Roadha Mihaaru
ވޯޓު އޮޅުވާލި މައްސަލަ ބަލާނަން: މޫސަ

ވޯޓު އޮޅުވާލި މައްސަލަ ބަލައި، ފިިޔަވަޅު އަޅާނަން: މޫސަ

27 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި ވޯޓު އޮޅުވައިލި މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި ވޯޓު އޮޅުވައިލި މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަައިގެ ވޯޓު، ވަކިވަކިން މެމްބަރުން ކައިރިން އަހައިގެން ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް، މަޖިލިހުގެ އިލެކްޓްރޯނިކް ސިސްޓަމުން ނެގި ވޯޓުގައި، އޭރު ރިޔާސަތުގައި އިންނެވި ނައިބު ރައީސް މޫސާ މަނިކާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ބައިވެރިވި ކަމަށް ނަތީޖާ އިން ދައްކަ އެވެ.

ޓީވީއެމްގައި ވާހަކަ ދައްކަވަމުން މޫސަ މި މައްސަލާގައި ވިދާޅުވީ، މަޖިލީހުގެ ސީސީޓީވީ ފުޓޭޖްތައް ބަލަން މަޖިލީހުގެ މުވައްޒަފުންނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނާއި މަހްލޫފްގެ ކާޑު ބޭނުންކޮށްގެން ވޯޓުލީ ކާކުކަން ހޯދައި، އެކަން އާންމު ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"މަޖިލީހުގެ ކެމެރާ ސިސްޓަމް މެދުވެރިކޮށް އެކަން އެބަ ބަލަން. އަދި އެކަން މީޑިއާއަށް ހާމަ ކުރާނަން. ކެމެރާ ސިސްޓަމް މެދުވެރިކޮށް، އެ ވޯޓު ދީފައިވަނީ ކޮން ބައެއްތޯ ބަލާނަން. މިއީ އޮޅުވާލެވޭނެ ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގައި މިއަދު ނެގީ ސައްހަ ވޯޓެކެވެ. އަދި އެ ވޯޓާ ގުޅޭ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ. މަޖިލީހުގެ ނިޒާމު ގެއްލުވާލަން އުޅުނުު ފަރާތްތަކާ މެދު އޮންނަ އުސޫލުގެ މަތިން ފިޔަވަޅު އަޅަން ޖެހުނީ ކަމަށާއި އެއްވެސް މެމްބަރަކު އިސްތިސްނާ ނުކޮށް، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މިއަދު ނެގި ވޯޓުގެ ގާނޫނީ ސައްހަކަމާ މެދު އުފެއްދޭނެ އެއްވެސް ސުވާލެއް ނޯންނާނެ. އެކަމަކު ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައް ދައްކަވަންވީ. މިއަދު މަޖިލީހުގައި ވޯޓު ދެއްވީ މެމްބަރުން. ވޯޓު ގުނީ ރައްޔިތުން. މަޖިލީހުގެ ރިޔާސަތަށް ވުރެ ކުރިން ރައްޔިތުންނަށް ވޯޓު ގުނިފައި އޮންނާނީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ފާސް ކުރިޔަސް ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި އެކަމަކު ރިޔާސަތުގައި އިންނެވިހާ ހިނދަކު މަޖިލީހުގައި ގާނޫނާ ޚިލާފު ކަމެއް ކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއަދުގެ ވޯޓުގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށާއި މަސީހުގެ އިތުބާރު ނެތް ކަމަށް އަލުން ހުށަހަޅާނެ ކަމަށެވެ. އަދި މޫސަގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ފާސްކުރާނެ ކަމަށް ވެސް ކޯލިޝަނުން ވަނީ ބުނެފަ އެވެ.

މޫސަ މަގާމުން ވަކިކުރުމުގެ މައްސަލަ ވަނީ އަންނަ އޭޕްރީލް މަހުގެ 11 އަށް އެޖެންޑާ ކުރަން ނިންމައިފަ އެވެ.