Roadha Mihaaru
ފޭވަރިޓަކީ ޗެލްސީ، އާސެނަލް ދުލެއް ނުދޭނެ: ވެންގާ

ފޭވަރިޓަކީ ޗެލްސީ، އާސެނަލް ދުލެއް ނުދޭނެ: ވެންގާ

27 މެއި 2017

ލަންޑަން (މެއި 27) - އެފްއޭ ކަޕް ފައިނަލަށް މިރޭ ނުކުންނައިރު ޗެލްސީ އަކީ ފޭވަރިޓުން ކަމަށާއި އެހެން ނަމަވެސް ފައިނަލެއްގައި އާސެނަލުން ދުލެއް ނުދޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 27) - އެފްއޭ ކަޕް ފައިނަލަށް މިރޭ ނުކުންނައިރު ޗެލްސީ އަކީ ފޭވަރިޓުން ކަމަށާއި އެހެން ނަމަވެސް ފައިނަލެއްގައި އާސެނަލުން ދުލެއް ނުދޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

މިއީ އާސެނަލް އެފްއޭ ކަޕް ފައިނަލުގައި ކުޅޭ 20 ވަނަ ފަހަރެވެ. ރެކޯޑް ފައިނަލަކަށް ނުކުންނައިރު، އެ ޓީމު ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް 12 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މި ފަހަރު ލީގުގެ ގަދަ ހަތަރަކުން އާސެނަލަށް ފުރުސަތު ގެއްލުމުން ސީޒަން ސަލާމަތްކުރަން އެފްއޭ ކަޕް ކާމިޔާބު ކުރުން އާސެނަލަށް ވަނީ މުހިއްމުވެފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި ޕްރިމިއާ ލީގުގައި ޗެލްސީން ހޯދި ކާމިޔާބީއާ އެކު އެ ޓީމު ކޮޅަށް ގިނަ ބަޔަކު ފައިނަލުގައި ބުރަވާނީ. އެކަމަކު އެއްވެސް ފައިނަލެއްގައި އާސެނަލުން ދުލެއް ނުދޭނެ،" ވެންގާ ބުންޏެވެ.

މިރޭގެ މެޗަށް އާސެނަލުުން ނުކުންނާނީ ސަސްޕެންޝަނުގެ ސަބަބުން ލޯރެންޓް ކޮޝިއެލްނީ ނުލަ އެވެ. އަނިޔާގެ ސަބަބުން ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލަށް މި މެޗުގައި ނުކުޅެވޭއިރު، ޝޮކްރްޑަން މުސްތާފީ އާއި ކިއެރަން ގިބްސް އަށް ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެވުމުގެ އޮތީ ހަނި ފުރުސަތެކެވެ.

މުސްތާފީ އަނިޔާ އިން ރަނގަޅު ނުވެއްޖެނަމަ މިރޭ އާސެނަލުން ބޭނުންކުރާނެ ކަމަށް ބެލެވެނީ ޖަރުމަނުގެ ޑިފެންޑަރު ޕާ މަޓެސެކާ އެވެ. އެހެން ނަމަވެސް މަޓެސެކާ މިދިޔަ 13 ވަރަކަށް މަސް ދުވަހު ފުރަތަމަ އެގާރައިގައި މެޗެއް ކުޅެފައިނުވާތީ ވެންގާ އިތުރު ވިސްނުމަކަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ވެންގާ ބުނީ މިރޭގެ ފައިނަލަށް ނުކުންނައިރު އެ ޓީމުން ހިތްވަރު ހޯދާނީ 2005 ވަނަ އަހަރު މި މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ބަލިކުރި މެޗުން ކަމަށެވެ.

"އަހަރެން ހަނދާން ހުރޭ 2005 ވަނަ އަހަރުގެ ފައިނަލުގައި އަހަރެމެން ކުޅުނީ މާ މޮޅު ކުޅުންތެރިންތަކެއް އެ ވަގުތު ނެތް ހާލަތެއްގައި ޑެނިސް ބާކެމްޕް ކުރިއަށް ލައިގެން. ޔުނައިޓެޑްގައި ތިބި ކްރިސްޓިއާނޯ ރޮނާލްޑޯ، ވޭން ރޫނީ އަދި ޕައުލް ސްކޯލްސް ފަދަ ކުޅުންތެރިން. އެ ދުވަހު ވެސް އަހަރެމެން މޮޅުވީ ދެއްކި ހިތްވަރުން،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ހުސްއަތާ ސީޒަން ނިންމައިނުލުމަށް އެފްއޭ ކަޕް ކާމިޔާބު ކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އާސެނަލާއި ޗެލްސީ ކުޅޭ ފައިނަލް ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.