކްސިން" ޖަހާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މާދަމާ ވެސް ގަވައިދުގެ ދަށުން މި ލިބޭ ބާރުގައި މި ކަންތައް މިގޮތަށް ހުއްޓުވުމަށް ފަހު، މިއަށް ވެކްސިން ޖެހުމަށް ފަހު މަޖިލިހުގެ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދަން. މި ރޯގާ އަށް ވެކްސިން ތައްޔާރުކޮށް މިއަދު މި ނިމުނީ. އަޅުގަނޑުމެން އެ ވެކްސިން ޖަހާނަން. މި ވެކްސިން އަށް ފަހު މި ބަލިމަޑުކަމެއް، މި ރޯގާއެއް މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ދެން ލައެއް ނުގަންނާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ރައީސްއާ ގުޅޭ ވޯޓެއް ދެން ނަގަން ޖެހުނަސް އެކަން ކުރާނީ ރޯލްކޯލް ވޯޓަކުންނެވެ.

މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރަން އާންމު ކޮމެޓީން ފާސްކުރިއިރު، ނައިބު ރައީސް މޫސަ މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އަންގާރަދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ މައްސަލަ މަޖިލިހަށް ވެއްދީ 15 މެމްބަރުންގެ ސޮޔާއެކު އެވެ. އަދި މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ދެވަނަ ފަހަރަށް މަޖިލިހަށް ވައްދައިފަ އެވެ.

މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ކުރިން ހުށަހަޅައި މިދިޔަ މަހުގެ 27 ގައި ވަނީ އެމަނިކުފާނުގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފަ އެވެ. އެކަމަކު ރޯލްކޯލް ވޯޓަކަށް ޕީޕީއެމް ކޯލިޝަނުން ދާން ބޭނުންވުމުން އެކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އިދިކޮޅު ފަރާތްތަކުން އެ ދުވަހުގެ ވޯޓް ބޮއިކޮޓް ކުރި އެވެ. އެހެންވެ މަސީހްގެ އިތުބާރު އޮތް ކަމަށް މިދިޔަ މަހު މަޖިލިހުން ނިންމީ އިދިކޮޅު މީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އެވެ.