Roadha Mihaaru
ބައެއް މަގުތަކުގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް

ބައެއް މަގުތަކުގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް

28 މެއި 2017

މާލޭގެ ބޮޑެތި ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ބޮޑެތި ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ރޯދަ މަހާ ދިމާކޮށް، އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ ކާރުބާރުބޮޑު މާރުކޭޓު ސަރަހައްދަށެވެ. އޭގެއިތުރުން އަލިކިލެގެފާނު މަގާއި ހުސްނުހީނާ މަގުގައި ވެސް ވަނީ ޓްރެފިކަށް ބަދަލު ގެނެސްފަ އެވެ. އެއްކޮޅަށް ދުއްވާ މި ދެ މަގުގެ ތެރޭން، ދެކުނުން އުތުރަށް ދުއްވާ ގޮތަށް އޮތް އަލިކިލެގެފާނު މަގު ވަނީ އުތުރުން ދެކުނަށް ދުއްވާ ގޮތަށް ބަދަލުކޮށްފަ އެވެ.

ފަރުނީޗަރު ވިއްކާ އަލޯރާ ފިހާރަ ހުންނަ ހުސްނުހީނާ މަގު ވެސް މިހާރު ވަނީ ކުރިން ދުއްވި ކޮޅު ނޫން އަނެއް ކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފަ އެވެ. އެ މަގުން ގޮސް މަޖީދީ މަގަށް ވަދެވޭ ގޮތަށް އޮތް ނަމަވެސް މިހާރު އެ މަގަށް މަޖީދީ މަގުން ގޮސް ވަދެވޭނެ އެވެ.

މި ބަދަލު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ގެނަ އެވެ. އޭރު ފުލުހުން ބުނެފައި ވަނީ، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައީ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ އަދި އަރަބިއްޔާ ސްކޫލުގެ ކިޔެވުން ފެށޭ ގަޑި އާއި ނިމޭ ގަޑީގައި، ހަތަރު ފުރޮޅުލީ އުޅަނދު އެ ސަރަހައްދަށް ވަނުން މަނާކުރުމުން ޓްރެފިކްގެ ބާރު ބޮޑުވާތީ ކަމަށެވެ.

މި ރޯދަ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމަނައިގެން ކަނބާއައިސާރަނި ހިނގުމުގައި ހުންނަ ތާޖުއްދީން ސްކޫލް ކަންމަތިން ފެށިގެން މަޖީދީމަގާ ދެމެދު ދެ ކޮޅަށް ދުއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ފުލުހުން ބުނި ގޮތުގައި ތާޖުއްދީން ސްކޫލް ކަންމަތިން ފެށިގެން އަމީނީމަގު، ދިރާގު ހެޑް އޮފީހާވީ ދިމާލުން ބޮޑުތަކުރުފާނު މަގުން ފެށިގެން ތާޖުއްދީން ސްކޫލް ހުންނަ ގޯޅިއާ ހަމައަށް ވަނީ އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މި ރޯދަ މަހު ޓްރެފިކް މައްސަލަތަކަށް ލުޔެއް ހޯދުމުގެ ގޮތުން، ބައެއް މަގުތަކަށް ވެހިކަލްތައް ނުވަދެވޭ ގޮތް ހަަދައި، ބަރު ވެހިކަލް ވަކި ވަގުތެއްގައި ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.