Roadha Mihaaru
ފައިނަލުގެ ކުރިން ކޮންޓޭގެ ތައުރީފް ވެންގާ އަށް

ފައިނަލުގެ ކުރިން ކޮންޓޭގެ ތައުރީފް ވެންގާ އަށް

27 މެއި 2017

ލަންޑަން (މެއި 27) – އެފްއޭ ކަޕުގެ ފައިނަލުން މިރޭ ޗެލްސީ އަތުން އާސެނަލް ބަލިވިޔަސް އެ ޓީމުގެ ކޯޗު އާސެން ވެންގާ ވެގެންދާނީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗަށް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލަންޑަން (މެއި 27) – އެފްއޭ ކަޕުގެ ފައިނަލުން މިރޭ ޗެލްސީ އަތުން އާސެނަލް ބަލިވިޔަސް އެ ޓީމުގެ ކޯޗު އާސެން ވެންގާ ވެގެންދާނީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗަށް ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އާސެނަލަށް 1996 ވަނަ އަހަރުން ފެށިގެން ކޯޗުކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ވެންގާގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާނެ އެވެ. އޭނާ އަށް އާ ކޮންޓްރެކްޓެއް ދިނުމާ ދެކޮޅަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ތެދުވެފަ އެވެ. އަމުދުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފައިނުވާތީ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ. ވެންގާގެ ކުރިމަގާ މެދު އާސެނަލްގެ ބޯޑުން ގޮތެއް ނިންމާނީ މިރޭގެ މެޗަށް ފަހު އެވެ.

"އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ވެންގާ ވަނީ އެފްއޭ ކަޕުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައި ގިނަ ތަށިތަކެއް ހޯދާފައިކަން. އަހަންނަށް ހީނުވޭ މިރޭ މިއީ ވެންގާގެ ފަހު މެޗަށް ވާނެހެން. އޭނާ އަށް ހައްގު އާސެނަލްގައި އިތުރަށް މަސައްކަތްކުރުމުގެ ފުރުސަތު،" ކޮންޓޭ ބުންޏެވެ. "މިދިޔަ 20 އަހަރު އޭނާ ސާބިތުކޮށްދީފި ނަމަ އޭނާ އަކީ މޮޅު ކޯޗެއްކަން."

ކޮންޓޭ ބުނީ މިދިޔަ 19 އަހަރު އާސެނަލުން ޗެމްޕިއަންސް ލީގުގައި ކުޅުނު ކަމަށާއި އެ ފުރުސަތު ގެއްލުނީ މި ފަހަރު އެކަނި ކަމަށެވެ.

"ބޮޑު ކްލަބެއްގައި އެހާ ގިނަ ދުވަހު ހުރެފި ނަމަ، އަދި އަމުދުން އެއީ އާސެނަލް ފަދަ ވަރުގަދަ ޓީމެއްގައި ނަމަ އަހަރެމެން ބަލަން ޖެހޭ އޭނާ އަކީ ފުޓްބޯޅަ ތާރީހުގެ އެންމެ މޮޅު އެއް ކޯޗު ކަމަށް،" ކޮންޓޭ ބުންޏެވެ.

ޗެލްސީއާ ކޮންޓޭ ހަވާލުވެ ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައިވާއިރު މިރޭ މި ވަނީ ދެ ވަނަ ތަށި ހޯދުމުގެ ފުރުސަތު ލިބިފަ އެވެ. އެ ޝަރަފް މީގެ ކުރިން ހޯދާފައިވަނީ އިޓަލީގެ އެހެން ކޯޗެއް ކަމަށްވާ ކާލޯ އަންޗެލޮޓީ އެވެ.

"އާސެނަލުން މިވަނީ މި މުބާރާތް ވަރަށް ގިނައިން ކާމިޔާބުކޮށްފައި. އަހަންނަށް އަދި އެއް ފަހަރު ވެސް އެކަމެއް ހާސިލެއް ނުވޭ. އެ ސަބަބަށްޓަކައި މި މެޗަކީ އަހަންނާއި އަހަރެންގެ ޓީމަށް ލިބޭ ރަނގަޅު ފުރުސަތެއް ތަށި ހޯދަން،" ކޮންޓޭ ބުންޏެވެ.

ކޮންޓޭގެ ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އޮތްއިރު އޭނާ ގެންދަން އިޓަލީގެ އިންޓަ މިލާނުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ކޮންޓޭ ބުނީ ކްލަބުން ކޮންޓްރެކްޓް އާކުރަން ބޭނުން ނަމަ އޭނާ ހުރީ އެކަމަށް ތައްޔާރަށް ކަމަށެވެ.

ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް ވަނީ 3-0 އިން ކާމިޔާބުކޮށްފަ އެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 3-1 އިންނެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.