Roadha Mihaaru
"އާސެނަލަށް ސިޓީ ބަލިކުރެވޭނެކަން ގަބޫލުކުރަންޖެހޭ"

އާސެނަލަށް ސިޓީ ބަލިކުރެވޭނެކަން ގަބޫލުކުރަންޖެހޭ: އާޓެޓާ

18 ޖުލައި 2020

ލަންޑަން (ޖުލައި 18) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިރޭގެ މެޗަށް ނުކުންނައިރު އާސެނަލް ކުޅުންތެރިން ވިސްނަންވީ މެންޗެސްޓާ ސިޓީ އަކީ ބަލިކުރެވޭނެ ޓީމެއްގެ ގޮތުގައި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލަންޑަން (ޖުލައި 18) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިރޭގެ މެޗަށް ނުކުންނައިރު އާސެނަލް ކުޅުންތެރިން ވިސްނަންވީ މެންޗެސްޓާ ސިޓީ އަކީ ބަލިކުރެވޭނެ ޓީމެއްގެ ގޮތުގައި ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލުން އެންމެ ފަހުން ސިޓީ އަތުން މޮޅުވީ 2017 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ސެމީގަ އެވެ. އޭގެ ފަހުން ކުޅުނު ހަތް މެޗުން ސިޓީ މޮޅުވިއިރު ވަނީ 20 ގޯލު ޖަހައިފަ އެވެ. އެ ހުރިހާ މެޗެއްގައި އާސެނަލަށް ޖެހުނީ އެންމެ ދެ ގޯލެވެ.

ލީގުގައި އެންމެ ފަހުން އާސެނަލް ކުޅުނު މެޗުގައި ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލް އަތުން 2-1 އިން މޮޅުވެފަ އެވެ. މިއީ ފާއިތުވި ފަސް އަހަރު ތެރޭ ލީގުގައި އާސެނަލަށް ލިވަޕޫލް އަތުން ހޯދުނު ފުރަތަމަ މޮޅެވެ. އާޓެޓާ ބުނީ ލިވަޕޫލާ ދެކޮޅަށް ކުޅުނު ރޫހުގައި ކުޅެގެން ސިޓީ ވެސް ބަލިކުރެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

"އަހަރެމެން (ސިޓީއާ ދެކޮޅަށް ކުޅުނު) ކުރީގެ މެޗުތަކަށް ބަލައިގެން އެ އަށް ވިސްނައިގެން މި މެޗަށް ނުކުމެގެން މިކަމެއް ނުވާނެ. އެ އަށް އަހަރެން ވިސްނާނަމަ ވެސް އެ ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް. އަހަރެމެންގެ އިތުބާރަށް ރަނގަޅު ގޮތަކީ މިއީ އާ މެޗެއްގެ ގޮތުގައި ނަގައި އަހަރެމެންނަށް ވެސް ސިޓީ ބަލިކުރެވޭނެ ކަން ގަބޫލުކުރުން. އެކަން ކުރަން ޖެހޭ. އެއީ މި ޓީމު ކުރިއަށްދާނީ އިތުބާރާ އެކު ވިސްނުން ބަދަލުކޮށްގެން،" އާޓެޓާ ބުންޏެވެ.

އާސެނަލް ވަނީ އެފްއޭ ކަޕް 13 ފަހަރު ހޯދައިފަ އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ހައިސިއްޔަތުން އާސެނަލް ކޮޅަށް ތާރީހުން ވެސް ބުރަވާ ކަންތައްތައް ހުރުމަކީ ސަޕޯޓަރުންނަށް ވެސް ލިބޭނެ އުއްމީދެއް ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ.

"މިއީ އެފްއޭ ކަޕް. މި މުބާރާތާ އާސެނަލްގެ ކާމިޔާބުތަކާ ގުޅުން އެބަހުރި. އެ ވިސްނުމުގައި ހަކަތަ ނެރެގެން އަހަރެމެން މަސައްކަތްކުރަންވީ،" އާޓެޓާ ބުންޏެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށިއިރު ސިޓީ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ބަލިވީ 3-0 އިންނެވެ. އެއީ ސިޓީގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށް އާޓެޓާ އާސެނަލާ ހަވާލުވުމަށް ފަހު ސިޓީއާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗެވެ.

ސިޓީ އަކީ އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ސިޓީ ވަނީ ފާއިތުވި ތިން އަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ހުރިހާ ކާމިޔާބީއެއް ގުޅިފައިވާ އެއްތަނަކީ އެ މެޗުތައް ކުޅެފައިވާ ސްޓޭޑިއަމް ވެމްބްލީ އެވެ. ގާޑިއޯލާގެ ވިސްނުމަކީ ވެމްބްލީގައި ސިޓީގެ ރެކޯޑް އިތުރަށް ރަނގަޅު ކުރުމެވެ.

"ވެމްބްލީ އަކީ ވަރަށް ހިތްގައިމު ދަނޑެއް. އަހަރެމެންގެ ކާމިޔާބީތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް ތަނެއް. އަހަރެން ބޭނުންވަނީ އިތުރު ދެ މެޗު އެ ތަނުގައި މި ސީޒަނުގައި ކުޅެ އިތުރު ކާމިޔާބެއް ހޯދަން،" ގާޑިއޯލާ ބުންޏެވެ.

ވެމްބްލީގައި މިރޭ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.