Roadha Mihaaru
ލަމްޕާޑާއި އާޓެޓާ: ޓީމާ އެކު މުހިއްމު ފައިނަލަކަށް!

ލަމްޕާޑާއި އާޓެޓާ: ޓީމު ގޮވައިގެން މުހިއްމު ފައިނަލަކަށް!

01 އޯގަސްޓް 2020

އިނގިރޭސި އެފްއޭ ކަޕަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. މި ފަހަރުގެ ފައިނަލުގައި އާސެނަލާއި ޗެލްސީ މިރޭ ބައްދަލުކުރާއިރު، މި ދެ ޓީމުގެ ކޯޗުންނަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ތިބި އެންމެ ޒުވާން ދެ ކޯޗުންނެވެ. ޗެލްސީގެ ފްރޭންކް ލަމްޕާޑް، 42 އާއި އާސެނަލްގެ މިކޭލް އާޓެޓާ، 38، ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ފައިނަލަކަށް ނުކުންނައިރު ދެ ކޯޗުންގެ ވެސް އަމާޒަކީ ތަށްޓެއް ހޯދައި ކުރިމަގަށް ރަނގަޅު ބިންގަލެއް އެޅުމެވެ.

އިނގިރޭސި އެފްއޭ ކަޕަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. މި ފަހަރުގެ ފައިނަލުގައި އާސެނަލާއި ޗެލްސީ މިރޭ ބައްދަލުކުރާއިރު، މި ދެ ޓީމުގެ ކޯޗުންނަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ތިބި އެންމެ ޒުވާން ދެ ކޯޗުންނެވެ. ޗެލްސީގެ ފްރޭންކް ލަމްޕާޑް، 42 އާއި އާސެނަލްގެ މިކޭލް އާޓެޓާ، 38، ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ފައިނަލަކަށް ނުކުންނައިރު ދެ ކޯޗުންގެ ވެސް އަމާޒަކީ ތަށްޓެއް ހޯދައި ކުރިމަގަށް ރަނގަޅު ބިންގަލެއް އެޅުމެވެ.

ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ރަސްމީކޮށް މެޗަކަށް ނުކުމެ ލަމްޕާޑް ފަށަން ޖެހުނީ ވެސް ފައިނަލަކުންނެވެ. އެއީ މިދިޔަ އޮގަސްޓް މަހު ކުޅުނު ޔުއެފާ ސުޕަ ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވި މެޗުންނެވެ. އެ މެޗަށް ނުކުތްއިރު ވެސް ޗެލްސީ އަށް އެ މެޗު ކާމިޔާބު ކުރެވިދާނެތޯ ސުވާލު އުފެދިފައި އޮތީ ލަމްޕާޑްގެ ކޯޗިން ކެރިއަރުގެ ޅަފަތުގައި ފައިނަލުގެ ތަޖުރިބާ ނެތި އެ ފަދަ މެޗެއްގައި ކާމިޔާބު ހޯދަން އުނދަގޫވާނެތީ އެވެ.

ސީޒަން ފެށުނުއިރު ފީފާ އިން ދީފައިވާ ޓްރާންސްފާ އަދަބެއްގައި ޗެލްސީ އޮތުމުން، ކޯޗުކަމާ ހަވާލުވެ ލަމްޕާޑަށް ކުޅުންތެރިއަކު ނުގެނެވުނެވެ. އެކަމަކު ޒުވާން ކުޅުންތެރިންނާއި ސްކޮޑުގައި ތިބި ކުޅުންތެރިން ލައިގެން ނިސްބަތުން ރަނގަޅު ނަތީޖާތަކެއް ނެރެ ލަމްޕާޑް ވަނީ ޗެލްސީ އަށް ގަދަ ހަތަރެއް ކަށަވަރުކޮށްދީފަ އެވެ. އަދި އެފްއޭ ކަޕްގެ ފައިނަލަށް ނުކުންނައިރު ލަމްޕާޑްގެ އަޒުމަކީ މި މުބާރާތް ކާމިޔާބުކޮށް ރަނގަޅު މިސްރާބަކަށް ކްލަބް ގޮވައިގެން ދިއުމެވެ.

"މި ތަށި ހޯދިއްޖެނަމަ އެއީ އަހަރެމެންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ. ބޮޑެތި ކްލަބްތަކުން ކޮންމެ އަހަރަކު ވެސް ކަޕް ތަށިތަކާއި ލީގަށް ވާދަކުރާނެ. އަހަރެމެން (ޗެލްސީ) ވެސް އެކަން ގިނަ އަހަރުތަކެއް ވަންދެން ކުރިން. މިދިޔަ އަހަރުތަކުގައި އަހަރެމެންނަށް ލީގަށް ވާދައެއް ނުކުރެވުނު. މިހާރު ކުއްލިއަކަށް ލީގަށް ވާދަކުރެވޭނެއޭ ވެސް ނުބުނާނަން. އެކަމަކު އެފްއޭ ކަޕް ކާމިޔާބު ކޮށްފިނަމަ ލީގުގައި ވެސް އަހަރެމެން ދާން ބޭނުންވާ ހިސާބަށް ދިއުމުގެ ފެށުމަކަށް ހެދިދާނެ،" މިރޭގެ ފައިނަލުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލަމްޕާޑް ބުންޏެވެ.

މިދިޔަ ސީޒަނުގައި ޑާބީ ކައުންޓީ އަށް ކޯޗުކޮށްދިނުމަށް ފަހު މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ލަމްޕާޑް ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޓްރާންސްފާ މާކެޓްގައި ބައެއް ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އަދި އަންނަ ސީޒަން ފެށުމުގެ ކުރިން އިތުރު ހަރަދުތަކެއް ކުރާނެ ކަމަށް ވެސް ބެލެވެ އެވެ.

މި ސީޒަނުގައި ޗެލްސީއާ ހަވާލުވެ ލަމްޕާޑް ކޮށްފައިވާ މަސައްކަތަށް އާޓެޓާ ވަނީ ތައުރީފުކޮށްފަ އެވެ. އާޓެޓާގެ ނަޒަރުގައި ފައިނަލުގެ ފޭވަރިޓެއް ނެތެވެ. އެހެން ނަމަވެސް ޗެލްސީ ބަލިކުރާނަމަ އާސެނަލުން ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެން ޖެހޭނެ ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ.

އާސެނަލްގެ ޑޭވިޑް ލުއިޒް (ކ) ޗެލްސީގެ މޭސަން މައުންޓް ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ޑޭވިޑް ލުއިޒް (ކ) ޗެލްސީގެ މޭސަން މައުންޓް ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

"އަހަންނަށް ނޭނގެ ފޭވަރިޓެއް އޮތް ކަމެއް. މިއީ ފައިނަލެއް. އެހެންވީމާ ހަމަހަމަ ފުރުސަތެއް އޮންނާނެ. އަހަރެންގެ ހުރިހާ ފޯކަސް އެއް ހުރިހާ ކަމެއް މި ވަގުތު މި ހުރީ އެ ޓްރޮފީ އަހަރެމެން ހޯދާނެ ގޮތަކާ މެދު ވިސްނަން. އެ ނޫން ވާހަކައެއް އަހަންނަށް މުހިއްމެއް ނޫން،" އާޓެޓާ ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުގެ މަގާމު ދޫކޮށް އާސެނަލާ ހަވާލުވުމަށް ފަހު އާޓެޓާ އެ ޓީމަށް މި ސީޒަނުގައި ފައިނަލުގެ ފުރުސަތެއް ހޯދައިދިނުމަކީ ވެސް ކާމިޔާބެއް ނޫންތޯ ސުވާލުކުރުމުން އާޓެޓާ ބުނީ އެއީ އޭނާ ގަބޫލުކުރާނެ ގޮތެއް ނޫން ކަމަށެވެ.

"ފައިނަލަކަށް ދިއުން ކާމިޔާބެއް ކަމަށް އަހަރެން އެއްވެސް އިރަކު ވެސް ގަބޫލެއް ނުކުރަން. އެއީ ފުޓްބޯޅައިގެ ވާހަކަ ދައްކާ ބަޔަކު ގިނަ ފަހަރު ނުބުނާނެ ފައިނަލުގައި ކުޅުނު ޓީމެއްގެ ވާހަކަ. އެ މީހުން ބުނާނީ ފައިނަލުން މޮޅުވެ ތަށި ހޯދި ޓީމުގެ ވާހަކަ،" އާޓެޓާ ބުންޏެވެ.

ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ފައިނަލަކަށް ނުކުންނައިރު އޭނާ އަށް ވެސް މި މެޗު ހާއްސަވާ ކަމަށާއި ބޭނުންވަނީ މިއީ އާސެނަލަށްޓަކައި ހޯދާ މޮޅެއްގެ ގޮތުގައި ފާހަގަކުރަން ކަމަށެވެ. އެ ގޮތުން މި މެޗުން މޮޅުވެ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ކޮލިފައިވާން ބޭނުންވާ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާސެނަލާއި ޗެލްސީ ވަނީ މިދިޔަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅެފަ އެވެ. މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅުނު ޗެލްސީން އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅުނު އާސެނަލް ބަލިކުރީ 4-1 އިންނެވެ. އެފްއޭ ކަޕްގެ ތަށި 13 ފަހަރު އުފުލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް އޮތް އާސެނަލުން ވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ޗެލްސީ ބަލިކޮށްފަ އެވެ. އާސެން ވެންގާގެ ކޯޗުކަމުގައި ކުޅުނު އާސެނަލުން އެ ދުވަހު 2-1 އިން ބަލިކުރީ އެންޓޯނިއޯ ކޮންޓޭގެ ޗެލްސީ އެވެ.

މިރޭގެ ފައިނަލަށް ނުކުންނައިރު ޗެލްސީ އަށް އޮތް އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ އެންގޯލޯ ކާންޓޭ ފިޓްވެފައިވުމެވެ. އެކަމަކު އަނެއްކޮޅުން މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ވިލިއަން އަދިވެސް މުސްތަގުބަލާ މެދު ސީދާ ގޮތެއް ނުނިންމާތީ ލަމްޕާޑަށް ވަނީ ބޮލުގެ ރިހުމެއް ކުރިމަތިވެފަ އެވެ. އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެ ކްލަބްގައި މަޑުކުރުވަން ކުރާ މަސައްކަތުގައި ކާމިޔާބެއް ހޯދުމުގެ ގޮތުން އެފްއޭ ކަޕް ކާމިޔާބުކުރުން ވެސް އޮތީ މުހިއްމުވެފަ އެވެ.

އާސެނަލުން ފައިނަލުގެ ފުރުސަތު ހޯދީ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަޓުވާލުމަށް ފަހު އެވެ. ސެމީގައި ޗެލްސީން ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށެވެ. ވެމްބްލީގައި މިރޭ އާސެނަލާއި ޗެލްސީ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.